ސަރުކާރު ބަދަލުވުމުގެ މަރުހަލާގެ ކަންކަން ކުރިއަށް ގެންދިއުމަށް ދޭން ޖެހޭ އެއްބާރުލުން ހައުސިން މިނިސްޓްރީން ނުދޭ ކަމަށް އިންތިހާބީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް، އިބޫގެ ޓްރާންސިޝަން ޓީމުގެ ޗެއާމަން އަބްދުﷲ ޝާހިދު ވިދާޅުވެއްޖެ އެވެ.
ޓްރާންސިޝަން ކޮމިޓީގެ އިސްވެރިން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޝާހިދު ވިދާޅުވީ، މިހާތަނަށް އައިއިރު ޓްރާންސިޝަން ކޮމިޓީތަކުން ސަރުކާރުގެ 67 އިދާރާއަކަށް ޒިޔާރަތް ކޮށްފައިވާ ކަމަށާއި އެ އިދާރާތަކުގެ މައުލޫމާތު ދިނުމަށް އެ އިދާރާތަކުގެ އިސް ފަރާތްތަކުންނާއި މުވައްޒަފުންގެ ފަރާތުން ވަރަށް ބޮޑު އެއްބާރުލުމެއް ލިބެމުންދާ ކަމަށެވެ.
ޝާހިދު ވިދާޅުވީ، ޖުމްލަ ގޮތެއްގައި ސަރުކާރުގެ ހުރިހާ ވުޒާރާއަކުންވެސް އެއްބާރުލުން ލިބެމުންދާ ކަމަށާއި ނަމަވެސް ބައެއް ވުޒާރާތަކުން ފުރިހަމަ އެއްބާރުލުން ނުލިބުނަސް ވާހަކަ ދައްކައިގެން އެ ކަންކަން ހައްލު ކުރެވެމުންދާ ކަމަށެވެ. އަދި އެންމެ ބޮޑު އެއްބާރުލުމެއް ދެނީ ރައީސް އޮފީހުން ކަމަށްވެސް ޝާހިދު ވިދާޅުވި އެވެ.
"އެންމެ ބޮޑަށް ފާހަގަ ކުރެވޭ ކަމަކީ ރައީސް އޮފީހުން ނުހަނު ބޮޑު އެއްބާރުލުމެއް ވެރިކަން ބަދަލުވުމުގެ މަރުހަލާއާ ބެހޭ ގާނޫނު ދަށުން ދެއްވަމުން ގެންދަވާއިރު، ރާއްޖޭގެ ހައުސިން މިނިސްޓަރު މިކަމަށް އެއްބާރުލުން ނުދެއްވާކަން،" ޝާހިދު ވިދާޅުވި އެވެ.
ޝާހިދު ވިދާޅުވީ، އުންމީދު ކުރަނީ ހައުސިން މިނިސްޓަރު މުހައްމަދު މުއިއްޒުވެސް ގާނޫނީ އިމުގެ ތެރެއިން ދެއްވަން ޖެހޭ އެއްބާރުލުން އަވަހަށް ދެއްވަން ފައްޓަވާނެ ކަމަށެވެ. އަދި އެކަންކަން ވެސް ހައްލު ކުރެވޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.
"ފުރަތަމަ ބައްދަލުވުން ވަނީ ބޭއްވިފަ، އެހެން ނަމަވެސް އޭގެ ފަހުން އެކަން ކޮންމެސް ކަހަލަ ގޮތްތަކަކަށް ހުއްޓުން އަރައިގެން އުޅެނީ، އެކަންތައްތަކަކީ ދެފަރާތުން ވާހަކަދައްކައިގެން ހައްލު ކުރެވޭނެ ކަންތައްތައްކަން އަޅުގަނޑު ގަބޫލު ކުރަން،" ޝާހިދު ވިދާޅުވި އެވެ.
ޝާހިދު ވިދާޅުވީ، ހައުސިން މިނިސްޓަރާއި އިއްޔެ ޓްރާންސިޝަން ކޮމިޓީން ބައްދަލުކޮށްފައިވާ ކަމަށާއި ނަމަވެސް އޭގެ ފަހުން އެކަން އޮތީ މެދުކެނޑިފައި ކަމަށެވެ. އުންމީދަކީ ވަރަށް އަވަހަށް ބައްދަލު ކުރެއްވުން ކަމަށްވެސް ޝާހިދު ވިދާޅުވި އެވެ.