އެޗްޑީސީ

ދިރިއުޅެން ފަށާއިރު އަސާސީ ހިދުމަތްތައް ލިބޭނެ: އެޗްޑީސީ

ހިޔާ މަޝްރޫއުގެ ދަށުން ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި އިމާރާތް ކޮށްފައިވާ ހިޔާ ފްލެޓްތަކަށް މީހުން ބަދަލުވެ ދިރިއުޅެން ފަށާއިރަށް އަސާސީ ހިދުމަތްތައް ލިބޭނެ ކަމަށް ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ބުނެފި އެވެ.

ހިޔާ ފުލެޓް ތަކުގެ ތިރީގައިވާ ބައެއް ފްލެޓްތައް ކޮމާޝަލް ޔުނިޓް ތަކެއްގެ ގޮތުގައި ހަމަޖައްސާ، އެޗްޑީސީން ވަނީ އެ ތަންތަން ކުއްޔަށް ދޫކުރުމަށް ނިންމާފަ އެވެ. ކޮމާޝަލް ޔުނިޓްތައް ކުއްޔަށް ދޭން ނިންމާފައިވަނީ ކެއިންބުއިމަށް ބޭނުންކުރާ ތަކެތި ވިއްކުމަށާއި، ކެފޭ، ކްލިނިކް ފާމަސީ، ބޯކޮށާ ތަންތަން، ސެލޫން، ބުކްޝޮޕް، ޑޭކެއާ، ރީޓެއިލް ސްޓޯ އަދި އެސްއެމްއީތައް ހިންގުމަށެވެ.

އެޗްޑީސީގެ މީޑިއާ އޮފިޝަލު އަވަސް އަށް މިއަދު ވިދާޅުވީ ހިޔާ ފްލެޓްގެ ކޮމާޝަލް ޔުނިޓްތައް ކުއްޔަށް ދިނުމުގެ ފުރަތަމަ ބުރުގެ ދަށުން ބީލަމަށް ހުޅުވާލުމުން ލިބިފައިވާ ބީލަންތައް އިވެލުއޭޓްކޮށް ޔުނިޓްތައް ލިބުނު ފަރާތްތަކަށް ތަންތަން ހަވާލުކުރުމުގެ މަސައްކަތް ކުރިއަށްދާ ކަމަށެވެ.

ހިޔާ ފްލެޓްތަކަށް ކަރަންޓް ގުޅާ ނިމުމުން ކޮމާޝަލް ޔުނިޓްތައް ހަދަން ފެށޭނެ ކަމަށާއި އެހެންކަމުން ފްލެޓްތަކުގައި މީހުން ދިރިއުޅެން ފަށާތާ، ގިނަ ދުވަސްތަކެއް ނުވެ އަސާސީ ހިދުމަތްތައް ލިބޭނެ ކަމުގެ ޔަގީންކަން ދެއްވި އެވެ.

"މީހުން ހިޔާ ފްލެޓަށް ބަދަލުވާ އިރު ޔުނިޓްތައް ނުނިމި ހުރެދާނެ. އެކަމަކު މާގިނަ ދުވަސްތަކެއް ނުވެ އެތަންތަން ހަދާ، ހިދުމަތްތައް ދޭން ފަށާނެ" އޮފިޝަލު ވިދާޅުވި އެވެ.

ހިޔާ ފްލެޓްތަކުގެ ކޮމާޝަލް ޔުނިޓްތައް ކުއްޔަށް ހިފަން ބޭނުންވާ މީހުންނަށް ޕްރޮޕޯސަލް ހުށަހެޅުމުގެ ފުރުސަތު ހުޅުވާލާފައި ވަނީ އޮގަސްޓު މަހުގެ ނިޔަލަށެވެ.

ހިޔާ ފްލެޓުން ކުދި ފަންތިއާއި މެދުފަންތީގެ ވިޔަފާރިތަކަށް ދޫކުރާ ކޮމާޝަލް ޔުނިޓްތަކަށް އިކޮނޮމިކް މިނިސްޓްރީގައި ރަޖިސްޓްރީކޮށްފައިވާ ކޮންމެ ވިޔަފާރި އަކަށް ވެސް ކުރިމަތިލެވޭނެ އެވެ.

ހިޔާ ފްލެޓް ލިބިފައިވާ ފަރާތްތަކުން މިހާރު އަންނަނީ އެގްރިމަންޓްތަކުގައި ސޮއި ކުރަމުންނެވެ. ސޮއި ކުރާތާ ތިން މަސް ދުވަހުގެ ތެރޭގައި ފްލެޓަށް ބަދަލުވާން ޖެހެ އެވެ. ހިޔާ ފްލެޓްތަކުގެ ކުއްޔަކީ މަހަކު 8500 ރުފިޔާ އެވެ. އެއީ މެއިންޓަނެންސް ޕީ އާ އެކު އެވެ.