ހަބަރު

އިޖުރާއަތާ ހިލާފަށް މައުމޫންގެ އަޑުއެހުންތަކެއް ބޭއްވި: ޕީޖީ

ކުރީގެ ރައީސް މައުމޫން އަބުދުލްގައްޔޫމް ފޯނު ދޭން ފުލުހުން އެންގުމުން އެކަން ނުކުރެއްވި މައްސަލާގައި ހިންގި ޝަރީއަތްގެ ބައެއް އަޑުއެހުންތައް ކުރިއަށް ގެންގޮސްފައިވަނީ އިޖްރާއަތްތަކާ ހިލާފަށް ކަމަށާއި އެ މައްސަލާގައި ވަކީލުން ހަމަޖައްސަން އެކަށީގެންވާ ވަގުތު ކްރިމިނަލް ކޯޓުން ދީފައިނުވާ ކަމަށް ދައުލަތުގެ ވަކީލުން މިއަދު ވިދާޅުވެއްޖެ އެވެ.

މި މައްސަލާގައި ރައީސް މައުމޫނަށް ވަނީ އެއް އަހަރާއި ހަތް މަހާއި ހަ ދުވަހުގެ ޖަލު ހުކުމެއް އިއްވާފަ އެވެ. ހައި ކޯޓްގައި މިއަދު އޮތީ އެ މައްސަލައިގެ އިސްތިއުނާފް ޝަރީއަތެވެ. މިއަދުގެ ޝަރީއަތުގައި މައުމޫންގެ ވަކީލުންގެ ފަރާތުން 36 ނުހުތާއެއް އިސްތިއުނާފަށް ހުށަހަޅާފައިވެއެވެ.

ނުކުތާތައް ހުށަހަޅަމުން މައުމޫންގެ ވަކީލުންގެ ޓީމްގައި ހިމެނޭ އިބްރާހިމް ޝަމީލް ވިދާޅުވީ، މި މައްސަލަ ކުުރިއަށް ގެންގޮސްފައިވަނީ އިސްލާމީ ޝަރީއަތާ ހިލާފަށް ކަމަށާއި މައްސަލާގައި ސިއްރު ހެކިވެރީންގެ ހެކިބަސް ޕްރޮސިކިއުޓާ ޖެނަރަލް، ޕީޖީއިން ނަގާފައިވަނީ އިސްލާމީ ޝަރީއަތާ ހިލާފަށް ކަމަށެވެ. އަދި މައްސަލާގައި ދެ ފަރާތައް ހަމަހަމަ ފުރުސަތު ދީފައިނުވާ ކަމަށްވެސް ޝަމީލް ވިދާޅުވި އެވެ.

ޝަމީލް ވިދާޅުވީ، ޝަރީއަތް ކުރިއަށް ގެންގޮސްފައިވަނީ ވަކި ފަރާތަކަށް ބުރަވެ ކަމަށާއި އެއް އަޑުއެހުން މައުމޫންގެ ޣައިރު ހާޒިރުގައި ގެންގޮސްފައިވާކަމީ އިޖްރާއަތްތަކާ ހިލާފަށް ކޮށްފައިވާ ކަމެއް ކަމަށެވެ. އަދި މި މައްސަލާގައި މައުމޫންގެ ފަރާތުން ހެކި ހުށަހެޅުމުގެ ފުރުސަތުދީފައިނުވާ ކަމަށާއި ވަކީލުން އައްޔަން ކުރަންވެސް އެކަށީގެންވާ ފުރުސަތު ދީފައިނުވާ ކަމަށެވެ.

ޝަމީލް ވިދާޅުވީ، ހެކިބަސް ދީފައިވާ ހެކިވެރިއެއް ރައީސް މައުމޫނަށް ގުޅައި ފޯންކޮށް ހެއްދެވި ކަމަށް ވިދާޅުވިއިރު، އެ ހެކިވެރިޔާގެ ފޯން ޝަރީއަތަށް ހުށަހަޅާފައިނުވާ ކަމަށެވެ. އަދި އެންމެ މުހިންމު އެއް އަސާސަކީ ނިޔަތް ކަމަށާއި ފުލުހުންގެ ހެކިބަހުން ވެސް ރައީސް މައުމޫން އެ ވަގުތު ފޯން ހޯދަން މަސައްކަތް ކުރިކަން ހާމަވެގެން ގޮސްފައިވާ ކަމަށްވެސް ޝަމީލް ވިދާޅުވި އެވެ.

