އަލީ ހުސައިން

އިންސާފަށް އޮތް މައްސަލައަކީ ގާނޫނު އަސާސީ މިހާރު އޮތް ގޮތް: އަލީ ހުސައިން

ޖުޑިޝަރީ އިސްލާހު ކުރުމުގެ މަސައްކަތް ރައްޔިތުންގެ މަޖިލީހުގެ ތެރެއިން ކުރަމުންދާއިރު އެ ކަމަށް އޮތް ހުރަހަކީ ގާނޫނު އަސާސީ މިހާރު އޮތް ގޮތް ކަމަށް ވަރަށް ބޮޑަށް ސާފުވެއްޖެ ކަމަށް، ކެންދޫ ދާއިރާގެ މެންބަރު އަލީ ހުސައިން ވިދާޅުވެއްޖެ އެވެ.

އުއްތަމަ ފަނޑިޔާރު ޑރ. އަހްމަދު އަބްދުﷲ ދީދީ އާއި ސުޕްރީމް ކޯޓުގެ ފަނޑިޔާރު އާދަމް މުހައްމަދު ވަކިކުރުމުގެ މައްސަލައަށް އިއްޔެ ބަހުސް ކުރައްވަމުން އެމްޑީޕީގެ މެންބަރުންނާއި އިދިކޮޅު މެންބަރުން ވެސް ވަނީ ގާނޫނު އަސާސީގައިވާ ކަންކަން ފާހަގަ ކުރައްވައި އެއް ބަޔަކު އަނެއް ބަޔަކަށް ރައްދު ދެއްވައިފަ އެވެ.

ޖޭއެސްސީގައި މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު އިންނަވާތީވެ، އިދިކޮޅު މެންބަރުން ކަންބޮޑުވުން ފާޅު ކުރެއްވުމުން ނަޝީދު ވެސް ފާހަގަ ކުރެއްވީ ޖޭއެސްސީގައި އެމަނިކުފާނު އިންނަވަން ގާނޫނު އަސާސީގައި ލާޒިމު ކުރާ ކަމެވެ. ގާނޫނު އަސާސީ ބަދަލު ކުރުމުގެ ފުރުސަތު އޮތް ކަން ވެސް ފާހަގަ ކުރެއްވި އެވެ.

އެ ވާހަކަތަކަށް ރައްދު ދެއްވަމުން އަލީ ހުސައިން ވިދާޅުވީ މައްސަލައަކީ ގާނޫނު އަސާސީގައި ޖޭއެސްސީ އަދި ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ ނިންމުތަކާއި ގުޅިގެން އައިސްފައި އޮތް ގޮތް ކަމަށެވެ. ރައީސް ނަޝީދާއި މެންބަރުންގެ ވާހަކަތަކުން އެ ކަން މާ ބޮޑަށް ސާފުވެއްޖެ ކަމަށް އޭނާ ވިދާޅުވި އެވެ.

"އިއްޒަތްތެރި ރައީސް [ނަޝީދު] ދެއްކެވި ވާހަކައިންނާއި މީގެ ކުރިން އެކި މެންބަރުންގެ ވާހަކަ އިން ވެސް އަޅުގަނޑަށް އެއް ކަމެއް ސާފު ވެއްޖެ، ހަމަ ބިއްލޫރިހާ ސާފު ވެއްޖެ އެ ކަމެއް، އެއީ މިހާރު އޮތް ގާނޫނު އަސާސީ ބަދަލު ކުރަން ޖެހޭ ކަން. ގާނޫނު އަސާސީ އިސްލާހު ކުރަން ޖެހޭ ކަން." އަލީ ވިދާޅުވި އެވެ.

އަލީ ވިދާޅުވި ގޮތުގައި ޖޭއެސްސީގެ އެކުލެވުން ބަދަލު ކުރުމުގެ ވާހަކަ އަކީ މި ސަރުކާރު ގެނައުމުގެ ކުރިން ވެސް ގުޅިފައިވާ ސިޔާސީ ޕާޓީތަކުން ފާހަގަ ކުރި ކަމަކެވެ. ޖޭއެސްސީގެ އެކުވެލުން ބަދަލު ކުރެވޭނީ ގާނޫނު އަސާސީއަށް އެ ބަދަލު ގެނެސް ގެންނެވެ. ޖުޑިޝަރީ އިސްލާހު ކުރަން އެ ބަދަލު ގެންނަން ޖެހޭ ކަމަށް އަލީ ވިދާޅުވި އެވެ.

