ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ މައްޗަށް ކުރިމިނަލް ކޯޓުން އިއްވާފައިވާ ޖަލު ހުކުމްގެ އިސްތިއުނާފު އަޑުއެހުންތައް މާދަމާ ފެށުމަށް ހައިކޯޓުގައި ތާވަލުކޮށްފި އެވެ.
ތަހުގީގަށް ފޯނު ނުދިން މައްސަލައިގަ ރައީސް މައުމޫންގެ މައްޗަށް ދައުލަތުން އުފުލި އަދުލު އިންސާފު ގާއިމް ކުރުމަށް ހުރަސް އެޅުމުގެ ދައުވާ ސާބިތުވާ ކަމަށް ކަނޑައަޅައި މައުމޫންގެ މައްޗަށް ވަނީ އެއް އަހަރާއި ހަތް މަހާއި ހަދުވަހުގެ ޖަލު ހުކުމެއް އިއްވާފަ އެވެ.
އެ ހުކުމް ރައީސް މައުމޫން ތަންފީޒުކުރައްވަމުން ގެންދަވަނިކޮށް އާދިއްތަ ދުވަހު ކަފާލާތުގެ ދަށުން އެމަނިކުފާނު ވަނީ ހައިކޯޓުގެ އަމުރަކުން މިނިވަންކޮށްފަ އެވެ. ކަފާލާތުގެ ދަށުން އެމަނިކުފާނު މިނިވަންކުރީ އިސްތިއުނާފު މައްސަލާގައި ހައިކޯޓަށް ގޮތެއް ކަނޑައެޅެންދެނެވެ.
މި މައްސަލާގެ އިތުރުން ޓެރަރިޒަމްގެ ދައުވާ ވެސް ރައީސް މައުމޫނަށް ކުރެ އެވެ. ނަމަވެސް އެ މައްސަލާގެ ޝަރީއަތް އަދި ދަށު ކޯޓުގައި ވެސް ނުފެށެ އެވެ. ކުރިއަށް ދަނީ އިބްތިދާއީ އަޑުއެހުންތަކެވެ.
ރައީސް މައުމޫންގެ ދަރިކަލުން އަހުމަދު ފާރިސް މައުމޫން ވެސް އެމަނިކުފާނާއެކު ކަފާލާތުގެ ދަށުން ދޫކޮށްލާފަ އެވެ. ހައިކޯޓުގައި ފާރިސްގެ ޖަލު ހުކުމް އިސްތިއުނާފު އަޑުއެހުންތައް ވެސް މިހާރު ވަނީ ނިމިފަ އެވެ. ދެން އޮންނާނީ ހުކުމެވެ.