މައްސަލަ ހުށަހަޅާފައިވަނީ ހައިސިއްޔަތެއް ނެތް ފަރާތަކުން ކަމަށް ވެސް ޝަމީލް ވިދާޅުވި އެވެ. އަދި މައުމޫންގެ ދީނީ ނަސޭހަތް ދިނުމުގެ ހުއްދަ ބާތިލް ކޮށްފައިވަނީ ވެސް ގާނޫނާ ހިލާފަށް ކަމަށް ވެސް ޝަމީލް ވިދާޅުވި އެވެ.

އިތުރު ނުކުތާތައް ފާހަގަ ކުރައްވައި މައުމޫންގެ ޓީމްގައި ހިމެނޭ ވަކީލް މުހައްމަދު ފައިސަލް ވިދާޅުވީ، ފުލުހުން ރައީސް މައުމޫންގެ ގެއަށް ވަދެފައިވަނީ ގާނޫނާ ހިލާފަށް ކަމަށެވެ. އަދި މި މައްސަލައިގެ ހުލާސާ ބަޔާން އިއްވުމަށްފަހު ފަސް މިނެޓް ތެރޭގައި މައްސަލައިގެ ހުކުމް އިއްވާފައިވުމުން ދޭހަކޮށް ދެނީ ހުކުމަކީ ދުރާލާ ލިޔެފައިވާ ހުކުމެއްކަން ކަމަށެވެ.

ރައީސް މައުމޫންގެ މައްޗަށް އިއްވާފައިވާ ހުކުމަކީ އިސްލާމީ ޝަރީއަތްތަކާ ހިލާފަށް އިއްވާފައިވާ ހުކުމެއް ކަމަށާއި ހުކުމް ވަގުތުން ބާތިލް ކޮށްދިނުމަށް ފައިސަލް ކޯޓްގައި އެދިފައިވެއެވެ.

މައުމޫންގެ ފަރާތުން ހުށަހެޅި ނުކުތާތަކަށް ރައްދު ދެއްވައި ދައުލަތުގެ ވަކީލް އައިޝަތު ރީޝާ ވިދާޅުވީ، މި މައްސަލާގައި ދެފަރާތައް ތަފާތު ކުރުން ގެންގުޅެފައިވާކަން ގަބޫލު ނުކުރެވޭ ކަމަށާއި މައުމޫނަަށް ވެސް ހެކި ހުށަހެޅުމުގެ ފުރުސަތު ދީފައިވާ ކަމަށެވެ. އަދި މައްސަލަ ކްރިމިނަލް ކޯޓްގައި ކުރިއަށްދިޔައިރު، ލިޔުމަކުން ހެކި ހުށަހަޅަން އެދިފައިވާކަން ކުރިން ނޭންގޭ ކަމަށާއި އެކަން އިނގިފައިވަނީ ހައި ކޯޓަށް މައްސަލަ ހުށަހެޅި ފަހުން ކަމަށް ވެސް ރީޝާ ވިދާޅުވި އެވެ.

ރީޝާ ވިދާޅުވީ، މި މައްސަލައިގައި މައުމޫންގެ ވަކީލުން މައްސަލައިން ތަނާޒުލްވެފައިވާ ކަމަށާއި ތަނާޒުލްވުމަކީ ވަކީލުންގެ ހައްގު ލިބިފައިނުވާ ކަމަށް ގަބޫލު ކުރެވޭނެ ކަމެއް ނޫން ކަމަށެވެ.

ރީޝާ ވަނީ މި މައްސަލައިގެ ބައެއް އަޑުއެހުންތައް ކުރިއާލައި އަންގާފައިނުވާކަން ފާހަގަ ކުރައްވައި މި މައްސަލައިގެ އަޑުއެހުންތައް އިޖްރާއަތްތަކާ ހިލާފަށް ގެންގޮސްފައިވާ ކަމަށް ވިދާޅުވެފަ އެވެ. ނަމަވެސް ރަައީސް މައުމޫންގެ ބަލި ހާލަތައް ރިއާޔަތްކޮށް ބައެއް ޝަރީއަތްތައް ކެންސަލްކޮށްފައިވާ ކަމަށްވެސް ރީޝާ ވިދާޅުވި އެވެ.

