ހަބަރު

ގާސިމްގެ އެޑްވައިޒަރަކަށް ރިޔާޒް ހަމަޖައްސައިފި

ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމްގެ ތިން ވަނަ އެޑްވައިޒަރަކަށް އެޕާޓީގެ ކުރީގެ ނައިބު ލީޑަރު އަދި ކިނބިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ރިޔާޒު ހަމަޖައްސައިފި އެވެ.

ގާސިމްގެ އެޑްވައިޒަރުންގެ ގޮތުގައި މިހާރު ތިއްބަވަނީ ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހުމަދާއި އެސްޓީއޯގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އާދަމް އާޒިމެވެ.

އެމަގާމަށް ރިޔާޒު އައްޔަން ކޮށްފައިވަނީ ޖޭޕީގެ އެކްޓިން ލީޑަރު ޑރ. ހުސައިން ރަޝީދު ހަސަނަށް ލިބިދޭ އިހުތިޔާރުގެ ދަށުން އެޕާޓީގެ އަސާސީ ގަވާއިދުގެ ދަށުންނެވެ.

އެކަމާ ގުޅިގެން ރިޔާޒް ކުރެއްވި ޓްވީޓެއްގައި ވަނީ، ގާސިމްގެ އެޑްވައިޒަރަކަށް އައްޔަން ކުރެއްވުމަކީ ލިބުނު ބޮޑު ޝަރަފެއް ކަމަށެވެ. އަދި ރާއްޖޭގެ އެންމެ ބޮޑު ސިޔާސީ ޕާޓީއަށް ޖޭޕީ ހެދުމަށް ވަރަށް ގިނަ މަސައްކަތްތައް ގުޅިގެން ކުރަން ޖެހޭ ކަމަށެވެ. އަދި އެކަން ކުރައްވާނީ ކޯލިޝަންގެ ޕާޓީތަކުގެ ގުޅުމަށް ބުރޫ ނާރާ ގޮތަށް ކަމަށްވެސް ރިޔާޒް ވިދާޅުވި އެވެ.

ޖޭޕީން ބުނެފައިވާ ގޮތުގައި، ޕާޓީގެ ލީޑަރުގެ އެޑްވައިޒަރަކީ ޕާޓީތަރައްގީކޮށް ކުރިއެރުވުމަށާއި ޕާޓީއަށް ސިޔާސީ ކުރިއެރުން ހޯދުމުގައި ޕާޓީގެ ލީޑަރަށް ބޭނުންވާ ލަފަޔާއި އިރުޝާދާއި އެހީތެރިކަން ފޯރުކޮށްދީ މަގާމުގެ ހައިސިއްޔަތުން ޕާޓިގެ ކައުންސިލްގައި ހިމެނޭ ޝަރަފްވެރި އިއްޒަތްތެރިއެއް ކަމަށެވެ.

ރިޔާޒް މީގެ ކުރިން ހުންނެވީ ޖޭޕީގެ ޑެޕިއުޓީ ލީޑަރު ކަމުގަ އެވެ. ނަމަވެސް އޭނާ ޖަލުގައި ހުންނަވަނިކޮށް އެމަގާމުގެ މުއްދަތުވަނީ ހަމަވެފަ އެވެ. މިއަހަރުގެ އޮގަސްޓް މަހު ޖޭޕީން ކޮންގްރެސް ބާއްވައި މަގާމުތަކަށް ބޭފުޅުން އައްޔަނުކުރި އިރު، ރިޔާޒް ހުންނެވީ ޖަލު ބަންދުގަ އެވެ.