ސިޔާސީ ޕާޓީއެއް އުފައްދަން ގަސްތު ކޮށްފިނަމަ އެކަމަށް ރައްޔިތުންގެ ތާއީދު އޮންނާނެ ކަމަށް ކުރީގެ ޑިފެންސް މިނިސްޓަރު އަދި މަޖިލީހުގެ ދަނގެތީ ދާއިރާގެ މެންބަރު މުހައްމަދު ނާޒިމް ވިދާޅުވެއްޖެ އެވެ.
އޭނާ މިހެން ވިދާޅުވީ ކުރީގެ ޕޮލިސް ކޮމިޝަނަރު އަދި މަޖިލީހުގެ ތިމަރަފުށީ ދާއިރާގެ މެންބަރު އަބްދުﷲ ރިޔާޒާއެކު ސިޔާސީ ޕާޓީއެއް އުފެއްދުމުހެ މަސައްކަތް ފަށާފައިވާ ކަމަށް ބުނެ ބައެއް ފަރާތްތަކުން ދައްކަމުންދާ ވާހަކަތަކާއި ގުޅިގެންނެވެ. ނާޒިމް ވިދާޅުވީ ސިޔާސީ ޕާޓީއެއް އުފެއްދުމާ ގުޅޭގޮތުން މިހާތަނަށް މަޝްވަރާއެއް ކުރައްވާފައި ނުވާނެ ކަމަށެވެ.
އަދި ސިޔާސީ ޕާޓީއެއް އުފެއްދުމުގެ މަސައްކަތްކޮށް އެކަން ނާކާމިޔާބު ވުމުން މަސައްލަކަތް އޭނާ ހުއްޓާލާފައިވާ ކަމަށް ބުނެ ބައެއް މީހުން ދައްކަމުންދާ ވާހަކަތަކުގައި ވެސް ހަގީގަތެއް ނެތް ކަމަަށެވެ.
"އަޅުގަނޑަކީ ރައްޔިތުންގެ ގާތަށް ގޮސް ބޮޑު ތާއީދަކާއެކު މިހާރު ވެސް އިންތިހާބީ މަގާމެއް ފުރަމުންދާ މީހެއް. ސިޔާސީ ޕާޓީއެއް އުފައްދަން ގަސްތު ކޮށްފިނަމަ އެކަމަށް ވެސް ރައްޔިތުން ތާއީދު ކުރާނެ، އިންޝާﷲ." ނާޒިމް ވިދާޅުވި އެވެ.
ރިޔާޒް ވެސް ވަނީ ޕާޓީއެއް އުފައްދަން މަސައްކަތް ކުރި ކަމަށް ދެކެވޭ ވާހަކަތައް ދޮގު ކޮށްފަ އެވެ. އޭނާ ވިދާޅުވީ ސިޔާސީ މަސައްކަތަކީ ރައްޔިތުންގެ ހައްގުގައި ކުރަންޖެހޭ މަސައްކަތެއް ކަމަށާ އެހެން ކަމުން ފިލާ ތިބެ އެފަދަ މަސައްކަތެއް ކުރެވޭނެ ގޮތެއް ނުވިސްނޭ ކަމަށެވެ.
ނާޒިމާއި ރިޔާޒަކީ ޖޭޕީއަށް ނިސްބަތްވެ ވަޑައިގަންނަވާ ދެ މެންބަރުންނެވެ. ނަމަވެސް އެ ދެ ބޭފުޅުން ވެސް ޕާޓީގެ މަސައްކަތްތަކާއި ދުރުގައި ތިއްބަވާތާ ވަނީ ދުވަސްތަކެއް ވެފަ އެވެ. އަދި ރިޔާޒާއި ނާޒިމް ވެސް ޖޭޕީއާމެދު ހިތްހަމަޖެހިވަޑައި ނުގަންނަވާ ކަމަށް ވިދާޅުވެފައި ވެއެވެ. އެއްވެސް ބޭފުޅަކު އޭގެ ތަފްސީލެއް ނުދެއްވަ އެވެ.
ގާސިމް އިބްރާހިމްގެ ޖޭޕީ ހިންގުމުހައި މިވަގުތު އިސްވެ އުޅެނީ ރައީސް އަބްދުﷲ ޔާމީންގެ އަރިހުގައި ކުރިން އިސްވެ ތިއްބެވި ބައެއް ބޭފުޅުންނެވެ. ރައީސް ޔާމީނަށް ވަރަށް ބޮޑަށް ތައުރީފު ކުރައްވާ އަދި ގާސިމަށް ވަރަށް ބޮޑަށް ފާޑުވިދާޅުވި ގިނަ ބޭފުޅުންތަކެއް ކުއްލި ގޮތަކަށް ޖޭޕީއާ ގުޅިވަޑައިގެންފައި ވަނީ ރައީސް ޔާމީންގެ ވެރިކަން ނިމި މަޖިލިސް އިންތިހާބުގައި ވެސް ބޮޑު ނާކާމިޔާބެއް ކުރިމަތިވުމަށް ފަހު އެވެ.