ހަބަރު

އިބޫ ރައީސް ޔާމީންއަށް: ރާއްޖެއަށް ފިޔަވަޅު ނާޅާނެ ގޮތަކަށް އަމަލު ކުރައްވާ

Oct 13, 2018
23

ބޭރުގެ ގައުމުތަކުން ރާއްޖެއަށް ފިޔަވަޅު އަޅާނެ ފަދަ ގޮތަށް އަމަލު ނުރުކުމަށް ރައީސް އަބުދުﷲ ޔާމީން އަބުދުލް ގައްޔޫމަށް އިންތިހާބީ ރައީސް އަބްރާހިމް މުހައްމަދު ސޯލިހް، އިބޫ ގޮވާލައްވާ ކަމަށް އެމަނިކުފާނުގެ ތަރުޖަމާނު މާރިޔާ އަހުމަދު ދީދީ ވިދާޅުވެއްޖެ އެވެ.

އިންތިހާބީ ރައީސް، އިބޫގެ ސްޕޯކްސްޕާސަން މާރިޔާ އަހުމަދު ދީދީ ދެއްވާ ސިލްސިލާ ނޫސްކޮންފަރެސްގެ މިއަދުގެ ބައްދަލުވުމެއްގައި މާރިޔާ ވިދާޅުވީ، ރައީސް ޔާމީންގެ އަމަލުތަކުގެ ސަބަބުން ބޭރުގެ ފަރާތްތަކުން ރާއްޖެއަށް އިގްތިސާދީ ފިޔަވަޅު އަޅަން ޖެހޭނެ ކަމުގެ އިންޒާރުތައް ދެމުން ގެންދާކަމީ އިންތިހާބީ ރައީސް ނުހަނު ކަންބޮޑުވާ ކަމެއް ކަމަށެވެ. އަދި އެފަދަ ގޮތްތަކެއް ރާއްޖެއަށް މެދުވެރި ވެދާނެ ގޮތަކަށް އަމަލު ނުކުރެއްވުމަށް އިބޫ ރައީސް ޔާމީންއަށް އިލްތިމާސް ކުރައްވާ ކަމަށް މާރިޔާ ވިދާޅުވި އެވެ. އަދި މީގެ ކުރިން ވެސް އިންތިހާބުގެ ނަތީޖާ ގަބޫލު ކުރެއްވި ގޮތަށް، ނަތީޖާ ގަބޫލު ކުރައްވައި ރައްޔިތުންގެ ނިންމުމަށް ރައީސް ޔާމީން އިހުތިރާމް ކުރެއްވުމަށް އިބޫ އެދިވަޑައިގަންނަވާ ކަމަށް ވެސް މާރިޔާ ވިދާޅުވި އެވެ.

"އާންމު ރައްޔިތުންނަށް ވަރަށް ބޮޑަށް ދަތިވާނެ، އެހެން ކަމުން ރައީސްކަމުގައި ހުންނަވައި މިކަންކަމާ ދޭތެރޭގައި ވިސްނާ ވަޑައިނުގަން އެކުރައްވަން އުޅުއްވާ ކަމުގެ ސަބަބުން އާންމު ރައްޔިތުންނަށް އަންނާނެ ދަތިތަކަށް، އެއްވެސް ގޮތަކަށް ނަޒަރެއް ހިންގާނުލާ ގޮތްދޫނުކޮށް އެގޮތަށް ނޫޅުއްވުމަށް އިންތިހާބީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ގޮވާލައްވާ،" މާރިޔާ ވިދާޅުވި އެވެ.

އެމެރިކާއިން ވަނީ ނިމިގެންދިޔަ ރިޔާސީ އިންތިހާބުގައި ރައްޔިތުންގެ ނިންމުމަށް އިހުތިރާމު ނުކުރާނަމަ ރާއްޖެ އާ ދެކޮޅަށް ފިޔަވަޅު އަޅާފާނެކަމުގެ އިންޒާރު ދީފަ އެވެ. އަދި ވެރިކަން ބަދަލުކުރުމުގެ މަރުހަލާ ސުލްހަވެރިކަމާ އެކު ގެންދަން ހުރަސްއަޅާ ކޮންމެ ފަރާތަކާ ދެކޮޅަށް ފިޔަވަޅު އަޅާނެ ކަމަށް ވަނީ ބުނެފަ އެވެ.

