ހަބަރު

400 ގޯތި ދޫކުރެވޭނީ އާ އުސޫލެއް އެކުލަވާލައިގެން: އޭސީސީ

ހުޅުމާލެ ދެވަނަ ފިޔަވަހިން 400 ގޯތި ދޫކުރެވޭނީ އާ އުސޫލެއް އެކުލަވާލައިގެން ކަމަށް އެންޓި ކޮރޮޕްޝަން ކޮމިޝަން (އޭސީސީ) އިން ބުނެފި އެވެ.

ހައުސިން މިނިސްޓްރީއިން މިދިޔަ އާދީއްތަ ދުވަހު އިއުލާންކޮށްފައި ވަނީ ހުޅުމާލޭ ދެވަނަ ފިޔަވަހިން 1000 އަކަފޫޓުގެ 400 ގޯތި ދޫކުރުމަށެވެ. އަދި ހަފްތާއެއްގެ ތެރޭގައި އިދާރީ މަސައްކަތްތައް ނިންމާ، އަންނަ ހޮނިހިރު ދުވަހު ގުރުއަތު ނަގައިގެން ގޯތި ދޫކުރުމަށެވެ. ނަމަވެސް އެކަމުގައި ނާޖާއިޒް ފައިދާއަށް މަގުފަހިވާ ކަންކަން ހުރުމުން އޭސީސީއިން ވަނީ އެކަން ހުއްޓުވަައިފަ އެވެ.

އެ މައްސަލަ ބެލުމަށް ފަހު އޭސީސީއިން މިއަދު ބުނީ ހުޅުމާލެ ދެވަނަ ފިޔަވަހީގެ ދަށުން ދޫނުކޮށްހުރި ބިންތަކުގެ ތެރޭގައި ހިމެނޭ ސިނާއީ މަސައްކަތްތަކަށް ކަނޑައަޅުއްވާފައިވާ ހުރިހާ ބިންތަކެއް ހައުސިން މަޝްރޫއުތަކެއް ކުރިއަށް ގެންދެވުމަށް ބޭނުންކުރައްވާގޮތަށް ނިންމަވައިފިކަމުގައި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން އެޗްޑީސީ އަށް ސިޓީއަކުން އަންގާފައިވާ ކަމަށެވެ. ހުޅުމާލޭގެ ދެވަނަ ފިޔަވަހިން ދޫކުރުމަށް ހަމަޖައްސާފައިވާ ގޯތިތައް ވިއްކުމުގެ މަގްސަދަކީ އެޗްޑީސީ އަށް ކޭޝްފްލޯގެ ދަތިތަކެއް ކުރިމަތިވެފައިވާތީ ކަމަށާއި އެކަމަށް ހައްލެއް ހޯދުމުގެ ގޮތުން ކަން އެނގެން އޮންނަ ކަމަށް އޭސީސީ އިން ބުންޏެވެ.

އެގޮތުން މާލޭގެ ރައްޔިތުންގެ ތެރެއިން ގޯތިގެދޮރުގެ ދަތިކަން އެންމެ ބޮޑަށް ކުރިމަތިވެފައިވާ ފަރާތްތަކަށް ހާއްސަކޮށްގެން ހުޅުމާލޭގެ އެތެރެއިން ސޯޝަލް ހައުސިންއަށް 400 ބިން، އަކަފޫޓަކަށް 300 ރުފިޔާ އާއި 400 ރުފިޔާއާ ދެމެދު އަގަކަށް ވިއްކުމަށާއި، އަދި މީޑިއަމް-ހައި އެންޑް އަށް ހާއްސަކޮށްގެން ބީޗް ފްރަންޓް ސަރަހައްދުން 100 ބިން ފެށޭ އަގެއްގެ ގޮތުގައި އަކަފޫޓަކަށް 2000ރ. ރޭޓުން ބީލަމަށް ހުޅުވާލައިގެން ވިއްކުމަށާއި ސޯޝަލް ހައުސިން ވިއްކާ ފަރާތްތަށް ކަނޑައަޅާނީ ހައުސިން މިނިސްޓްރީން ކަނޑައަޅާ އުސޫލެއްގެ ދަށުން އެ މިނިސްޓްރީންކަމަށް އިކޮނޮމިކް އެންޑް ޔޫތު ކައުންސިލުން ނިންމާފައިވާ ކަމަށް އޭސީސީ އިން ބުންޏެވެ. އަދި ހުޅުމާލޭގެ ދެވަނަ ފިޔަވަހިން ބިން ވިއްކުން އެންމެ ރަނގަޅުކަމަށް ބަޔާންކޮށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން އެޗްޑީސީ އަށް ސިޓީއެއް ފޮނުވާފައިވާ ކަމަށް ވެސް އެ ކޮމިޝަނުން ބުންޏެވެ.

