ހަބަރު

ހުޅުމާލޭން ފްލެޓްތައް ދިނުމުގައި ކޮރަޕްޝަނެއް ނެތް: އޭސީސީ

ގެދޮރުވެރިކަމުގެ ޕްރޮގްރާމްގެ ދަށުން ހުޅުމާލޭގައި އަލަށް ހެދި 704 ފްލެޓް ދޫކުރުމުގައި ކޮރަޕްޝަންގެ އަމަލެއް ހިންގާފައިވާ ކަމުގެ ހެކި ލިބިފައި ނުވާ ކަމަށް އެންޓި ކޮރަޕްޝަން ކޮމިޝަން، އޭސީސީއިން ބުނެފި އެވެ. އޭސީސީއިން މިހެން ބުނީ، ފްލެޓަށް ކުރިމަތިލީ މީހުންނަށް މާކްސް ދިނުމުގައި އޮޅުވާލުންތަކެއް ހުރި ކަމަށް ބުނެ ބައެއް ފަރާތްތަކުން އެ ކޮމިޝަނަށް ހުށަހެޅި ޝަކުވާ ބެލުމަށްފަހު އެވެ.

އެ ކޮމިޝަނުން މިއަދު ބުނީ، ގެދޮރުވެރިކުރުވުމުގެ ޕްރޮގްރާމްގެ ދަށުން ހުޅުމާލެއިން ފްލެޓަށް އެދި ހުށަހެޅި ފަރާތްތަކުގެ ފޯމްތައް ބަލައިގަތްއިރު ފޯމްތަކުގައި ބަޔާންކޮށްފައިވާ މައުލޫމާތާއި ހުށަހަޅާފައިވާ ލިޔުންތަކުގެ މައްޗަށް ބިނާކޮށް ކޮމްޕިއުޓާ ޖެނެރޭޓެޑް ސްލިޕްއެއް ފޯމް ހުށަހެޅި ފަރާތްތަކަށް ދޫކޮށްފައިވާ ކަމަށެވެ. އެ ސްލިޕްގެ ތިރީގައި “މިއީ ފޯމްގައި ދެވިފައިވާ މައުލޫމާތަށް ބަލައި ދެވިފައިވާ ޕޮއިންޓް ކަމަށާއި، ފޯމްގައިވާ މައުލޫމާތާއި ހުށަހަޅާފައިވާ ލިޔުންތައް އިތުރަށް ޗެކްކުރާއިރު ޕޮއިންޓް ދިނުމުގައި މައްސަލައެއް އުޅޭ ނަމަ ދީފައިވާ ޕޮއިންޓް އިސްލާހު ކުރެވޭނެ ކަމަށް” ބަޔާންކޮށްފައިވެއެވެ.

އެހެންކަމުން، އެ ސްލިޕްގައި އެވާ ޕޮއިންޓްއަކީ އެއްވެސް ހާލަތެއްގައި އެ ފަރާތްތަކަށް ލިބިފައިވާ ފައިނަލް ޕޮއިންޓް ނޫން ކަމަށެވެ. ޝަކުވާ ހުށަހެޅި ފަރާތްތަކުގެ ތެރެއިން ބައެއް ފަރާތްތަކުގެ ޕޮއިންޓް އުނިއިތުރު ކޮށްފައިވަނީ އެފަރާތްތަކުން ހުށަހަޅާފައިވާ ފޯމާއި، ފޯމާއެކު ހުށަހަޅާފައިވާ މައުލޫމާތާއި، އަދި ފްލެޓަށް އެދި ފޯމު ހުށަހެޅިތާ އަހަރުތަކެއްވެފައިވާތީ އެ ފަރާތްތަކުގެ ދިރިއުޅުމުގެ ހާލަތު އިތުރަށް ބެލުމަށްފަހު ދިރިއުޅުމުގެ ހާލަތު ބަދަލުވެފައިވާތީ ކަމަށް ވެސް އޭސީސީއިން ބުންޏެވެ.

