ހަބަރު

ހަފުތާތެރޭ ހާހަކަށްވުރެ ގިނަ މީހުން ފްލެޓް ފޯމް ލައިފި

އާންމުން ގެދޮރުވެރި ކުރުވުމަށް ސަރުކާރުން ފަށާފައިވާ "ހިޔާ" މަޝްރޫއުގެ ދަށުން ހުޅުމާލޭގައި އަލަށް އިމާރާތް ކުރާ 7000 ފްލެޓަށް އެދެން ހުޅުވާލި ފުރުސަތުގައި ފޯމް ނެގި ބައި ލައްކަ މީހުނަށް ފޯމް ފުރިހަމަކޮށް ހުށަހަޅަން ހުޅުވާލުމާއެކު ފާއިތުވި އެއް ހަފުތާގެ ތެރޭގައި ހާހަކަށްވުރެ ގިނަ މީހުން ފޯމް ފުރިހަމަކޮށް، ހުށަހަޅައިފި އެވެ.

ފްލެޓް ފޯމް ބަލައިގަންނަން ހައުސިން މިނިސްޓްރީން ފަށާފައިވަނީ މިމަހުގެ ތިން ވަނަ ދުވަހު އެވެ. ފޯމް ބަލައި ގަންނަން ފެށުމުން ފޯމް ލާން ވެސް ގިނަ ބަޔަކު ވަނީ ދަރުބާރު ގެއަށް ގޮސްފައެވެ. ފްލެޓް ފޯމްތައް ބަލައިގަންނަން ދަރުބާރުގޭގައި 20 ކައުންޓަރެއް ބަހައްޓާފަ އެވެ.

ހައުސިން މިނިސްޓްރީގެ އޮފިޝަލަކު މިއަދު ވިދާޅުވީ ހިޔާ މަޝްރޫގައި މިހާތަނަށް އައި ހުރިހާ މަރުހަލާއެއްގައި ވެސް އާންމުންގެ ތަރުހީބު ވަރަށް ބޮޑަށް ލިބެމުން އަންނަ ކަމަށެވެ. އެގޮތުން ފޯމް ބަލައިގަންނަން ފެށިފަހުން މިހާތަނަށް 1000 އަށްވުރެ ގިނަ މީހުންގެ ފޯމް މިނިސްޓްރީގެ ކައުންޓަރުތަކަށް ބަލައިގެންފައިވާ ކަމަށެވެ.

"މިނިސްޓްރީން ބޭނުންވަނީ މި މުއްދަތުގެ ތެރޭގައި ވީހާވެސް އަވަހަށް ފޯމްތައް ފުރިހަމަކުރުމަށްފަހު ހުށަހެޅުމަށް،" ހައުސިން އިން ބުންޏެވެ.

"ހިޔާ" ފްލެޓްތަކަށް ފޯމް ހުށަހެޅުމުގެ ސުން ގަޑިއަކީ ޖުލައި 31 އެވެ. ހަފްތާއެއްގެ ތެރޭގައި ގިނަ އަދަދެއްގެ ބަޔަކު ފޯމް ހުށަހަޅާފައިވާއިރު، ހިޔާ މަޝްރޫއުގެ ފޯމްތައް ދޫކުރަން ފެށުމުން ވެސް އެތައް ހާސް ބަޔަކު ވަނީ އެ ފޯމް ނަގާފަ އެވެ. ގާތްގަނޑަކަށް ބައި ލައްކައާ ގާތް ކުރާ އަދަދަކަށް މީހުން ފޯމް ނަގާފައި ވެއެވެ.