ޖުމްހޫރީ ޕާޓީ

ނާޒިމާއި ރިޔާޒްގެ މަގާމަށް މެމްބަރުން ހޮވަނީ

ޖުމުހޫރީ ޕާޓީ (ޖޭޕީ) ގެ ކައުންސިލްގެ 15 މެމްބަރުންގެ ތެރެއިން ދެ މެމްބަރަކު ވަކިވެވަޑައިގެންފައިވާތީ އެ ދެ ޖާގައަށް ކުރިމަތިލާން ހުޅުވާލަން އެ ޕާޓީން ނިންމައިފި އެވެ.

ޖޭޕީގެ މި ނިންމުން އައީ ރޭ ބޭއްވި އެ ޕާޓީގެ 143 ވަނަ ކައުންސިލް ބައްދަލުވުމުގަ އެވެ. ބައްދަލުވުމުގައި ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމާއި ޕާޓީގެ ޑެޕިއުޓީ ލީޑަރު އަދި މިނިސްޓަރު ޑރ. ހުސެއިން ރަޝީދު ހަސަނާއި ޑެޕީއުޓީ ލީޑަރު އަމީން އިބްރާހިމްގެ އިތުރުން 29 ކައުންސިލް މެމްބަރުން ބައިވެރި ވެވަޑައިގަތެވެ.

ޕާޓީގެ ސުލޫކީ ކޮމެޓީ އާއި އިސްތިއުނާފް ކޮމެޓީން ހުސެވެފައިވާ މަގާމުތަކަށް ކުރިމަތި ލާފަވާ ފަރާތަކުގެ އިންތިހާބު ރޭ ބާއްވައި އެ ދެ ކޮމެޓީގެ މަސައްކަތް މިހާރު ވަނީ ފަށާފަ އެވެ. މީގެ އިތުރުން މިވަގުތު އަލަށް 10 ކޮމެޓީއެއް އުފެއްދުމަށް ވަނީ ހުށަހަޅައި ކައުންސިލުން ރުހުންދިނެވެ. އަދި ކައުންސިލުން ވަކިވެފައިވާ ދެ މެމްބަރުންގެ ޖާގައަށް ބޭފުޅުން ހޮވަން ކުރިމަތިލުމަށް ފުރުސަތު ހުޅުވާލަން ވެސް ނިންމި އެވެ.

ޖޭޕީ ކައުންސިލްގެ އެ ދެ ގޮނޑި މީގެ ކުރިން ފުރުއްވަމުން ގެންދިޔައީ ރައްޔިތުންގެ މަޖިލީހުގެ ދަނގެތި ދާއިރާގެ މެންބަރު މުހައްމަދު ނަޒީމާއި ތިމަރަފުށީ ދާއިރާގެ މެންބަރު އަބްދުﷲ ރިޔާޒެވެ. ޖޭޕިން ވަކިވެވަޑައިގެން އެ ދެ ބޭފުޅުން މިހާރު ވަނީ މޯލްޑިވް ނެޝަނަލް ޕާޓީއެއްގެ ނަމުގައި އާ ޕާޓީއެއް އުފެއްދުމުގެ މަސައްކަތް ފަށާފަ އެވެ.