އަލީ ވިދާޅުވީ ޖޭއެސްސީގެ ނިންމުންތައް ދިފާއު ކުރުމުގައި ވެސް ހަވާލާ ދެއްވަނީ ގާނޫނު އަސާސީއަށް ކަމަށެވެ. އަދި އުއްތަމަ ފަނޑިޔާރާއި ކޯޓުތަކުގެ އެހެން ފަނޑިޔާރުންގެ ނިންމުންތައް ދިފާއު ކުރައްވަން އެ ބޭފުޅުން ވެސް ހަވާލާ ދެއްވަނީ ގާނޫނު އަސާސީއަށެވެ.

"އުއްތަމަ ފަނޑިޔާރާ ގުޅޭ ގޮތުން ޖޭއެސްސީން ބަލާފައިވާ 15 މައްސަލައަކީ އޭގެ ޒާތުގައި ގަޟާއީ ނިންމުންތަކަކާ ގުޅިގެން ނިންމާފައިވާ ނިންމުންތަކެއް ކަމަށް ވިދާޅުވަނީ، އެއީ ސުލޫކީ މައްސަލައެއްގެ ގޮތުގައި ބެލޭނެ އެއްވެސް ހަމައެއް ނެތޭ، ހަމަ ހަވާލާ ދެއްވަނީ ހަމަ މި ގާނޫނު އަސާސީއަށް. ގާނޫނު އަސާސީގެ އޮތް މާއްދާއަކަށް ހަވާލާ ދެއްވަނީ." އަލީ ވިދާޅުވި އެވެ.

ފަނޑިޔާރުންނަށް ވެސް ވަރަށް ބޮޑަށް ފާޑުވިދާޅުވަމުން އަލީ ވިދާޅުވީ ގާނޫނު އަސާސީއާ ހަވާލާ ދެއްވައި ގަޟާއީ ނިންމުމެއް ނިންމީ ކަމަށް ވިދާޅުވާއިރު ނިންމަވަނީ ސީދާ ގާނޫނު އަސާސީއާ ހިލާފު ނިންމުމެއް ކަމަށެވެ. އެ ގޮތަށް އަމަލު ކުރުމުގެ ފުރުސަތު ދެވިގެން ނުވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

"ގަޟާއީ ނިންމުމެކޭ ބުނެ ގާނޫނު އަސާސީ އައްޑަނައަކަށް ނުހެދޭނެ، ގާނޫނު އަސާސީއަކީ އެ މީހަކު ހިތު ހުރިހާ ގޮތަކަށް މާނަ ކުރަން އޮތް އެއްޗެއް ނޫން. އެހެން ވީމާ ގަޟާއީ ނިންމުމުގެ ނިވަލުގައި ތިބެ ހިތު ހުރިހާ ގޮތަކަށް މި ރާއްޖޭގައި ގާނޫނު އަސާސީއާ ހިލާފަށް ވެސް ކަންކަން ކޮށްފައި ހުއްޖަތެއް ނުދެއްކޭނެ." އަލީ ހުސައިން ވިދާޅުވި އެވެ.

އަލީގެ ވާހަކަ ނިންމާލައްވަމުން ވިދާޅުވީ ގާނޫނު އަސާސީ ތަންފީޒު ކުރަން ޖެހެނީ ހަމައެކަނި އޭގައި ލިޔެފައިވާ ލިޔުންގަނޑަށް ނޫން ކަމަށާއި ގާނޫނު އަސާސީގެ ރޫހަށް ވެސް ބަލަން ޖެހޭ ކަމަށެވެ. މެންބަރުންނާއި ރައީސް ނަޝީދު ދެއްކެވި ވާހަކައިން ސާފުވި ކަމަކީ ގާނޫނު އަސާސީ ބަދަލު ކުރަން ޖެހިފައިވާ ކަމަށް ތަކުރާރުކޮށް ވިދާޅުވި އެވެ.