ހަބަރު

ހުޅުމާލެ އިން ގޯތި ވިއްކުމުގެ މަސައްކަތް މެދުކަނޑާލައިފި

ހުޅުމާލޭ ދެވަނަ ފިޔަވަހިން ގޯތި ދޫކުރުމަށް ހައުސިން މިނިސްޓްރީ އިން އިއްޔެ އިއުލާންކޮށްގެން ފެށި މަސައްކަތް މެދުކަނޑާލަން އެ މިނިސްޓްރީ އިން މިއަދު ނިންމައިފި އެވެ.

ހުޅުމާލެއިން ގޯތި ވިއްކާ ފޯމު ދޫކުރުމާއި ބަލައިގަތުން ހައުސިން އިން މެދުކަނޑާލީ އެކަމުގައި ކޮރޮޕްޝަނަށް މަގުފަހިވާ ކަންކަން ހުރި ކަމަށް ބުނެ އިދިކޮޅު ފަރާތްތަކުން އެންޓި ކޮރޮޕްޝަން ކޮމިޝަން (އޭސީސީ)ގެ ސަމާލުކަމަށް ގެނައުމުން އެ ކޮމިޝަނުން ހައުސިން މިނިސްޓްރީއަށް އެންގުމާ ގުޅިގެނެވެ.

ގޯތި ވިއްކާ ފޯމު ދޫކުރުމަށް އޭސީސީ އިން އަންގާފައި ވަނިކޮށް ވެސް އިއްޔެ 4:30 އިން ފެށިގެން ހައުސިން މިނިސްޓްރީ އިން ވަނީ އެ އެންގުމާ ހިލާފަށް ފޯމު ދޫކޮށްފަ އެވެ. ގިނަ ބަޔަކު ހައުސިން މިނިސްޓްރީ އިން ފޯމް ނެގިއިރު އޮންލަައިންކޮށް ވެސް ޑައުންލޯޑު ކުރުމަށް ވަނީ ހުޅުވާލައިފަ އެވެ.

ހައުސިން މިނިސްޓްރީ އިން ނިންމާފައި ވަނީ ފޯމް ބަލައިގަންނަ ވަގުތުތައް މިއަދު އިއުލާން ކުރުމަށެވެ. ނަމަވެސް މިހާރު އެކަން ވަނީ މެދުކަނޑާލައިފަ އެވެ.

ހުޅުމާލެއިން ވިއްކުމަށް ހަމަޖެހިފައި ވަނީ 400،000 ރުފިޔާއަށް 1000 އަކަފޫޓު ގޯއްޗެވެ. 400 މީހުންނަށް ގޯތި ދޫކުރުމަށް ވަނީ ނިންމައިފަ އެވެ. ހައުސިން އިން ބުނީ އެޑްވާންސްކޮށް 25،000 ރުފިޔާ ދެއްކުމަށް ފަހު 10 އަހަރަށް ބަހާލައިގެން ވެސް ގޯތި ނެގެ އެވެ. އަދި މި ހަފްތާގެ ތެރޭގައި ގުރުއަތު ނަގާ ގޯތިތައް ދީ ނިންމުމަށް ހައުސިން މިނިސްޓްރީ އިން ވަނީ ނިންމައިފަ އެވެ.

އެކަމާ އިދިކޮޅު ފަރާތްތަކުން ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ. އެއީ ރިޔާސީ އިންތިހާބު ކާމިޔާބު ކުރައްވައި އިބްރާހިމް މުހައްމަދު ސޯލިހު ވެރިކަމާ ހަވާލުވުމުގެ މަސައްކަތް ކުރަމުންދާ ދަނޑިވަޅުގައި އެފަދަ އެއްވެސް ކަމެއް ނުކުރުމަށް ޑިރެކްޓާ ޖެނަރަލް އޮފް ޓްރާންސިޝަން ވެސް އަންގާފައިވަނިކޮށް ގޯތި ވިއްކަން ނިންމުމާ ގުޅިގެނެެވެ. އިދިކޮޅު ފަރާތްތަކުން ބުނާ ގޮތުން ވެރިކަން ބަދަލުވުމުގެ މަރުހަލާގައި އެއްބާރުލުން ނުދެނީ ހަމައެކަނި ހައުސިން މިނިސްޓްރީ އިންނެވެ.

އޭސީސީ އިން އަންގައިގެން ހައުސިން މިނިސްޓްރީ އިން ވަނީ "ހިޔާ" މަޝްރޫގެ އިދާރީ މަސައްކަތްތައް ވެސް ހުއްޓާލައިފަ އެވެ.