ހިޔާ މަޝްރޫއު

ހިޔާ އެގްރީމެންޓް ވެބްސައިޓަށްލަނީ

ހިޔާ ފްލެޓްތަކުގެ އެގްރިމެންޓް އެންމެނަށް ފެންނާނެހެން އެޗްޑީސީގެ ވެބްސައިޓްގައި އާންމު ކުރަން ނިންމައިފި އެވެ.

އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރު ސުހެއިލް އަހްމަދު ވިދާޅުވީ މިހާރު އެގްރިމެންޓްތައް ތައްޔާރު ކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށާއި އެގްރިމެންޓް އެޗްޑީސީގެ ވެންސައިޓުގައި އާންމު ކުރާނެ ކަމަށެވެ. އޭރަށް ސޮއި ކުރަން ގޮސް އެގްރިމެންޓް ކިޔުމުގެ ބަދަލުގައި ގޮސް ހަމައެކަނި ޖެހޭނީ ފައިނަލްކޮށްލައި ސޮއި ކޮށްލާށެވެ. ސުހައިލް ވިދާޅުވީ އޭގެ ސަބަބުން ދެ ފަރާތުގެ ވަގުތު ވެސް ސަލާމަތް ވާނެ ކަމަށެވެ.

މިހާރު ގުރު ނަގައި ނުނިމި ހުރި ކެޓެގަރީތަކުގެ ގުރު ނެގުން މާދަމާ ފަށާނެ އެވެ. ސުހެއިލް ވިދާޅުވީ މާދަމާ އިން ފެށިގެން 10 ދުވަހުގެ ތެރޭ ގުރު ނަގައި ނިމޭނެ ކަމަށާއި ގުރު ނަގައި ނިމޭއިރަށް އެގްރިމެންޓްތަކުގައި ސޮއި ކުރުން އޮންނާނެ ކަމަށެވެ.

އެޗްޑީސީން ބުނާ ގޮތުން ލައިވް ކޮށްގެން ގުރު ނެގުން ކުރިއަށް ގެންދާއިރު ދުވާލަކު ގުރު ނެގޭނެ ކަމަށް ލަފާ ކުރެވެނީ 600 ފްލެޓެވެ.

ސުހެއިލް ވިދާޅުވީ ފްލެޓްގެ ތަޅުދަނޑި ހަވާލު ކުރުމާއެކު މަސައްކަތް ނިންމަން ތިން މަސް ދުވަހުގެ މުއްދަތު ދޭނެ ކަމަށެވެ. -- ނުނިމި ހުރީ ތަށިމުށި ޖެހުމާއި ފާހާނާތަކުގެ ދޮރާއި ލައިޓާއި ފަންކާ ހަރު ކުރުމެވެ.

"އަޅުގަނޑުމެން ރާވާފަ އޮތީ ތަޅުދަނޑި ހަވާލު ކުރުމަށް ފަހު ތިން މަސް ދޭން އެތަންތަން ނިންމައިގެން ބޭނުން ކުރަން. ގޭގެ މަސައްކަތް ނިމޭ ފަރާތްތަކުން ވީހާވެސް އަވަހަށް އެޕާޓްމެންޓަށް ވަދެވޭނެ. އެހެންވީމާ މަސައްކަތް ނިމުނުހާ އަވަހަކަށް ފްލެޓަށް ބަދަލުވާންވީ. ތިން މަހަށްވުރެ އަވަހަށް ނިމުނުކަމުގައި ވިޔަސް ބަދަލު ވެވޭނެ." އޭނާ ވިދާޅުވި އެވެ.

އިތުރު ފްލެޓްތަކުގެ ގުރު ނެގުން މާދަމާ ފަށާއިރު ނުކުޅެދުންތެރިކަން ހުރި މީހުންގެ ކެޓެގަރީގެ ގުރު ނެގުން މިހާރު ވަނީ ނިންމާފަ އެވެ. އެކެޓެގަރީ އިން 188 މީހަކަށް ވަނީ ފްލެޓް ލިބުނެވެ.