12 މެންބަރުންގެ މައްސަލަ

ލޯޔަރު ވައްޑެގެ މެންބަރުކަން ނުގެއްލޭ ކަމަށް ސުޕްރީމް ކޯޓުން ކަނޑައަޅައިފި

ޕީޕީއެމްއިން ވަކިކުރުމުގެ ސަބަބުން ގޮނޑި ގެއްލުނު ކަމަށް އިލެކްޝަންސް ކޮމިޝަނުން ކަނޑައެޅި ތުލުސްދޫ ދާއިރާގެ މެންބަރު، އިބްރާހިމް ވަހީދު، ލޯޔަރު ވައްޑެގެ ގޮނޑި ނުގެއްލޭ ކަމަށް ސުޕްރީމް ކޯޓުން ދާދި ދެންމެއަކު ހުކުމް ކޮށްފި އެވެ. އެ ގޮތަށް ހުކުމް ކުރީ ސުޕްރީމް ކޯޓްގެ ފަސް ފަނޑިޔާރުންގެ ފުލް ބެންޗްގެ އިއްތިފާގުންނެވެ.

ފަސް ފަނޑިޔާރުންގެ އިއްތިފާގުން މިއަދު އިއްވި ހުކުމްގައި ބުނެފައިވަނީ ސުލޫކީ ފިޔަވަޅެއްގެ އުސޫލުން ވައްޑެ މިދިޔަ އަހަރުގެ މާޗް މަހުގެ 28 ވަނަ ދުވަހު ވަކިކޮށްފައިވާކަން އެނގެން އޮންނަ ކަމަށެވެ. އެކަން ސިޓީއަކުން ޕީޕީއެމްއިން ވައްޑެއަށް އަންގާފައިވާއިރު އެ ސިޓީގެ ކޮޕީއެއް އިލެކްޝަން ކޮމިޝަނަށް ވެސް ފޮނުވާފައިވާ ކަމަށެވެ.

ސުލޫކީ ފިޔަވަޅު އިސްތިއުނާފުކުރުމަށް ލިބޭ 15 ދުވަހުގެ ތެރޭގައި ވައްޑެގެ ފަރާތުން އިސްތިއުނާފުކޮށްފައިނުވާކަން އެނގެން އޮންނަ ކަމަށާއި ޕީޕީއެމްގެ އަސާސީ ގަވައިދުގައިވާ ގޮތުން ސުލޫކީ ފިޔަވަޅެއް އިސްތިއުނާފު ކުރެވޭނީ ހަމައެކަނި އެ މެންބަރަކަށްކަން އެނގެން އޮންނަ ކަމަށް ހުކުމްގައިވެ އެވެ. ޕާޓީއަށް ނޫނީ އެހެން މެންބަރަކަށް އިސްތިއުނާފު ނުކުރެވޭނެ ކަމަށެވެ.

ނަމަވެސް އެކަން އިސްތިއުނާފު ޕީޕީއެމްއިން ކުރި ކަމަށް ބުނެފައިވާ ކަމަށާއި ވައްޑެއާ ގުޅޭ އިތުރު ސުލޫކީ މައްސަލައެއް ވެސް ބަލާފައިވާކަން އެނގެން އޮންނަ ކަމަށް ހުކުމްގައިވެ އެވެ. ހުކުމްގައިވާ ގޮތުން އެކަން އެގޮތަށް ނުކުރެވޭނެ އެވެ. އެއީ ޕީޕީއެމްއިން ވައްޑެ ވަކިވި ކަމަށް ބެލޭނެ ގާނޫނީ ތާރީހަކީ 28 މާޗް ކަމަށާއި އޭނާ އަލުން ޕާޓީއަށް ވަންނަން އެއްވެސް އިޖުރާއަތެއް ފުރިހަމަކޮށްފައިނުވާތީ އެވެ.

