ހަބަރު

އަލީ ޑީޖޭއޭއަށް ހާޒިރުކުރީ އެސްސީގެ އަމުރަކަށް ފާޑުކިޔައިގެން

ކެންދޫ ދާއިރާގެ މެންބަރު އަދި ގާނޫނީ ވަކީލް އަލީ ހުސައިން ޑިޕާޓްމެންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން، ޑީޖޭއޭ އަށް ހާޒިރު ކުރީ ސުޕްރީމް ކޯޓްގެ އަމުރަކާ ގުޅިގެން ދެއްކި ވާހަކަތަކެއްގެ ސަބަބުން ކަމަށް އޭނާ ވިދާޅުވެއްޖެ އެވެ.

އަލީ ހުސެއިން ވިދާޅުވީ، އޭނާ މިއަދު ޑީޖޭއޭއަށް ހާޒިރު ކުރީ އިލެކްޝަންސް ކޮމިޝަންގެ ނިންމުން ބާތިލްކޮށް، މަޖިލީހުގެ 12 މެންބަރުންގެ މައްސަލާގައި ސުޕްރީމް ކޯޓުން ނެރުނު ވަގުތީ އަމުރާއި ގުޅިގެން ވީޓީވީގައި ދައްކާފައިވާ ވާހަކަތަކަކާ ބެހޭގޮތުން ސުވާލު ކުރުމަށް ކަަމަށެވެ.

ވީޓީވީގައި ދެއްކި ވާހަކަތަކުގައި އަލީ ހުސެއިން ވިދާޅުވެފައިވަނީ، އީސީން ރައްޔިތުންގެ މަޖިލީހުގެ ގޮނޑި ގެއްލުނު ކަމަށް ބުނި 12 މެމްބަރުންގެ މައްސަލާގައި އިލެކްޝަންސް ކޮމިޝަނުން ފަހުން ނިންމި ނިންމުމާއެކު ގޮނޑީގެ މައްސަލާގައި ސުޕްރީމް ކޯޓުން ނިންމަންޖެހޭ އިތުރު ނިންމުމެއް ނެތް ކަމަށެވެ. އަދި ދައުވާ ހުށަހެޅި ފަރާތުން ހުށަހެޅި ދައުވާ ނެތިދިއުމުން ނުވަތަ ދައުވާއަށް އިންކާރު ކުރާ ފަރާތުން އެއީ ނެތް ދައުވާއެއް ކަމަށް ބުނުމުން ކޯޓުން އެކަމާ ދައްކާނެ އިތުރު ވާހަކައެއް އޮވެގެން ނުވާނެ ކަމަށްވެސް އަލީ ހުސެއިން ވިދާޅުވެފައި ވެއެވެ.

އަލީ ހުސެއިން ވިދާޅުވީ، ޑީޖޭއޭއިން އޭނާއާ ސުވާލުކޮށްފައިވަނީ ސުޕްރީމް ކޯޓުން ނިންމަން ޖެހޭ ނިންމުމެއް ނެތް ކަމަށް ދެކޭ ކަމަށް ދެއްކި ވާހަކަތަކަކީ ކޯޓުގެ ހުރުމަތް ކެނޑުން ކަމަށް ގަބޫލު ކުރައްވާތޯ އެވެ. އާއި ގާނޫނީ ވަކީލުން ރެގިއުލޭޓް ކުރުމުގެ އިހްތިސޯސް ނެތް ބަޔަކު އެކަން ކުރާ ކަމަށް ބުނެ ދައްކާ ވާހަކަތަކުގެ ސަބަބުން ކޯޓުގެ އަގު ވެއްޓޭނެ ކަމެއް ކަމަށް ދެކޭތޯ ވެސް ސުވާލު ކުރި ކަމަށް އަލީ ހުސެއިން ވިދާޅުވި އެވެ. އެކަންކަމަށް ނޫނެކޭ ބުނެފައިވާ ކަމަށް އަލީ ހުސެއިން ވިދާޅުވި އެވެ.

ސުޕްރީމް ކޯޓުން މީގެކުރިން ވެސް އަލީ ހުސެއިން ސަސްޕެންޑް ކޮށްފައިވެ އެވެ. އަލީ ހުސެއިނަކީ ސުޕްރީމް ކޯޓަށާއި ޝަރުއީ ދާއިރާއަށް ވަރަށް ބޮޑަށް ފާޑުވިދާޅުވާ ބޭފުޅެކެވެ.