ދުނިޔެ

މެގީ ނޫޑްލްސް ވިއްކުން ހުއްދަކޮށްދޭން ނެސްލޭ އިން ކޯޓުގައި އެދެފި

Jun 12, 2015

ނެސްލޭ ކުންފުނިން ނެރުނު ބަޔާނެއްގައި ބުނި ގޮތުގައި މައި ސަރުކާރުގެ ފުޑް ސޭފްޓީ އެންޑް ސްޓޭންޑާޑްސް އޮތޯރިޓީން ނިންމި ނިންމުން ބަލައި ދިނުމަށް އެދުނީ މުމްބާއީގެ ހައި ކޯޓުގަ އެވެ. އަދި މުމްބާއީ ނިސްބަތްވާ މަހާރާޝްތުރާ ސްޓޭޓުގައި މެގީ ނޫޑްލްސް މަނާކުރަން އެ ސްޓޭޓުގެ ސަރުކާރުން ވަކިން ނިންމާފައިވާ ނިންމުމެއް ބާތިލް ކޮށްދިނުމަށް ވެސް ހުށަހަޅާފައިވާ ކަމަށް އެ ކުންފުނިން ބުންޏެވެ.

"އެ ފިޔަވަޅު އަޅަންޖެހުނީ މިހާރު އުފެދިފައިވާ މައްސަލަ ހައްލުކުރުމަށް،" ބަޔާނުގައިވެ އެވެ.

މެގީ ނޫޑްލްސް ކެއުމުން ހަށިގަނޑަށް ބޮޑެތި ގެއްލުންތަކެއް ވާކަން ޓެސްޓްތަކުން ސާބިތުވެފައިވާ ކަމަށް ބުނެ، އެ ބްރޭންޑުގެ ނޫޑްލްސް މުޅި އިންޑިއާގައި ވިއްކުން އެ ގައުމުގެ މައި ސަރުކާރުން ވަނީ ރަސްމީކޮށް މަނާކޮށްފަ އެވެ.

އިންޑިއާގެ ފުޑް ސޭފްޓީ އެންޑް ސްޓޭންޑާޑްސް އޮތޯރިޓީ އިން ބުނެފައިވާ ގޮތުގައި މައުދަނުގެ ބާވަތެއް ކަމަށްވާ ލެޑާއި ރަހަލައްވަން ބޭނުންކުރާ އެމްއެސްޖީއެމް ހުއްދަކޮށްފައިވާ މިންވަރަށް ވުރެ ގިނައިން މެގީ ނޫޑްލްސްގައި އެކުލެވޭކަން އެ ގައުމުގެ އެކި ކަންކޮޅުތަކުގެ ހެދި ޓެސްޓްތަކުން ވަނީ ހާމަވެފަ އެވެ. ކާއެއްޗެހީގެ ރައްކާތެރިކަން ކަށަވަރުކުރުމަށް ގެންގުޅޭ މިންގަނޑުތަކާ، މެގީ ނޫޑްލްސް އުފައްދާ ނެސްލޭ ކުންފުނިން ހިލާފުވެފައިވާ ކަމަށް ވެސް އެ އިދާރާ އިން ބުނެފައިވެ އެވެ.

އެ ނިންމުމާ އެކު، ނެސްލޭ ކުންފުނިން ވަނީ މެގީ ނޫޑްލްސް އިންޑިއާގެ ފިހާރަތަކުން ނަގަން ފަށާފަ އެވެ. އެކަމަކު، މެގީ ނޫޑްލްސް އިން ހަށިގަނޑަށް ގެއްލުން ދޭ ކަމަށް ބުނާ ބުނުން އެ ކުންފުނިން ދަނީ ތަކުރާރުކޮށް ދޮގުކުރަމުންނެވެ. އަދި "ވަރަށް އަވަހަށް އެނބުރި އަންނާނެ" ކަމުގެ ޔަގީންކަން ވެސް ވަނީ ދީފަ އެވެ.

އިންޑިއާގެ އިތުރުން އޭޝިއާ އާއި އެފްރިކާގެ ވަރަށް ގިނަ ގައުމުތަކެއްގައި ވެސް މަގުބޫލުކަން ހޯދާފައިވާ މެގީ ނޫޑްލްސްގެ މައްސަލަ މިހާރު މި ވަނީ ބައިނަލްއަގުވާމީ ކަމަކަށް ވެފަ އެވެ. އެ ގޮތުން، ނެސްލޭގެ އިންޑިއާ ކުންފުނިން އުފައްދާ މެގީ ނޫޑްލްސް އެތެރެކުރާ ފަރާތްތަކުން އެ ބްރޭންޑުގެ ނޫޑްލްސް ސިންގަޕޫރުގައި ވިއްކުން ވަގުތީ ގޮތުން މެދުކަނޑާލަން ސިންގަޕޫރު ސަރުކާރުން ވަނީ އަންގާފަ އެެވެ. އަދި މެގީ ނޫޑްލްސް ވިއްކުން އިރުމަތީ އެފްރިކާގެ ގައުމުތަކުގައި އެންމެ ފުޅާ ދާއިރާއެއްގައި ސުޕަމާޓު ހިންގާ ކުންފުނިތަކުން ހުއްޓާލާފައި ވާއިރު، އެ ބްރޭންޑުގެ ނޫޑްލްސް އެތެރުކުރުން ކެންޔާ ސަރުކާރުން ވަނީ މެދުކަނޑާލާފަ އެވެ.

