ހައިކޯޓް

ރައީސް މައުމޫންގެ ޖަލު ހުކުމް ބާތިލްކޮށް ހުއްދަތައް އަލުން ދީފި

ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ މައްޗަށް ކުރިމިނަލް ކޯޓުން އިއްވާފައިވާ ޖަލު ހުކުމް ހައިކޯޓުން މިއަދު ބާތިލްކޮށް އެމަނިކުފާނުގެ އަތުން ނަގާފައިވާ ހުއްދަތައް އަލުން ދިނުމަށް ނިންމައިފި އެވެ. އެމަނިކުފާނުގެ އަތުން ނަގާފައިވަނީ ގާނޫނީ ވަކީލް ކަމުގެ ހުއްދަ އާއި ދީނީ ނަސޭހަތް ދިނުމުގެ ހުއްދަ އެވެ.

ތަހުގީގަށް ފޯނު ނުދިން މައްސަލައިގަ ރައީސް މައުމޫންގެ މައްޗަށް ދައުލަތުން އުފުލި އަދުލު އިންސާފު ގާއިމް ކުރުމަށް ހުރަސް އެޅުމުގެ ދައުވާ ސާބިތުވާ ކަމަށް ކަނޑައަޅައި ކުރިމިނަލް ކޯޓުން ރައީސް މައުމޫންގެ މައްޗަށް އިއްވީ އެއް އަހަރާއި ހަތް މަހާއި ހަދުވަހުގެ ޖަލު ހުކުމެކެވެ.

އެ ހުކުމް، ރައީސް މައުމޫންގެ ފަރާތުން ހައިކޯޓުގައި އިސްތިއުނާފު ކުރުމުން ކުރިއަށް ގެންދިޔަ ޝަރީއަތް ނިންމުމުގެ ގޮތުން މިއަދު ބޭއްވި އަޑުއެހުމުގައި ކަނޑައެޅީ ކުރިމިނަލް ކޯޓުން ރައީސް މައުމޫންގެ މައްޗަށް ސާބިތުކޮށްފައިވާ ކުށަކީ ކުށަކަށް ނުވާނެ ކަމަށެވެ. އަދި އެ ކުށް ސާބިތުކުރުމަށް އެކަށީގެންވާ ހެކިތައް ދައުލަތުން މައްސަލާގައި ހުށަހަޅާފައިނުވާ ކަމަށެވެ.

ހައިކޯޓުގެ ފަނޑިޔާރުން ކަމަށްވާ ހަސަން އަލީ އާއި އަލީ ސަމީރާއި އަބްދުﷲ ހަމީދު ބެއްލެވި މައްސަލާގެ ހުކުމްގައި ބުނީ ގާނޫނު އަސާސީއިން ލިބިދޭ ހައްގުތަކާއި ޖިނާއީ އިޖުރާއަތްތަކާ ހިލާފަށް ރައީސް މައުމޫންގެ ޝަރީއަތުގައި ކުރިމިނަލް ކޯޓުން އަމަލުކޮށްފައިވާ ކަމަށެވެ. ކުރިމިނަލް ކޯޓުގައި ރައީސް މައުމޫންގެ މައްސަލަ ބެއްލެވީ ގާޒީ ހަސަން ނަޖީބެވެ.

އެ މައްސަލާގެ ޝަރީއަތް ކުރިމިނަލް ކޯޓުގައި ކުރިއަށް ގެންދިޔައީ ވަރަށް އަވަސް އަރުވާލައިގެންނެވެ. މުހިންމު އަޑުއެހުންތައް ބޭއްވީ ވެސް މިދިޔަ އަހަރުގެ ރޯދަ މަހުގެ ރޭގަނޑުގެ ވަގުތުތަކުގަ އެވެ. އެގޮތަށް އަމަލު ކުރާތީ ރައީސް މައުމޫންގެ ދިފާއުގައި މަސައްކަތް ނުކުރެއްވޭ ކަމަށް ވިދާޅުވެ އެމަނިކުފާނުގެ ވަކީލުން މައްސަލައިން ތަނާޒަލްވި އެވެ.