ދައުލަތުން ވަނީ މި މައްސަލަައިގައި އިންސާފުވެރި ހުކުމެއް އިއްވައި ދިނުމަށް އެދިފަ އެވެ. ނަމަވެސް ދައުލަތުން ހުކުމް ބާތިލް ކުރުމަށް ނުވަތަ ހުކުމް ދަމަހައްޓަން ބޭނުންވާކަން ސާފުކޮށް ވިދާޅުވެފައެއް ނުވެ އެވެ.

ވަކީލް ޝަމީލް ވިދާޅުވީ، ރައީސް މައުމޫންގެ ހައްގުތަކަށް އުނިކަން އަންނަ ގޮތަށް ދަށު ކޯޓުން އަމަލު ކޮށްފައިވާކަން މިހާރު ދައުލަތުން އެއްބަސްވެފައިވާ ކަމަށެވެ. އަދި ރައީސް މައުމޫން ޣައިރު ހާޒިރުގައި ޝަރީއަތެއް ކުރިއަށް ގެންގެސްފައިވަނީ ރަނގަޅަށް ނޫން ކަމަށާއި އެދުވަހުގެ ޝަރީއަތުގައި މުހިންމު ކަންކަން ނިންމާފައިވާ ކަމަށްވެސް ޝަމީލް ވިދާޅުވި އެވެ.

މައުމޫން ވަކީލުންގެ ޓީމްގައި ހިމެނޭ ހުސެއިން ޝަމީމް ވިދާޅުވީ، ޝަރީއަތްތައް ކުރިއަށް ގެންގޮސްފައިވަނީ އިޖްރާއަތްތަކާ ހިލާފަށް ކަމަށް ދައުލަތުން ވެސް އެއްބަސްވެފައިވާ ކަމަށާއި އެހެން ކަމުން މި މައްސަލައިގައި އިއްވާފައިވަނީ ސައްހަ ހުކުމެއް ނޫން ކަމަށެވެ. އަދި މި މައްސަލާގައި ވަކީލުން އައްޔަން ކުރަން އެކަށީގެންވާ ފުރުސަތެއް ކޯޓުން ދީފައިނުވާ ކަމަށް ވެސް ޝަމީމް ވިދާޅުވި އެވެ.

އެކަމާ ގުޅިގެން ދައުލަތުގެ ވަކީލް ރީޝާ ވިދާޅުވީ، ވަކީލުން އައްޔަން ކުރަން ވަކި މުއްދަތެއް ނޯންނަ ކަމަށެވެ. މައްސަލަ ބައްލަވާ ފަނޑިޔާރުންގެ ބެންޗްގެ އިސް ފަނޑިޔާރު އަލީ ސަމީރު ވިދާޅުވީ، ވަކީލުންގެ ފުރުސަތު އެކަށީގެންވާ ގޮތެއްގައި ދީފައިނުވާކަން ގަބޫލު ކުރައްވަންތޯ ދައުލަތާ ސުވާލު ކުރެއްވި އެވެ.

ވަކީލް ރީޝާ ވިދާޅުވީ، ވަކީލުން އައްޔަން ދީފައިވަނީ ވަރަށް ކުރު މުއްދަތެއް ކަމަށާއި ދީފައިވަނީ ވަރަށް ކުޑަ ވަގުތުކޮޅެއް ކަމަށެވެ. އަދި ދީފައިވަނީ އެކަށީގެންވާ ވަގުތެއް ނޫން ކަމަށްވެސް ރީޝާ ވިދާޅުވި އެވެ.

ފަނޑިޔާރު ސަމީރު މިއަދުގެ ޝަރީއަތް ނިންމާލެއްވީ އިތުރު ކަމެއް ސާފު ކުރުމެއް ނެތް ކަމަށްވާނަމަ ދެން އޮންނަ ޝަރީއަތެއްގައި އޮންނާނީ މި މައްސަލައިގެ ހުކުމް އިއްވުން ކަމަށް ވިދާޅުވެފަ އެވެ.