އޭގެ އިތުރުން ސުލޫކީ ފިޔަވަޅު އަޅައި ޕާޓީއިން ވަކިކުރުމުން ވެސް އިލެކްޝަން ކޮމިޝަންގައި އޮންނަ ޕީޕީއެމްގެ ދަފުތަރުން އޭނާގެ ނަން އުނިކޮށްފައިނުވާތީ ނަން އުނިކޮށްދިނުމަށް 10 ޖުލައިގައި ވައްޑެ އިލެކްޝަން ކޮމިޝަނަށް ސިޓީ ފޮނުއްވާފައިވާކަން އެނގެން އޮންނަ ކަމަށާއި ޖުލައި މަހުގެ 11 ވަނަ ދުވަހު ޕާޓީއިން ވަކިވާ ފޯމް ވެސް ވައްޑެ އިލެކްޝަން ކޮމިޝަނަށް ހުށަހަޅާފައިވާކަން އެނގެން އޮތް ކަމަށް ހުކުމްގައިވެ އެވެ. މެންބަރަކަށް ޕާޓީއިން ވަކިވާން އެދިއްޖެނަމަ އެކަން ކޮށްދިނުމަކީ ސިޔާސީ ޕާޓީތަކުގެ ގާނޫނުގެ ދަށުން އިލެކްޝަން ކޮމިޝަންގެ މަސްއޫލިއްޔަތެއް ކަމަށް ހުކުމްގައިވެ އެވެ.

އިލެކްޝަން ކޮމިޝަނުން އެ ކޮމިޝަންގެ މަސްއޫލިއްޔަތު އަދާކޮށްފައިނުވުމަކީ ވައްޑެ ހައްގަށް އުނިކަން އަންނަންޖެހޭނެ ކަމެއް ނޫން ކަމަަށް ވެސް ހުކުމްގަައި ވަނީ ފާހަގަކޮށްފަ އެވެ.

މާޗް މަހުގެ 28 ވަނަ ދުވަހުން ފެށިގެން ވައްޑެއަކީ ޕީޕީއެމްގެ މެންބަރަކަށް ނުވާއިރު އޭގެ ފަހުން ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހުގެ އިތުބާރު ނެތް ކަމުގެ ގަރާރުގައި ވައްޑެ ސޮއިކުރެއްވުމުން، އެ ސޮއި އަނބުރާ ނަގަން ޕީޕީއެމްއިން އެންގި އެންގުމަކީ ސައްހަ އެންގުމެއް ނޫން ކަމަށް ހުކުމްގައިވެ އެވެ.

ހުކުމްގައިވާ ގޮތުން މަސީހުގެ އިތުބާރު ނެތް ކަމުގެ ގަރާރަކީ ވެސް ސުޕްރީމް ކޯޓުން ފްލޯ ކްރޮސިންއާ ގުޅޭ ގޮތުން ނެރުނު ހުކުމްގެ ކުރީގައި އެކުލަވާލި ގަރާރެއް ކަމަށާއި އެހެންވެ އެ ގަރާރާ ގުޅިގެން ވެސް ވައްޑެ ގޮނޑި ގެއްލުވާލެވޭނެ ހަމައެއް ނެތް ކަމަށެވެ. މިއަދު އިއްވި ހުކުމްގައިވާ ގޮތުން ފްލޯ ކްރޮސިންއާ ގުޅޭ ހުކުމްގައިވާ އެއްވެސް ކަމެއް އެ ހުކުމްގެ ކުރިން ހިނގާފައިވާ ކަމެއްގެ މައްޗަށް އެޕްލައިއެއް ނުކުރެވޭނެ އެވެ.

އިންތިހާބުވާ ޕާޓީން ވަކިވެއްޖެނަމަ ނޫނީ ޕާޓީ ބަދަލުކޮށްފިނަމަ ގޮނޑި ގެއްލޭނެ ކަމަށް ސުޕްރީމް ކޯޓުން ހުކުމްކުރީ މިދިޔަ އަހަރުގެ ޖުލައި މަހުގެ 13 ވަނަ ދުވަހު އެވެ. އެ ހުކުމް ހޯދުމަށް ބަންޑާރަ ނައިބުގެ ފަރާތުން ދުސްތޫރީ މައްސަލައެއް ވެއްދީ މަސީހުގެ އިތުބާރު ނެތް ކަމުގެ މައްސަލާގައި ގިނަ މެންބަރުންތަކެއް ސޮއި ކުރެއްވުމުންނެވެ.

ހުކުމްގައިވާ ގޮތުން ތުލުސްދޫ ދާއިރާގެ މެންބަރަކީ އަދިވެސް ވައްޑެ އެވެ. އޭގެ އިތުރުން އެ މައްސަލާގައި އިތުރު ގޮތެއް ކަނޑައަޅަން ނުޖެހޭ ކަމަށް ބުނެ މީގެކުރިން ސުޕްރީމް ކޯޓުން ނިންމި ނިންމުން ވަނީ ބާތިލްކޮށްފަ އެވެ.