ވަކީލުން ތަނާޒަލްވުމުން އިތުރު ވަކީލުން ހޯދުމުގެ ފުރުސަތަކަށް ރައީސް މައުމޫން އެދިވަޑައިގަތުމުން ދީފައިވަނީ ކުޑަ ވަގުތުކޮޅެކެވެ. ރޭގަނޑުގެ ލަސް ގަޑިއެއްގައި ޝަރީއަތް ނިމުނުއިރު އަނެއް ދުވަހުގެ މެންދުރަށް ވަކީލުން ހަމަޖައްސައި ދިފާއީ ހެކި ހުށަހަޅަން އެންގެވި އެވެ. އޭރު ވެސް ރައީސް މައުމޫން އެއީ އެކަށީގެންވާ ވަގުތެއް ނޫން ކަމަށް ވިދާޅުވަމުން ގެންދެވި އެވެ. ނަމަވެސް އެ ރޭ ވެސް އަޑުއެހުން ބާއްވައި ރައީސް މައުމޫންގެ ވަކީލުން ނެތި ހެކި ބަސް ނެގި އެވެ. ދައުލަތުން ވެސް ވަނީ ރައީސް މައުމޫނަށް ވަކީލުން ހޯދަން ފުރުސަތު ދިނުމަށް އިއުތިރާޒު ނުރާ ކަމަށް ބުނެފަ އެވެ.

ހައިކޯޓުގެ ޝަރީއަތުގައި ވެސް ދައުލަތުން ވަނީ ގާނޫނު އަސާސީއިން ލިބިދޭ ގާނޫނީ ވަކީލުންގެ ހައްގު ރައީސް މައުމޫނަށް އެކަށީގެންވާ ގޮތެއްގައި ލިބިފައިނުވާކަން ފާހަގަކޮށްފަ އެވެ. އެކަން މިއަދުގެ ހައިކޯޓުގެ ހުކުމް ފާހަގަކޮށް ބުނެފައިވަނީ ގާނޫނީ ވަކީލުންނާއެކު ދައުވާއިން ދިފާއުވުމަށް ރައީސް މައުމޫނަށް އެކަށީގެންވާ ފުރުސަތު ލިބިފައިވާކަން ބެލެން ނެތް ކަމަށެވެ. އަވަސް އަޑުއެހުންތަކަކަށްފަހު ހުލާސާ ބަޔާން އިއްވިތާ ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި ހުކުމް އިއްވާފައިވާކަން ވެސް ހުކުމްގައި ގޯސް ކަމެއްގެ ގޮތުގައި ފާހަގަކޮށްފައިވެ އެވެ.

ރިޔާސަތުގައި އިންނެވި ފަނޑިޔާރު ސަމީރު ވިދާޅުވީ އިންސާފު ގާއިމްވާކަން އިހްސާސް ކުރެވި ފެންނަން ޖެހޭނެ ކަމަށެވެ. އެކަން ކުރެވޭނީ އިޖުރާއަތްތައް އޭގެ އެންމެ ފުރިހަމަ ގޮތުގައި ފުރިހަމަކޮށްގެން ކަމަށެވެ.

ހުކުމްގައި އިތުރަށް ބުނީ، މީހެއްގެ މައްޗަށް ތުހުމަތެއްވީ ނަމަވެސް ޔަގީން ކުރެވޭ ކަމަކީ އޭނާއަކީ ކުށެއް ނުކުރާ މީހެއްކަން ކަމަށާއި ކުށެއް ނުކުރާ މީހެއްކަން ސާބިތުކުރަން އެމީހާ އެއްވެސް ކަމެއް ކުރަން ނުޖެހޭނެ ކަމަށެވެ. ކުށް ސާބިތުކުރުމަކީ ދައުވާ ކުރާ ފަރާތުގެ ޒިންމާއެއް ކަމަށެވެ.

ރައީސް މައުމޫން ފޯނު ނުދިނުމަކީ ކުށެއް ކަމަށް ދައުލަތުން ބުނާއިރު އެމަނިކުފާނު ނުދެއްވީ ކޮން ފޯނެއް ކަމެއް ބަޔާންކޮށްދީފައިނުވާ ކަމަށް ހުކުމްގައިވެ އެވެ. އަދި ފޯނެއް ގެންގުޅުމަކީ އޭގެ ޒާތުގައި ކުށެއް ނޫން ކަމަށާއި ފޯނުން ކުރާ މުއާމަލާތްތަކަކީ ޒާތީ ކަންކަމަށްވާތީ އެއީ ހުރުމަތްތެރިވެގެންވާ މުއާމަލާތްތަކެއް ކަމަށް ވެސް ހުކުމްގައިވެ އެވެ.

