ދުނިޔެ

އައިއެސްއާ ދެކޮޅަށް އެމެރިކާ އިން ދުވާލަކު ނުވަ މިލިއަން ޑޮލަރު ހަރަދުކުރޭ، މިހާތަނަށް 2.7 ބިލިއަން!

Jun 12, 2015

އިސްލާމިކް ސްޓޭޓް (އައިއެސް)އާ ދެކޮޅަށް ހިންގާ އޮޕަރޭޝަނަށް އެމެރިކާ އިން ދުވާލަކު ނުވަ މިލިއަނަށް ވުރެ ގިނަ ޑޮލަރު ހަރަދުކުރަމުންދާ ކަމަށް އެ ގައުމުން މިއަދު ބުނެފި އެވެ.

ޕެންޓަގަން އިން އާއްމުކުރި ތަފާސްހިސާބުތައް ދައްކާ ގޮތުން އިރާގާއި ސީރިއާގައި އެމެރިކާ އާއި ގުޅިފައިވާ ފައުޖުތަކުން އަައިއެސްއާ ދެކޮޅަށް ހިންގަމުން ގެންދާ ހަރަކާތްތަކަށް އެމެރިކާ އިން އެކަނި ވެސް ވަނީ މިހާތަނަށް 2.7 ބިލިއަން ޑޮލަރު ހަރަދުކޮށްފަ އެވެ. މިދިޔަ އޮގަސްޓް މަހު ފެށި އެ އޮޕަރޭޝަންގެ ހަރަދު ދުވަސްވަމުންދާ ވަރަކަށް ވަރަށް ބޮޑަށް އިތުރުވެފައިވާ ކަމަށް ވެސް ހިސާބުތަކުން ދައްކަ އެވެ.

އެ ހިސާބުތައް އާއްމުކޮށްފައި ވަނީ އެމެރިކާގެ އަސްކަރިއްޔާގެ ބަޖެޓު ފާސްކުރުމަށް ކޮންގްރެސްގެ ތިިރިގެ، ހައުސް އޮފް ރެޕްރެޒެންޓޭޓިވްސްގައި ކުރި ބަހުސްގެ ތެރޭގަ އެވެ. އެ ބަހުސަށް ފަހު، ހައުސް އިން ވަނީ 579 ބިލިއަން ޑޮލަރުގެ އަސްކަރީ ބަޖެޓެއް މިއަދު ފާސްކޮށްްފަ އެވެ. މީގެ އިތުރުން، އައިއެސްއާާ ދެކޮޅަށް ސިފައިން ފޮނުވުމުގެ ކުރިން ކޮންގްރެސްގެ ހުއްދަ ނުހޯދާ ނަމަ ބަޖެޓު ކަނޑާލާ ގޮތަށް ހުށަހެޅި އިސްލާހެއް ވަނީ ބޭރުކޮށްލާފަ އެވެ.

އެމެރިކާ އާއި ގުޅިފައިވާ ފައުޖުތަކުން އައިއެސްއާ ދެކޮޅަށް އިރާގާއި ސީރިއާގައި ވައިގެ ހަމަލާތައް ކޮންމެ ދުވަހަކުން ދެމުން ދަނިކޮށް ވެސް އައިއެސް އިން ވަނީ މިދިޔަ މަހުގެ ތެރޭގައި އިރާގުގައި ބޮޑެތި ކުރިއެރުންތަކެއް ހޯދާފަ އެވެ. އެ ގޮތުން، އެ ޖަމާއަތުން ވަަނީ އަންބާރު ޕްރޮވިންސުގައި އޮންނަ މުހިއްމު އަވަށެއް ކަމަށްވާ ރަމާދީ ހިފާފަ އެވެ.

މިދިޔަ މަހު 17 ގައި ރަމާދީ ހިފުމާ އެކު، ސަރުކާރު ސިފައިންނާއި ފުލުހުން ވަނީ ފަހަތަށް ޖެހިފަ އެވެ. ރަމާދީގެ މައި އަސްކަރީ މަރުކަޒު ހިފައި އެ ތަނުގައި ހުރި ޓޭންކުތަކާއި އެ ނޫން ވެސް ބަރު ހަތިޔާރު އައިއެސްގެ ބެލުމުގެ ދަށަށް ގެނެސްފައި ވާއިރު، ސަރުކާރުން ވަނީ އެ ސިޓީ އަލުން ހިފުމުގައި އަސްކަރިއްޔާ އަށް އެހީ ވުމަށް ހަނގުރާމަވެރި އެހެން ޖަމާއަތްތަކަށާއި އާއްމުންގެ ތެރެއިން ހިލޭސާބަހަށް ހަނގުރާމަކުރަން ބޭނުންވާ މީހުންނަށް ގޮވާލާފަ އެވެ.

