ހަބަރު

ފޯމްތައް ބަލައިގަންނާނީ ކިއު ތަރުތީބުން، އިތުރު ވަގުތު ދޭނަން: އެޗްޑީސީ

ހުޅުމާލޭ ދެވަނަ ފިޔަވަހިން ގޯއްޗަށް އެދި ހުށަހަޅެމަށް އެކަށީގެންވަ ފުރުސަތުދީ، ކިއު ތަރުތީބުން އަނެއްކާވެސް ވަރަށް އަވަހަށް ފޯމް ބަލައިގަތުމުގެ މަސައްކަތް ފަށާނެ ކަމަށް ހައުސިން ޑިވަލޮޕްމަންޓް ކޯޕަރޭޝަން، އެޗްޑީސީ އިން ބުނެފި އެވެ.

ހުޅުމާލޭ ދެވަނަ ފިޔަވަހިން 400 ގޯތި ދޫކުރުމަށް ފޯމް ހުށަހެޅުމާއި ބަލައިގަތުމުގެ މަސައްކަތް މިހާާތަނަށް ކުރަމުން އަންނަނީ ހައުސިން މިނިސްޓްރީ އިންނެވެ. ނަމަވެސް މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ މާލޭގައި ޖާގައިގެ ދަތިކަމުންނާއި އެފަދަ އެހެން މައްސަލަތަކާ ހެދި ގޯތި ދޫކުރުމުގެ މަސައްކަތް ހުޅުމާލޭގައި ކުރިޔަށް ގެންދިޔުމަށް އެޗްޑީސީއާ ހަވާލުކޮށްފައިވާ ކަމަށެވެ. ނަމަވެސް މިދިޔަ ދުވަސްތަކުގައި ހައުސިން މިނިސްޓްރީ އިން ބަލައިގެންފައިވާ ފޯމްތައް ބާތިލެއް ނުކުރާނެ ކަމަށާއި އެޗްޑީސީ އިން އެ މަސައްކަތް ކުރިޔަށް ގެންދާނީ ބަލައިގަތް ފޯމްތަކާއެކުގައި އަދި ހައުސިން މިނިސްޓްރީ އިން ދޫކޮށްފައިވާ ކިއޫ ނަމްބަރުގެ ތަރުތީބުން ކަމަށް މުއިއްޒު ވިދާޅުވި އެވެ.

އެކަމާ ގުޅިގެން އެޗްޑީސީ އިން ނެރުނު ބަޔާނެއްގައި ވަނީ، ހައުސިން މިނިސްޓްރީން މިއަދު އިއުލާން ކުރި ފަދައިން ހުޅުމާލެ ދޭއްގެ 400 ގޯތި ވިއްކުމަށް ފޯމް ދޫކުރުމާއި ފޯމް ބަލައިގަތުމުގެ މަސައްކަތް ކުރިއަށް ގެންދާނީ އެކޯޕަރޭޝަނުން ކަމަށެވެ. ނަމަވެސް ފޯމް ބަލައިގަތުން އެ ކޮޕަރޭޝަނުން ފަށާނެ ވަކި ތާރީހެއް ހާމަކޮށްފައެއް ނުވެ އެވެ.

"މިކަމާ ގުޅިގެން އެޗްޑީސީ އިން މިހާރު ދަނީ މި މަސައްކަތް ކުރިއަށް ގެންގޮސްފައިވާ ހިސާބާއި އަދި ކުރިއަށް ގެންދާނެ ގޮތާއި ގުޅޭގޮތުން މިނިސްޓްރީ އޮފް ހައުސިން އެންޑް އިންފްރާސްޓްރަކްޗާ އާއި މަޝްވަރާ ކުރަމުން،" ބަޔާނުގައި ވެއެވެ.

ބަޔާނުގައި ވަނީ، އެ 400 ގޯއްޗާއި ގުޅޭގޮތުން ހައުސިން މިނިސްޓްރީއަށް މިހާތަނަށް ހުށަހަޅާފައިވާ ފޯމްތައް ހިމެނޭ ގޮތަށް، ހައުސިން މިނިސްޓްރީން މިހާތަނަށް ކިއު ނަމްބަރު ދޫކޮށްފައިވާ ހިސާބުން ފެށިގެން ފޯމް ބަލައިގަންނަން ފަށާނެ ކަމަށެވެ. އަދި ފޯމް ހުށަހެޅުމަށް އެކަށީގެންވާ ވަގުތު ދެވިގެންދާނެ ކަމަށާއި އެގޮތަށް ހަމަޖެއްސީ ފޯމް ހުށަހެޅުމުގައި ރައްޔިތުންނަށް ލުއި ފަސޭހަ ގޮތްތަކެއް ހަމަޖައްސައިދިނުމަށް ކަމަށްވެސް އެޗްޑީސީން ބުންޏެވެ.

"ކުރިން ފޯމް ބަލައިގަންނަން އޮތް އެންމެ ފަހުގެ މުއްދަތު އިތުރު ކުރެވި އަދި މި ޕްރޮސެސް ކުރިއަށް ގެންދާނެ ގޮތާއި ގުޅޭ މައުލޫމާތު ވީ އެންމެ އަވަހަކަށް ރައްޔިތުންނަށް ފޯރުކޮށްދޭނަން،" ބަޔާނުގައި ވެއެވެ.

މިނިސްޓަރު މިއަދު ވިދާޅުވީ މި ހަފްތާގެ ތެރޭގައި މިހާތަނަށް 5100 ފޯމް ބަލައިގެންފައިވާ ކަމަށާއި އެ ފޯމްތައް އެޗްޑީސީއާ ހަވާލު ކުރާނެ ކަމަށެވެ.

ހައުސިން މިނިސްޓްރީން މިއަދު ކުއްލި ގޮތަކަށާ އެޗްޑީސީއާ ގޯތި ވިއްކުން ހަވާލުކޮށް އެ މިނިސްޓްރީން ފޯމް ބަލައިގަތުން މެދު ކަނޑާލި އެވެ. އެކަމުގެ ސަބަބުން އެވަގުތު ކިޔުގައި ތިބި އެތައް ބަޔަކު ރުޅިގަދަވެ އެ މިނިސްޓްރީގައި ވަނީ މުޒާހަރާވެސް ކޮށްފަ އެވެ.

އެޗްޑީސީން ގޯތި ވިއްކުމުގެ މަސައްކަތް ފެށުމަށް ހަވާލުވެފައިވާއިރު، މިއަދު ވަނީ އެކުންފުނީގެ 169 މުއައްޒަފުން ގޯތި ވިއްކުމާއި ދެކޮޅަށް ޕެޓިޝަނެއްގައި ސޮއިކޮށްފަ އެވެ. އަދި އެކަން ވަގުތުން ހުއްޓާލުމަށްވެސް އެޕެޓިޝަނުގައި ވެއެވެ.

ގޯތި ދޫކުރުމާއި ބަލައިގަތުމުގެ މަސައްކަތް ހުއްޓާލުމަށް އެންޓި ކޮރޮޕްޝަން ކޮމިޝަން (އޭސީސީ) އިން ހައުސިން މިނިސްޓްރީއަށް އެންގި އެވެ. ނަމަވެސް އުސޫލު ބަދަލު ކުރުމަށް ފަހު އަލުން އެ މަސައްކަތް ކުރިޔަށް ގެންދިޔުމަށް ވެސް އެ ކޮމިޝަނުން މިނިސްޓްރީއަށް ވަނީ އަންގައިފަ އެވެ.