ހުކުމްގައި ބުނީ ފޯނު ގެއްލިއްޖެ ހާލަތެއްގައި ނޫނީ ނެތިއްޖެ ހާލަތެއްގައި ފޯނު ދެވެން ނެތުމަކީ ގާނޫނުލްއުގޫބާތުގެ ދަށުން ކުށަކަށް ނުހެދޭނެ ކަމަށެވެ. ރައީސް މައުމޫން ފޯނު ދޭން އިންކާރުކުރިކަން އެއްވެސް ހެއްކެއްގެ ހެކި ބަހުން ސާފެއް ނުވެ އެވެ. ރައީސް މައުމޫން ވިދާޅުވެފައިވަނީ ފޯނު ވީ ތަނެއް ނޭނގޭ ކަމަށެވެ. އަދި ފޯނު ހޯދުމަށް އެމަނިކިފާނު އާއިލާއަށް ވެސް އެންގެވިކަން އެނގެން އޮވެ އެވެ.

ފޯނު ނުދިނުމަކީ އޭގައި ހެކިތަކެއް ހުރެދާނެ ކަމަށް ބުރަވޭ ކަމެއް ކަމަށް ދައުލަތުން ބުނެފައިވާތީ ހައިކޯޓުގެ ހުކުމްގައި ބުނީ އެހެން ދައުލަތުން ބުރަވަނީ ކިހިނެއް ކަމެއް ބުނެ ނުދެވޭ ކަމަށެވެ. އެ ފޯނު ނުދެއްވީ ފޯނުގައި ހުރި ހެކިތައް ނައްތާލަންކަން ސާބިތުވާ މިންވަރަށް ހެއްކެއް ނެތްކަން ހުކުމްގައިވެ އެވެ. އެހެންވެ، ރައީސް މައުމޫންގެ މައްޗަށް ޖަލު ހުކުމެއް ކުރަންޖެހޭ ސަބަބެއް ނެތް ކަމަށް ވަނީ ކަނޑައަޅާފަ އެވެ.

އެއަށްފަހު ގޮތް ނިންމެވީ ރައީސް މައުމޫންގެ ހުއްދަތައް ބާތިލްކުރަން ނެރެފައިވާ އަމުރާ ގުޅޭ ގޮތުންނެވެ. އެ އަމުރު ހައިކޯޓުން ބާތިލްކުރީ އެ އަމުރު ކުރިމިނަލް ކޯޓުން ނެރުނު މަގުސަދު ސާފު ނުވާތީ އެވެ. ހައިކޯޓުން ބުނި ގޮތުގައި އެފަދަ އަމުރެއް ނެރޭނަމަ އެ އަމުރަކުން ހާސިލްކުރަން ބޭނުންވާ ކަންތައްތައް އެނގެން އޮންނަން ޖެހޭނެ ކަމަށެވެ.

މިއަދުގެ ހުކުމާއެކު ރައީސް މައުމޫން ވަނީ އެއްކޮށް މިނިވަންވެފަ އެވެ. މީގެކުރިން އެމަނިކުފާނު ހުންނެވީ ކަފާލާތުގެ ދަށުން މިނިވަންކޮށްފަ އެވެ. ކަފާލާތުގެ ދަށުން މިނިވަން ކުރީ ރިޔާސީ އިންތިހާބުގައި އިދިކޮޅު ކޯލިޝަނުން ހޯދި ކާމީޔާބީއަށްފަހު އެވެ.

މި މައްސަލާގެ އިތުރުން ޓެރަރިޒަމްގެ ދައުވާ ވެސް ރައީސް މައުމޫނަށް ކުރެ އެވެ. ނަމަވެސް އެ މައްސަލާގެ ޝަރީއަތް އަދި ދަށު ކޯޓުގައި ވެސް ނުފެށެ އެވެ. ކުރިއަށް ދަނީ އިބްތިދާއީ އަޑުއެހުންތަކެވެ.

ރައީސް މައުމޫންގެ ދަރިކަލުން އަހުމަދު ފާރިސް މައުމޫން ވެސް އެމަނިކުފާނާއެކު ކަފާލާތުގެ ދަށުން ދޫކޮށްލާފަ އެވެ. ހައިކޯޓުގައި ފާރިސްގެ ޖަލު ހުކުމް އިސްތިއުނާފު އަޑުއެހުންތައް ވެސް މިހާރު ވަނީ ނިމިފަ އެވެ. ދެން އޮންނާނީ ހުކުމެވެ.