ހަބަރު

ރޭ ކަރަންޓުގައި ޖެހުނު ކުއްޖަކު ސީރިއަސް ހާލަތުގައި

Oct 9, 2018

ވިލާ ކޮލެޖް ކުރިމަތީގައި އޮންނަ ހުސް ބިމަށް ރޭ އިރާކޮޅު ކުޅެން ގޮސް އުޅުނު 17 އަހަރުގެ ފިރިހެން ކުއްޖަކު، ވެއްޓިފައި އޮތް ހޮޅިދަނޑިއެއް ނަގަން އުޅުމުގެ ތެރޭގައި ކަރަންޓުގައި ޖެހި ވަރަށް ބޮޑަށް އަނިޔާވެއްޖެ އެވެ.

މައުލޫމާތު ލިބޭ ގޮތުގައި އެ ކުއްޖާ ކަރަންޓުގައި ޖެހުނީ އެތަނުގައި ހަރުކޮށްފައި ހުރި ހޮޅިދަނޑިތަކުގެ ތެރެއިން ހޮޅިދަނޑިއެއް ވެއްޓިފައި އޮއްވާ އެ ނަގަން އުޅުމުގެ ތެރޭގަ އެވެ.

ފުލުހުން ބުނީ ރޭ 8:20 ހާއިރު އެފަދަ ހާދިސާއެއް ހިނގައިގެން ބަޔަކު ރިޕޯޓުކުރި ކަމަށެވެ.

ކަރަންޓުގައި ޖެހުނު ކުއްޖާ ވަގުތުން ގެންދިޔައީ ފަރުވާއަށް އައިޖީއެމްއެޗަށެވެ. އެ ހޮސްޕިޓަލުން ބުނީ، ކުއްޖާ ގެނައި އިރު އޮތީ ހޭނެތިފައި ކަމަށެވެ. އަދި ވަގުތުން އައިސީޔޫގައި ފަރުވާދޭން ފަށާފައިވާ ކަމަށާއި މިހާރުވެސް އައިސީޔޫގައި ފަރުވާދެމުންދާ ކަމަށެވެ. ކަރަންޓުގައި ޖެހުމުގެ ސަބަބުން ފިރިހެންކުއްޖާ އަށް ލިބިފައިވަނީ ކިހާވަރެއްގެ އަނިޔާއެއް ކަމެއް އަދި ސާފެއްނުވެ އެވެ.