ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި ހިޔާނާތުގެ ތެރެއިން ގެއްލިފައިވާ ފައިސާ ހޯދުމާއި، ހަދާފައިވާ އެއްބަސްވުންތަކުގެ ތަފްސީލުތައް ހޯދުމަށް އެމެރިކާގެ އެހީތެރިކަމަށް އެދިވަޑައިގެންނެވުމަށް ވިސްނަވާކަމަށް އިންތިހާބީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.
އެމެރިކާގެ ލޮސް އެންޖެލިސް ޓައިމްސް ނޫހަށް ދެއްވި އިންޓަވިއު އެއްގައި، އިބޫ ވިދާޅުވީ ދައުލަތުން ގެއްލިފައިވާ ފައިސާ ހޯދުމަށާއި ބޮޑެތި ޕްރޮޖެކްޓުތަކުގައި ހަދާފައިވާ އެއްބަސްވުންތަކުގެ ތަފުސީލު ހޯދުމަށް ކުރާ ތަހުގީގުގައި އެމެރިކާގެ ފެޑެރަލް ބިއުރޯ އޮފް އިންވެސްޓިގޭޝަން (އެފްބީއައި) އާއި އެ ގައުމުގެ އެހެން އިދާރާތަކުގެ އެހީތެރިކަން ހޯއްދަވަން ވިސްނަވާ ކަމަށެވެ.
ރައީސް ޔާމީނު ގާތް ގުޅުމެއް ބޭއްވި ޗައިނާއާ އެކު ކޮށްފައިވާ މުއާމަލާތްތަކާއި ވެފައިވާ އެއްބަސްވުންތަކާއި ބެހޭ ގޮތުން ލިޔެފައިވާ އެ ރިޕޯޓުގައި އެލްއޭ ޓައިމްސް ނޫހުން އެމެރިކާ ސްޓޭޓް ޑިޕާޓުމެންޓުގެ އޮފިޝަލަކާއި ހަވާލާދީ ބުނީ، ރާއްޖެއިން އެދިއްޖެނަމަ އެމެރިކާ އިން އެހީތެރިކަން ފޯރުކޮށްދޭނެ ކަމަށެވެ.
އެ ރިޕޯޓުގައި ބުނެފައިވަނީ، ޗައިނާއާއެކު ރައީސް ޔާމީނުގެ ސަރުކާރުން ކޮށްފައިވާ މުއާމަލާތްތަކާއި ދަރާފައިވާ ވަރު ކުރިން ލަފާކުރެވުނު މިންވަރަށް ވުރެ އެތައް ގުނައެއް ބޮޑު ކަމަށް އިންތިގާލީ މަރުހަލާގައި ހަރަކާތްތެރިވާ ޓީމުތަކަށް ފާހަގަ ކުރެވިފައިވާ ކަމަށެވެ.
އަދި ގިނަ މަޝްރޫއުތައް ހަވާލުކޮށްފައިވަނީ އަސް އަގަށް ވުރެ އެތައް ގުނައެއް ބޮޑު އަދަދުތަކަށް ކަމަށާއި، އެކަމާއި ގުޅޭގޮތުން ޗައިނާ ސަރުކާރާއި އަލުން މަޝްވަރާ ކުރަންޖެހޭ ކަމަށް، އިދިކޮޅު އޮފިޝަލުންނާއި ހަވާލާދީ އެ ރިޕޯޓުގައި ބުނެފައިވެ އެވެ.
"އަހަރެމެންޖެހޭނެ ޗައިނާ އާއި އަލުން ވާހަކަ ދައްކަން، އެއްބަސްވުންތައް އުވާލާކަށް ނޫން، އަލުން މުރާޖައާ ކުރަން، އެހާ ބޮޑެތި އަދަދުތައް އަނބުރާ އަދާކުރާނީ ކިހިނެއް؟ ދިވެހި ރައްޔިތުން ލޭ ވިއްކާނީ ކިހިނެއް؟،" ކުރީގެ ފޮރިން މިނިސްޓަރުން އަހުމަދު ނަސީމް އެ ނޫހަށް ވިދާޅުވެފައިވެ އެވެ.