މާރިޔާ ވިދާޅުވީ، ރައްޔިތުންގެ ނިންމުމަށް ގޮންޖެހުމަށްފަހު، އިންތިހާބު ބާތިލް ކުރުމަށް ސުޕްރީމް ކޯޓަށް ރައީސް ޔާމީން މައްސަލަ ވެއްދުމުގެ ސަބަބުން ބޭރުގެ ފަރާތްތަކުގެ ނުރުހުން ރާއްޖޭގެ ސަރުކާރަށް ވަރަށް ބޮޑަށް އަމާޒުވެފައިވާ ކަމަށެވެ. އަދި އެމެރިކާ ފަދަ ގައުމުތަކުން ހަރުކަށި ފިޔަވަޅު އަޅާނެ ކަމަށް ބުނުމަކީ މިއަދު ވިސްނަންޖެހޭނެ ކަންކަން ކަމަށްވެސް މާރިޔާ ވިދާޅުވި އެވެ.

މާރިޔާ ވިދާޅުވީ، ނޯތް ކޮރެއާ އާއި ޒިންބާބްވޭ އާއި ބަރްމާ އާއި ވެނެޒުއޭލާ ފަދަ ގައުމުތަކަށް އިގްތިސޯދީ ދަތިކުރުމުގެ ފިޔަވަޅު އަޅާފައިވާ ކަމަށާއި އެކަމުގެ ސަބަބުން އެތަންތަނުގެ ރައްޔިތުން އުޅެން ޖެހިފައިވަނީ ވަރަށްވެސް ހާލުގައި ކަމަށެވެ. އަދި އެފަދަ ފިޔަވަޅުތަކެއް ރާއްޖެއަށް އެޅުމަކީ އެއްވެސް ދިވެހި ރައްޔިތަކު އަދި އެއްވެސް ސިޔާސީ ޕާޓީއަކުން ބޭނުން ނުވާ ކަމެއް ކަމަށް ވެސް މާރިޔާ ވިދާޅުވި އެވެ.

"އެތަންތާގަ ވިއްޔާ އޮވޭ އެމީހުންގެ އަމިއްލަ އުފެއްދުންތެރިކަން، އަޅުގަނޑުމެން ހަނޑޫކޮޅު ވިޔަސް ނުވަތަ ހަކުރު ވިޔަސް، ތެޔޮ ވިޔަސް މިނޫން ހުރިހާ އެއްޗެއް ވިޔަސް ހަމަ ބޭރުން އެތެރެކުރަން ޖެހޭ ބައެއް، ރައީސް ޔާމީން މެންނަށް ފަހަރެއްގައި ދަތިފުޅު ނުވެދާނެ، އެހެން އުޅުއްވަން،" މާރިޔާ ވިދާޅުވި އެވެ.

އެމެރިކާއިން ބުނީ، ރައްޔިތުންގެ ތެރެއިން ގިނަ ބަޔަކު ނިކުމެ ވޯޓްލާފައިވާ ކަމަށާއި ރައްޔިތުންގެ ނިންމުން އެ އިންތިހާބުގެ އޮތީ ވަރަށް ވެސް ސާފުކޮށް ފެންނަން ކަމަށެވެ. އަދި ރައްޔިތުންގެ ނިންމުން ނަފީވާނެ ގޮތަކަށް ރާއްޖޭގެ އެއްވެސް ފަރާތަކުން އަމަލުކޮށް ޑިމޮކްރަސީގެ ހަމަތަކާ ދެކޮޅު ހަދައި ސަރުކާރު ބަދަލުކުރުމުގެ މަރުހަލާއަށް ހުރަސްއަޅާ ނަމަ އެއީ އެމެރިކާ އާއި މުޅި ދުނިޔެވެސް ސީރިއަސް މައްސަލައެއްގެ ގޮތުގައި ނަގާނެ ކަމެއް ކަމަށެވެ. އަދި މީގެ ކުރިން ބުނެފައިވާ ގޮތަށް އެފަދަ ހާލަތެއް އައިސްފި ނަމަ އެކަމުގައި ބައިވެރިވާ އެންމެހާ ފަރާތްތަކާ ދެކޮޅަށް ފިޔަވަޅު އަޅަން އެމެރިކާ ވިސްނާނެ ކަމަށް ވެސް އެގައުމުން ވަނީ ބުނެފަ އެވެ.