އޭސީސީ އިން ބުނީ ހައުސިން މިނިސްޓްރީއަށް ސޯޝަލް ހައުސިން ގެގޮތުގައި ހުޅުމާލެ ދެވަނަ ފިޔަވަހިން 400 ގޯތި ދޫކުރުމުގެ ކަންތައްތައް ކުރިޔަށް ގެންދެވޭނީ އެޗްޑީސީގެ ޑިރެކްޓަރުންގެ ބޯޑުން އެ ބިންތައް ސޯޝަލް ހައުސިންގެ ގޮތުގައި ދޫކުރުމަށް ނިންމައި، އެ ޕްރޮސެސް ކުރިޔަށް ގެންދިއުމަށް ހައުސިން މިނިސްޓްރީއާ ހަވާލުކޮށްފައިވާ ނަމަ ކަމަށެވެ. އެގޮތުން މާލޭގައި ދިރިއުޅޭ ރައްޔިތުންގެ ތެރެއިން ގޯތި ގެދޮރުގެ ދަތިކަން އެންމެ ބޮޑަށް ކުރިމަތިވެފައިވާ ފަރާތްތަކަށް ހާއްސަކޮށްގެން ހުޅުމާލޭގެ އެތެރެއިން ސޯޝަލް ހައުސިންއަށް 400 ބިން، އަކަފޫޓަކަށް 300 ރުފިޔާ އާއި 400 ރުފިޔާއާ ދެމެދު އަގަކަށް ވިއްކުމަށް އެ ކުންފުނިން ނިންމާފައިވާ ކަމަށާއި، އަދި މި ބިންތައް ދޫކުރާ ފަރާތްތައް ކަނޑައަޅާނީ ހައުސިން މިނިސްޓްރީން ކަނޑައަޅާ ހަމަހަމަ އުސޫލެއްގެ ދަށުންކަމަށް އެޗްޑީސީ އިން ހައުސިން މިނިސްޓްރީއަށް ސިޓީއަކުން އަންގާފައިވާ ކަމަށް އޭސީސީ އިން ބުންނެވެ.

އެހެންކަމުން އެ މަޝްރޫއު އަލުން ކުރިޔަށް ގެންދެވޭނީ ގޯތި ދޫކުރުން އަލުން ކުރިޔަށް ގެންދެވޭނީ މާލޭގެ ރައްޔިތުންގެ ތެރެއިން ގޯތިގެދޮރުގެ ދަތިކަން އެންމެ ބޮޑަށް ކުރިމަތިވެފައިވާ ފަރާތްތައް ބެލޭނެފަދަ ގޮތަކަށް ގޯތި ދޫކުރުމުގެ އުސޫލެއް އެކުލަވައިލައި، އެ އުސޫލު އާއްމުކޮށް ޝާއިއުކުރުމަށް ފަހު އެކަށީގެންވާ މުއްދަތެއް ދީ ފޯމްތައް އިވެލުއޭޓުކޮށްގެން ކަމަށް އޭސީސީއިން ބުންޏެވެ.