މި ގޮވާލުމާ އެކު، އީރާނުން އެހީވާ ޝީއީ ހަނގުރާމަވެރިންގެ ފައުޖެއް ރަމާދީގެ އިރުމަތިން 20 ކިލޯމީޓަރު ދުރުގައި އޮންނަ ކުޑަ އަވަށެއް ކަމަށްވާ ހައްބާނިއްޔާ އަށް ވަނީ ވަގުތުން ޖަމާވެފަ އެވެ. ގާތްގަނޑަކަށް 3،000 ހަނގުރާމަވެރިންގެ މައްޗަށް އެކުލެވިގެންވާ އެ ފައުޖު ހައްބާނިއްޔާގެ މައި އަސްކަރީ މަރުކަޒުގައި ގާއިމްވެގެން ތިބުމަށް ފަހު، މިދިޔަ މަހު ފަހުކޮޅު ވަނީ ރަމާދީ އަލުން ހިފުމުގެ މަސައްކަތް ފަށާފަަ އެވެ. އެ މަސައްކަތް މުޅި އަންބާރު ޕްރޮވިންސަށް ފުޅާކޮށް، މިހާރު ކުރިއަށް ގެންދަނީ އަސްކަރިއްޔާއާ ގުޅިގެންނެވެ.

ރަމާދީ ހިފުމާ އެކު، އަންބާރު އަވަށުގެ ދެބައިކުޅަ އެއްބަޔަކަށް ވުރެ ބޮޑު ބައެއްގެ ފުރިހަމަ ކޮންޓްރޯލް އައިއެސް އިން ވަނީ ނަގާފަ އެވެ. އިރާގުގެ އެންމެ ބޮޑު އަވަށް ކަމަށްވާ އަންބާރު އޮންނަނީ ވެރިރަށް ބަގުދާދާ އެންމެ 110 ކިލޯމީޓަރު ދުރުގައި ކަމުން، މިއީ އެ ގައުމުގެ ސަރުކާރުން، ހާއްސަކޮށް ބޮޑުވަޒީރު އަލް އަބާދީއާ، ކުރިމަތިލާންޖެހޭ ބޮޑު ގޮންޖެހުމެކެވެ.

މީގެ އިތުރުން، އިސްލާމީ ހިލާފަތެއް ކަމަށް ދައުވާކުރާ ޓެރަރިސްޓް ޖަމާއަތުން ވަނީ މިދިޔަ މަހު ސީރިއާގެ މުހިއްމު އަވަށްތަކެއް ވެސް ހިފާފަ އެވެ. އެ ގޮތުން، އެ ޖަމާއަތުން އެންމެ ފަހުން ހިފާފައި ވަނީ ސީރިއާގެ ގަދީމީ އަވަށެއް ކަމަށްވާ ޕަލްމައިރާ އެވެ،

ތާރީހާއި ސަގާފަތާ ބެހޭ އދ.ގެ ޖަމިއްޔާ (ޔުނެސްކޯ) އިން ބަލަހައްޓާ ދުނިޔޭގެ މުހިއްމު އާސާރީ ތަންތަނުގެ ލިސްޓުގައި ވެސް ހިމެނޭ ޕަލްމައިރާ އަކީ ރޯމަން ހަޟާރަތުގެ އެންމެ މުހިއްމު އެއް އަވަށެވެ. ވިޔަފާރީގެ މައި މަރުކަޒެއްގެ ގޮތުގައި ރޯމަނުން ބޭނުންކުރި މި އަވަށަކީ ގަދީމީ ރޯމަނުންގެ ބިނާތައް މިހާރު އެންމެ ރީއްޗަށް ފެންނަން ހުރި އެއް ސިޓީ އެވެ. އެ ގޮތުން، ފުރަތަމަ ގަރުނަށް ނިސްބަތްވާ، ރޯމަނުންގެ ބިނާތަކާއި ބަގީޗާތައް މި ސިޓީން ފެންނަން އެބަހުއްޓެވެ.

ކުރިން ހިފި ބައެއް ތާރީހީ އަވަށްތަކުގައި ހުރި ބުދުތަކާއި ގަދީމީ ބިނާތައް ތަޅައި ސުންނާފަތިކޮށްފައިވާ އައިއެސް އިން ޕަލްމައިރާގެ ތަރިކަތަކަށް ގެއްލުން ދީފާނެތީ، އެކަމާ މެދު ސީރިއާ ސަރުކާރާއި ބައިނަލްއަގުވާމީ ދުނިޔެ އިން ވެސް ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ. އޭގެ ތެރޭގައި، ޔުނެސްކޯ ވެސް ހިމެނެ އެވެ.

އިރާގާއި ސީރިއާގެ ބޮޑު ބައެއް ކޮންޓްރޯލް ކުރަމުންދާ އައިއެސް އިން ދައުވާކުރާ ގޮތުގައި އެ ޖަމާއަތުން ހިފާފައިވާ ސަރަހައްދުތަކަކީ އިސްލާމީ ހިލާފަތެކެވެ. އަދި އެ ޖަމާއަތުގެ ލީޑަރު އަބޫ ބަކުރު އަލް-ބަގުދާދީ ވަނީ އެ "ހިލާފަތަށް" ހިޖުރަކުރުމަށް ދުނިޔޭގެ ހުރިހާ ކަންކޮޅުތަކެއްގައި އުޅޭ މުސްލިމުންނަށް ގޮވާލާފަ އެވެ.