ހަބަރު

ފްލެޓް ލިސްޓަށް ޝަކުވާ ހުށަހެޅުން މިމަހުގެ 24އަށް އިތުރުކޮށްފި

ސަރުކަރުން ހިންގާ "ހިޔާ" މަޝްރުއުގެ ދަށުން ފްލެޓު ލިބުނު ފަރާތްތަކުގެ ލިސްޓަށް ޝަކުވާ ހުށަހެޅުމުގެ މުއްދަތު މިމަހުގެ 24 ވަނަ ދުވަހާއި ހަމައަށް އިތުރުކޮށްފި އެވެ.

ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ހިޔާ މަޝްރޫއުގެ ވަގުތީ ލިސްޓަށް ޝަކުވާ ހުށަހެޅުމުގެ މުއްދަތު މިމަހުގެ 24 ވަނަ ދުވަހާއި ހަމައަށް އިތުރުކޮށްފައިވާ ކަމަށެވެ.

މީގެ ކުރިން ހިޔާ މަޝްރޫއުގެ ފްލެޓް ލިސްޓަށް ޝަކުވާ ހުށަހެޅުން އޮތީ އަންނަ އާދިއްތަ ދުވަހާއި ހަމައަށެވެ.

މިދިޔަ އަންގާރަ ދުވަހު ބޭއްވި ޕްރެސްއެއްގައި މުއިއްޒު ވިދާޅުވީ، މިފަހަރު ފްލެޓް ދިނުމުގައި މައްސަލަ ޖައްސާނެ މާބޮޑު ޖާގައެއް ނޯންނާނެ ކަމަށެެވެ. އެގޮތުން ފްލެޓް ބެހުމަށް އޭސީސީން ހުއްދަ ދިނުމަށްފަހު ދަންނަވާފައި އޮތީ ލިސްޓް އިއުލާން ކޮށްފައި ޝަކުވާ ހުށައަޅަން ފުރުސަތުދީ ލިބޭ ޝަކުވާތަކަށް ލިޔުމުން ޖަވާބުދީފައި ދާއިމީ ލިސްޓް ނެރުމަށް ކަމަށްވެސް މުއިއްޒު ވިދާޅުވި އެވެ.

"އެއީ ކުރިންވެސް އަޅުގަނޑުމެން ކަނޑައަޅާފައި އޮތް ގޮަތަކީ، އެގޮތުން ޝަކުވާ ހުށަހެޅުމަށް ހުޅުވާލަނީ، މިއަދުން ފެށިގެން އަންނަ އާދިއްތަ ދުވަހާއި ހަމައަށް، ޝަކުވާ ހުށަހަޅާ ފޯމެއް އިންނާނެ، އެ ފޯމުން ޝަކުވާ ހުށަހެޅޭނެ،" މުއިއްޒު ވިދާޅުވި އެވެ.

މުއިއްޒު ވިދާޅުވީ، ޝަކުވާ ހުށަހެޅުމުން އެ ޝަކުވާއަށް ލިޔުމުން ޖަވާބު ދިނުމަށްފަހު ދާއިމީ ލިސްޓް އިއުލާން ކުރެވިގެންދާނެ ކަމަށެވެ. އަދި ވިދާޅުވީ، އެއްވެސް ފަރާތަކަށް ނުހައްގުން ފްލެޓް ދީފައިވާ ކަމަށް މިފަހަރު ވިދާޅުނުވެވޭނެ ކަމަށެވެ.

މިނިސްޓަރު ވިދާޅުވީ، ޝަކުވާ ހުށަހެޅުމުގެ ފުރުސަތު ހުރިހާ ފަރާތްތަކަށްވެސް ލިބިގެންދާނެ ކަމަށާއި އެގޮތުން ރާއްޖެއިން ބޭރުގައި ތިއްބެވި ފަރާތްތަކުން އީމެއިލް މެދުވެރިކޮށް ހުށަހެޅޭނެ ކަމަށެވެ. އަދި ސިވިލް ސާވިސްް ބޭފުޅުން އެބޭފުޅެއްގެ މިނިސްޓްރީގެ ފޯކަލް ޕޮއިންޓް މެދުވެރިކޮށް ޝަކުވާ ހުށަހެޅޭނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

ފްލެޓް ލިބޭނެކަން އިއުލާން ކޮށްފައިވަނީ 10 ކެޓަގަރީ އެއްގެ ލިސްޓެވެ. އެ ކެޓެގަރީތަކަކީ ސިވިލް ސާވިސްގެ ތިން ކެޓެގަރީއާ ޑޮކްޓަރުންނާއި ނަރުހުންގެ ކެޓަގަރީއާ ޓީޗަރުންގެ ކެޓަގަރީއާ އެކަނިވެރި މައިންނާއި ބަފައިގެން ކެޓެގަރީއާ 18 އަހަރާއި 40 އަހަރުުގެ ކެޓަގަރީއާ މާލެ ރަށްވެހިންގެ ކެޓަގަރީއާ ދަފްތަރު ކެޓަގަރީ އާއި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ކެޓަގަރީ އެވެ.