ރާއްޖޭގެ ބައެއް ސަރަހައްދުތަކަށް އިހުސާސް ކުރެވޭ ހޫނުމިން 44 ޑިގްރީ ސެލްސިއަސްއަށް އަރައިފި އެވެ.
މޫސުމާބެހޭ ގައުމީ އިދާރާ -- މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސާވިސް އިން ހާމަކުރި ގޮތުގައި މިއަދު ހެނދުނު 11:00 ގައި ހުޅުލޭގެ ހޫނުމިން 33.1 ޑިގްރީ ސެލްސިއަސްގައި ހުރި ނަމަވެސް އިހުސާސްކުރެވޭ ހޫނުމިން ހުރީ 44.7 ޑިގްރީ ސެލްސިއަސްގަ އެވެ.
ހަނިމާދޫގައި ހޫނުމިން 33.5 ޑިގްރީ ސެލްސިއަސްގައި ހުރިއިރު އިހުސާސްކުރެވޭ ހޫނުމިން ހުރީ 43.7 ޑިގްރީ ސެލްސިއަސްގަ އެވެ.
ކައްދޫގައި ހޫނުމިން 31.6 ޑިގްރީ ސެލްސިއަސްގައި ހުރިއިރު އިހުސާސްކުރެވޭ ހޫނުމިން ހުރީ 41 ޑިގްރީ ސެލްސިއަސްގަ އެވެ. ކާޑެއްދޫގައި ހޫނުމިން 31.8 ޑިގްރީ ސެލްސިއަސްގައި ހުރިއިރު އިހުސާސްކުރެވޭ ހޫނުމިން ހުރީ 41.7 ޑިގްރީ ސެލްސިއަސްގަ އެވެ.
އައްޑޫސިޓީ ގަމުގައި ހޫނުމިން 32 ޑިގްރީ ސެލްސިއަސްގައި ހުރިއިރު އިހުސާސްކުރެވޭ ހޫނުމިން ހުރީ 40.8 ޑިގްރީ ސެލްސިއަސްގަ އެވެ.
މެޓް އޮފީހުން ބުނި ގޮތުގައި މާޗް އަދި އެޕްރީލް މަހަކީ އަހަރުގެ ތެރޭގައި ރާއްޖޭގެ ސަރަހައްދަށް ހޫނުމިން އެންމެ މައްޗަށްދާ ދުވަސްވަރެވެ.
ވިލާ މަދުވުމާއި ވައި މަޑުވުމުން އަދި ވައިގެ ތެތްކަން މަތިކޮށް ހިފެހެއްޓިފައި ހުރުމުގެ ސަބަބުން ވައިގެ ހޫނުމިނަށްވުރެ އިހުސާސްކުރެވޭ ހޫނުމިން މަތިވާ ކަމަށް މެޓް އޮފީހުން ބުނެ އެވެ.
މެޓް އޮފީހުން މީގެ ކުރިން ހާމަކުރި ގޮތުގައި ދުވަހެއްގައި ހޫނުމިން އާންމު ގޮތެއްގައި އެންމެ މައްޗަށްދާނީ މެންދުރުފަހު 2:00 ހާއިރު އެވެ.