ހަބަރު

ގޯތި ވިއްކުމާއި ދެކޮޅަށް އެޗްޑީސީގެ 100 އަށްވުރެ ގިނަ މުވައްޒަފުން ޕެޓިޝަނެއްގައި ސޮއިކޮށްފި

ހުޅުމާލޭގެ ދެ ވަނަ ފިޔަވަހިން 400 ބިން ދޫކުރުމާއި ދެކޮޅަށް ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން، އެޗްޑީސީގެ 169 މުވައްޒަފަކު ޕެޓިޝަނެއްގައި ސޮއިކޮށްފި އެވެ.

ހައުސިން މިނިސްޓްރީން ނިންމާފައިވަނީ ހުޅުމާލެ އިން 400،000 ރުފިޔާއަށް 1000 އަކަފޫޓު ގޯއްޗެވެ. 400 މީހުންނަށް ގޯތި ދޫކުރުމަށް ވަނީ ނިންމައިފަ އެވެ. ހައުސިން އިން ބުނީ އެޑްވާންސްކޮށް 25،000 ރުފިޔާ ދެއްކުމަށް ފަހު 10 އަހަރަށް ބަހާލައިގެން ވެސް ގޯތި ނެގެ އެވެ.

އެކުންފުނީގެ 169 މުއައްޒަފުން ސޮއި ކޮށްފައިވާ ޕެޓިޝަނުގައި 19 ކަމެއް ފާހަގަކޮށް ކަންބޮޑުވުން ފާޅުކޮށްފައި ވެއެވެ. އެ ޕެޓިޝަނުގައި ބައެއް ވެރިންވެސް ސޮއިކޮށްފައި ވެއެވެ.

އެ ޕެޓިޝަނުގައި ވަނީ، ހައުސިން މިނިސްޓްރީން ހުޅުމާލެއިން ބިން ވިއްކުމަށް ކުރަމުންދާ މަސައްކަތުގެ ސަބަބުން އިޔާދަ ނުކުރެވޭ ވަރުގެ ގެއްލުންތައް ލިބޭނެ ކަމަށާއި ކުރިމަގަށާއި މާލީ ހާލަތާއި ކުންފުނި ދެމިއޮތުމަށް ހުރަހަކަށްވެ ކުންފުނި ހިންގުމަށް ނުހަނު ގިނަ ދަތިތަކާއި ކުރިމަތިވާނެ ކަމަށެވެ. އެހެން ކަމުން އެކަން ވަގުތުން ހުއްޓާލުމަށް ގޮވާލާ ކަމަށް ޕެޓިޝަނުގައި ވެއެވެ.

ޕެޓިޝަނުގައި ވަނީ، މި ގޯތިތައް ކަނޑައެޅިފައިވާ ބިމެއް އެލޮކޯޓް ކޮށްފިނަމަ ހުޅުމާލޭގެ ފުރަތަމަ ފިޔަވައްސެކޭ އެއްގޮތަށް މި ބިންތައް ކެޓަގަރީ މާކެޓްގައި ނުހަނު ބޮޑު އަގުގައި ވިއްކުމުގެ ފުރުސަތު ބޮޑުވެގެންދާނެ ކަަމަށެވެ. އޭގެ ސަބަބުން މިބިންތައް ދޫކުރުމުގެ އަސްލު މަގްސަދު ކަމަށްވާ ބޯހިޔާވަހިކަން އެންމެ ބޭނުން ޖެހިފައިވާ ފަރާތްތަކަށް ނުލިބި އެހެނިހެއް ވިޔަފާރީގެ ބޭނުންތަކަށް ބޭނުން ކުރުމުގެ ފުރުސަތު ފަހިވެގެންދާނެ ކަމަށްވެސް ޕެޓިޝަނުގައި ވެއެވެ.

ޕެޓިޝަނުގައި ވަނީ، ހުޅުމާލެ އަކީ ވަރަށް ތަފްސީލީ މާސްޓާ ޕްލޭނަކާއެކު ތަރައްގީކުރަމުންދާ ސިޓީއެއް ކަމަށާއި އެއްވެސް ޕްލޭނެއް ނެތި އަދި މާސްޓަ ޕްލޭނުގައި ކަނޑައަޅާފައިނުވާ 1000 އަކަފޫޓުގެ 400 ގޯތި ދޫކުރެވުމަކީ މުޅި ދެ ވަނަ ފިޔަވަހީީގެ އިިތުރުން ހުޅުމާލޭގެ ތަރައްގީގެ ޕްލޭން މުޅިން ބަދަލުވެގެންދާނެ ކަމެއް ކަމަށެވެ. އޭގެ ސަބަބުން އެ ކުންފުންޏަށް ކުރިއަށް އޮތް ތަނުގައި ލިބެންޖެހޭ އާމްދަނީ އެތައް ގުނައަކުން ދަށްވެ އޭގެ ނޭދެވޭ އަސަރު މާލީ ގޮތުން އެކުންފުންޏަށް ކުރާނެ ކަމަށް ވެސް ޕެޓިޝަނުގައި ވެއެވެ.

"އެހެންކަމުން މަތީގައިވާ ކަންތައްތަކަށް ބެލުމަށްފަހު، ހުޅުމާލޭ ދެވަނަ ފިޔަވަހިން ވިއްކުމަށް ހަމަޖެހިފައިވާ ގޯތިތަކުގެ ހަމަ އަގު ކުންފުންޏަށް ލިބުމަކީ ވަރަށް މުހިއްމު ކަމެއް، އަދި މިކަމަކީ މާކެޓިންއަށާއި ކަސްޓަމަރުންނަށް ވެސް އިތުރު ވަގުތު ވެސް ބޭނުންވާނެ ކަމަކަށްވާތީ މިކަން އަވަސް ގޮތަކަށް ނިންމުމުގެ ބަދަލުގައި މިކަމުން ނިކުންނާނެ ނަތީޖާއަށާއި ގެއްލުންތަކަށް ނުވިސްނައިފިނަމަ މި ކުންފުންޏަށް އިއާދަނުކުރެވޭނެ ގެއްލުންތަކެއް ލިބޭނެކަމަށް ދެކެން،" ޕެޓިޝަނުގައި ވެއެވެ.

ހުޅުމާލެއިން ގޯތި ވިއްކުމާ ދެކޮޅަށް އެޗްޑީސީގެ މުއައްޒަފުން ސޮއިކޮށް ޕެޓިޝަނެއް ހަދާފައިވާއިރު، ހުޅުމާލެއިން ދޫކުރާ 400 ގޯތި ދޫކުރަނީ ކަނޑައެޅިގެން ވަކި ބަޔަކަށް މަންފާ ލިބޭ ގޮތަށްކަން ޔަގީންކުރެވިފައިވާ ކަމަށާއި އެއީ އެ ގޯތިތަކަށް ބޭނުންވެފައިވާ އެތައް ސަތޭކަ ބައެއްގެ ހައްގު ގެއްލޭ ކަމަކަށް ވާތީ އެ މަޝްރޫއު ހުއްޓުވައިދިނުމަށް ހައުސިން މިނިސްޓްރީގެ މުވައްޒަފުންތަކެއްވެސް ވަނީ އޭސީސީގައި އެދިފަ އެވެ.