އޭސީސީއިން ބުނީ، ފްލެޓަށް އެދި ފޯމް ހުށަހެޅި ފަރާތްތަކުގެ ތެރެއިން ބައެއް ފަރާތްތަކުގެ ދިރިއުޅުމުގެ ހާލަތު ވަޒަން ކުރުމަށް ގޭގެއަށް ޒިޔާރަތްކޮށް ސާވޭ ކުރުމުގެ މަސައްކަތް އެކިއެކި ސަބަބުތަކާހުރެ ނިމިފައެއް ނުވާ ކަމަށެވެ. އެއީ، އެ ފަރާތްތަކުގެ ދިރިއުޅުން ރާއްޖެއިން ބޭރަށް ބަދަލުކުރެވިފައިވުމާއި، މާލެއިން އަތޮޅުތެރޭގެ ރަށްރަށަށް ދިރިއުޅުން ބަދަލުކުރެވިފައިވުމާއި، ވަޒީފާގެ ގޮތުން ދިރިއުޅޭ ތަނަށް ޒިޔާރަތްކޮށް ހާލަތު ބެލެން ނެތުމުންނާއި، ދިރިއުޅޭ އެޑްރެސް ބަދަލުވުމާއި، ތަކުރާރުކޮށް ގުޅުމުންވެސް ދިމާނުވުމުންނާއި، ފޯނު ނަންބަރު ބަދަލުވުމުން ފޯނަށް ނުގުޅުން ފަދަ ކަންތައްތައް ދިމާވުމުންނެވެ.

ނަމަވެސް، އެފަދަ ފަރާތްތަކަށް އިތުރު ފުރުސަތު ދިނުމުގެ ގޮތުން އެފަރާތްތަކުން 01 ޖޫން 2017 ގެ ކުރިން ހައުސިން މިނިސްޓަރީއަށް ސިޓީ ހުށަހެޅުމަށާއި، ނުވަތަ ފޯނު މެދުވެރިކޮށް އެކަން އެންގުމަށާއި، އަދި 15 ޖޫން 2017 ގެ ފަހުން ދިރިއުޅުމުގެ ހާލަތު ވަޒަން ކުރުމަށް ގޭގެއަށް ޒިޔާރަތްކޮށް ސާވޭ ކުރުމުގެ މަސައްކަތް ކުރުމަށް އިތުރު ފުރުސަތު ދެވެން ނެތް ކަމަށް ބަޔާންކޮށް މިނިސްޓްރީން އިއުލާން ކޮށްފައިވާކަން ވެސް އޭސީސީއިން ފާހަގަކުރި އެވެ. އެ މުއްދަތުގައި ސާވޭ ކުރުމަށް އެދި ހުށަހެޅި ފަރާތްތަކުގެ ގޭގެއަށް ޒިޔާރަތްކޮށް އެ ފަރާތްތަކުގެ ދިރިއުޅުމުގެ ހާލަތު ބަލާފައިވާ ކަމަށެވެ.

ފްލެޓް ނުލިބިގެން މިނިސްޓްރީއަށް ޝަކުވާ ހުށަހެޅި ފަރާތްތަކުގެ ޝަކުވާތަކާ ގުޅިގެން އެފަރާތްތަކުގެ ފޯމާއި، ފޯމާއެކު ހުށަހަޅާފައިވާ މައުލޫމާތާއި، އަދި އެފަރާތްތަކުގެ ދިރިއުޅުމުގެ ހާލަތު މިނިސްޓްރީއިން އިތުރަށް ބެލުމަށްފަހު، ޕޮއިންޓަށް ބަދަލު ގެންނަންޖެހޭ ފަރާތްތަކަށް އެބަދަލު ގެނެސް، އޭގެ ތެރެއިން ފްލެޓް ލިބެންޖެހޭ ފަރާތްތަކަށް ފްލެޓް ދީފައިވާކަން ވެސް އޭސީސީއިން ފާހަގަކުރި އެވެ.

އޭސީސީއިން ބުނި ގޮތުގައި ކެޓަގަރީ 1 އިން ފްލެޓް ލިބެނީ 110 ޕޮއިންޓަށްވުރެ މަތިން ޕޮއިންޓް ލިބުނު ފަރާތްތަކަށް އަދި ކެޓަގަރީ 2 އިން ފްލެޓް ލިބެނީ 112 ޕޮއިންޓަށްވުރެ މަތިން ޕޮއިންޓް ލިބުނު ފަރާތްތަކަށް ކަމަށްވާއިރު، ކެޓަގަރީ 1 އިން ފުލެޓް ލިބުނު ފަރާތްތަކަކީ 110 ޕޮއިންޓަށްވުރެ މަތިން ޕޮއިންޓް ލިބިފައިވާ ފަރާތްތަކަށެވެ. އަދި ކެޓަގަރީ 2 އިން ފުލެޓް ލިބުނު ފަރާތްތަކަކީ 112 ޕޮއިންޓަށްވުރެ މަތިން ޕޮއިންޓް ލިބިފައިވާ ފަރާތްތައް ކަމަށެވެ.