ހަބަރު

ކޮރަޕްޝަނަށް މަގުފަހިވާ ގޮތަށް ބިން ވިއްކުން ހުއްޓާލާ: އިބޫ

ހުޅުމާލެ ދެވަނަ ފިޔަވަހިން 400 ގޯތި ހައުސިން މިނިސްޓްރީން ވިއްކުމުގެ މަސައްކަތް ކުރިއަށް ގެންދަނީ އަވަސް އަރުވާލައިގެން ކަމަށާއި އެކަމުގެ ސަބަބުން ކޮރަޕްޝަނަށް މަގުފަހިވާތީ، އެކަން ނުކުރުމަށް އިންތިހާބީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް، އިބޫގެ އޮފީހުން ގޮވާލައިފި އެވެ.

ހައުސިން މިނިސްޓްރީން ނިންމާފައިވަނީ ހުޅުމާލެ އިން 400،000 ރުފިޔާއަށް 1000 އަކަފޫޓު ގޯއްޗެވެ. 400 މީހުންނަށް ގޯތި ދޫކުރުމަށް ވަނީ ނިންމައިފަ އެވެ. ހައުސިން އިން ބުނީ އެޑްވާންސްކޮށް 25،000 ރުފިޔާ ދެއްކުމަށް ފަހު 10 އަހަރަށް ބަހާލައިގެން ވެސް ގޯތި ނެގެ އެވެ. ނަމަވެސް މިހާރު އެގޯތި ވިއްކުމުގެ މަސައްކަތް ހައުސިން މިނިސްޓްރީން ވަނީ ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން، އެޗްޑީސީއާ ހަވާލުކޮށްފަ އެވެ.

އެކަމާ ގުޅިގެން އިންތިހާބީ ރައީސް އޮފީހުން ނެރުނު ބަޔާނުގައި ވަނީ، އިބޫ ހުވާ ކުރެއްވުމާއި ދެމެދު ހިނގާ މަރުހަލާގައި އެންމެހާ ރައްޔިތުންނަށް ބޯހިޔާވަހިކަން ފޯރުކޮށްދިނުމުގެ ނަމުގައި ދައުލަތުން ބޮޑެތި މަޝްރޫއުތައް އިފްތިތާހްކޮށް ތަންފީޒުކުރަމުން ގެންދާކަމީ ނުހަނު ކަންބޮޑުވާ މައްސަލައެއް ކަމަށެވެ.

"ސަރުކާރުން އިފްތިތާހް ކޮށްފައިވާ ބޯހިޔާވަހިކަމުގެ މަޝްރޫއުތަކުގެ ފްލެޓްތައް ލިބޭނެ ކަމުގެ ލިޔުން އެކިއެކި ފަރާތްތަކަށް ހަވާލުކުރުމާއި ރާއްޖޭގެ އެކި ރަށްރަށުން ކުއްލި ގޮތަކަށް ބިން ދޫކުރުމާއި އަވަސް އަރުވާލައިގެން ކޮރަޕްޝަނަށް މަގުފަހިވާގޮތަށް ހުޅުމާލެ ދެވަނަ ދިޔަވަހިން 400 ގޯތި ވިއްކުމަކީ ގާނޫނާ ހިލާފް ކަމެއް ކަމުގައިވާތީ އެފަދަ ކަންކަން ކުރުން ހުއްޓާލުމަށް ހައުސިން މިނިސްޓްރީއަށާއި ސަރުކާރު ހިއްސާވާ ކުންފުނިތަކަށް އިލްތިމާސްކުރަން،" ބަޔާނުގައި ވެއެވެ.

ބަޔާނުގައި ވަނީ، ހުޅުމާލެ ދެވަނަ ފިޔަވަހިން ގޯތި ވިއްކުމުގެ މަސައްކަތް ހައުސިން މިނިސްޓްރީން ކުރިއަށް ގެންދާއިރު އެކަމުގައި ކޮރަޕްޝަނަށް މަގުފަހިވާ ކަންކަން އެކުލެވިގެންވާ ކަންކަން ހުރި ކަމަށް އެންޓި ކޮރަޕްޝަން ކޮމިޝަނުންވެސް އެކަންކަން ފާހަގަކޮށްފައިވަނިކޮށް ގޯތި ވިއްކުން ކުރިއަށް ގެންދާތީ އިބޫ ވަރަށް ބޮޑަށް ކަންބޮޑުވާ ކަމަށްވެސް ބަޔާނުގައި ވެއެވެ.

"ސަރުކާރުން އިއުލާން ކޮށްފައިވާ މިމަޝްރޫގައި ސުވާލު އުފެދޭ އެތައް ކަމެއް އެކުލެވޭ، މިކަންކަމުގެ ތެރޭގައި ބިން ވިއްކުމަށް ކަނޑައަޅާފައިވާ ބޭއިންސާފް އުސޫލުން ބިން ވިއްކުމުން އިއާދަނުކުރެވޭވަރުގެ ބޮޑެތި ގެއްލުންތައް ލިބޭނެ، މިކަންކަމުގެ ތެރޭގައި މިހާރު ބިން ވިއްކަމުން ގެންދާ އުސޫލުގެ ސަބަބުން ބޯހިޔާވަހިކަމަށް އެންމެ ބޭނުންވާ ފަރާތްތަކަށް ބޯހިޔާވަހިކަން ނުލިބުމުގެ ބިރު އެބައޮތް،" ބަޔާނުގައި ވެއެވެ.

ބަޔާނުގައި ވަނީ، މި ބިންތައް ވިއްކަނީ އެޗްޑީސީގެ މާލީހާލަތު ރަނގަޅު ކުރުމަށް ކަމަށް ހައުސިން މިނިސްޓްރީން ބުނެފައިވީ ނަމަވެސް ބިން ވިއްކުމުން ލިބޭ އާންމުދަނީ އަކީ ކުޑަ އަދަދެއް ކަމަށާއި އެއީ އެކުންފުންޏަށް ދިމާވެފައިވާ މާލީ ހާލަތުން އަރައިގަނެވޭނެ ފަދަ އާމްދަނީއެއް ނޫން ކަމަށެވެ.

ބަޔާނުގައި އިތުރަށް ވަނީ، އިންތިގާލީ މަރުހަލާގައި އުސޫލުން ބޭރުން ކަނޑައަޅާ އެފަަދަ ސިޔާސަތުތަކަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށެވެ. އަދި ގާނޫނާ ހިލާފަށް ހިންގާ ކަންކަން ތަހްގީގްކޮށް ނުހައްގުން ކުރެވިފައިވާ ކަންކަން ބެލޭނެ ކަމަށްވެސް ބަޔާނުގައި ވެއެވެ.