ކާއެއްޗެހި އުފައްދާ ދުނިޔޭގެ އެންމެ ބޮޑު ކުންފުނި، ނެސްލޭ އިން ދުނިޔޭގެ އެތައް ގައުމެއްގައި އުފައްދައި ވިއްކާ މެގީ ބްރޭންޑުގެ ނޫޑްލްސްގެ މައްސަލަ އިންޑިއާގައި އެންމެ ފުރަތަމަ ޖެހުނީ އުއްތަރަ ޕްރަދޭޝްގައި މިދިޔަ މަހުގެ މެދު ތެރޭގަ އެވެ. އެ ސްޓޭޓުގައި ޓެސްޓްކުރި 24 ޕެކެޓެއްގައި ނުރައްކާ މިންވަރަކަށް އެމްއެސްޖީއެމް އާއި ލެޑު ހުރިކަން ހާމަވުމާ އެކު، ސްޓޭޓު ސަރުކާރުން ވަނީ މެގީ ނޫޑްލްސް ވިއްކުން ވަގުތުން މަނާކޮށްފަ އެވެ.

އެ މައްސަލަ ގައުމީ ކަމަށްވެ، މެގީ ނޫޑްލްސް ވިއްކުން މައި ސަރުކާރުން މަނާކުރުމުގެ ކުރިން ވެސް، ވެރިރަށް ދިއްލީ އާއި ގުޖުރާތާއި އުއްތަރަކަންދު އަދި ކެރެލާގައި މެގީ ނޫޑްލްސް ވިއްކުން އޮތީ މިދިޔަ މަހުގެ ފަހުކޮޅުން ފެށިގެން މަނާކޮށްފަ އެވެ. އަދި ސިފައިންނަށް ދޭ ކާއެއްޗެހީގެ ތެރޭގައި މެގީ ނޫޑްލްސް ނުހިމަނަން އަސްކަރިއްޔާ އިން ވަނީ ސިފައިންނަށް ކައްކާ މީހުންނަށް އަންގާފަ އެވެ.

އެ ފިޔަވަޅުތައް ގިނަ ބަޔަކު ނަގަނީ ބޮޑު ސިއްހީ ބިރެއްގެ ގޮތުގަ އެވެ. އެހެން ވާންޖެހޭ ސަބަބުތައް ގިނަ އެވެ. ހާއްސަކޮށް ސްކޫލް ކުދިންނާއި ކޮލެޖުތަކުގައި ކިޔަވާ ދަރިވަރުންގެ މެދުގައި މަގުބޫލް މެގީ ނޫޑްލްސް ސްޓޮކްކޮށްފައި ނެތް ގެއެއް އިންޑިއާގައި މަދުވާނެ އެވެ. މެގީ އުފައްދާ ނެސްލޭ ކުންފުނިން އެ ބްރޭންޑުގެ ނޫޑްލްސް އިޝްތިހާރުކުރަން ކުރިއަށް ގެންދާ، "ދެ މިނިޓު"ގެ ނަން ދީފައިވާ ހާއްސަ މާކެޓިން ކެމްޕޭނާ އެކު، މެގީ ނޫޑްލްސް މަޝްހޫރުވެފައި ވަނީ ވެސް "ދެ މިނިޓުގެ ނޫޑްލްސް"ގެ ގޮތުގަ އެވެ.

އެމްއެސްޖީއެމް އަކީ ޗައިނީޒް ކާއެއްޗެއްސާއި ދަޅުގައި ބަންދުކޮށްފައި ހުންނަ ތަރުކާރީގެ ބާއްވަތްތަކުގައި ރަހަ ލެއްވުމަށް އާއްމުކޮށް ބޭނުންކުރާ މާއްދާ އެކެވެ. އެކަމަކު، ތަޖުރިބާކާރުން ވިދާޅުވާ ގޮތުގައި އެ މާއްދާ ހުންނަ ކާތަކެތި މާ ގިނައިން ކެއުމުން ބޮލުގައި ރިއްސުމާއި މޭ އެންދުމާއި ހޮނޑު ލަވާ ގޮތްވުން ފަދަ ކަންކަމާ ކުރިމަތިލާން ޖެހެ އެވެ. އަދި ދިގު މުއްދަތަކަށް ބޭނުންކޮށްފި ނަމަ، ނާރުތަކަށް ގެއްލުން ވުން ވެސް އެކަށީގެންވާ ކަމުގެ އިންޒާރު އެ ފަރާތްތަކުން ވަނީ ދީފަ އެވެ.