ދުނިޔެ

އީރާންގެ ނިއުކްލިއާ ވާހަކަތައް އިޒްރޭލުން ވަގަށް އަޑުއެހި ކަމަށް ބުނާ ވާހަކަ ދޮގުކޮށްފި

Jun 12, 2015

އީރާނުގެ ނިއުކްލިއާ ޕްރޮގްރާމްގެ މައްސަލައިގައި އެ ގައުމާއިި ހުޅަނގުގެ އޮފިޝަލުން މަޝްވަރާތައް ބާއްވާ ތަން ބަގުކޮށް، އެ ވާހަކަތައް އިޒްރޭލުން ސިއްރުން އަޑުއެހި ކަމަށް ކުރާ ތުހުމަތު އިޒްރޭލުން ދޮގުކޮށްފި އެވެ.

މަޝްހޫރު ސެކިއުރިޓީ ފާމް، ކެސްޕަސްކީން މިދިޔަ ބުދަ ދުވަހު ބުނި ގޮތުގައި އިޒްރޭލުން އެކަން ކޮށްފައި ވަނީ މަޝްވަރާ ބައްދަލުވުންތަކެއް ބޭއްވި ޔޫރަޕުގެ ތިން ހޮޓަލެއްގެ ކޮމްޕިއުޓަރުތަކަށް ވައިރަހެއް ފޮނުވާލައިގެންނެވެ. ޑުގޫގެ ނަމުން ނަން ދީފައިވާ އެ ވައިރަހާއި އިޒްރޭލާ މީގެ ކުރިން ވެސް ތަޖުރިބާކާރުން އެކި ފަހަރު މަތިން ގުޅުވާފައިވެ އެވެ.

އެ ތުހުމަތާ ގުޅޭ ގޮތުން އިޒްރޭލުގެ ފޮރިން މިނިސްޓަރުގެ ނައިބު ޒިޕީ ހޮޓޮވެލި ވިދާޅުވި ގޮތުގައި އެއީ އެއްވެސް އަސާސެއް ނެތް ތުހުމަތެކެވެ.

"މި އަށް ވުރެ މުހިއްމު ކަމެއް ދޭންވީ އީރާން ނިއުކްލިއާ ބާރަކަށް ވާ ކަހަލަ އެއްބަސްވުމެއް ނުހެދުން،" އޭނާ ވިދާޅުވި އެވެ.

ކެސްޕަސްކީގެ ތުހުމަތާ ގުޅިގެން އޮސްޓްރިއާ އާއި ސްވިޓްޒަލެންޑުން ވަނީ ރަސްމީ ތަހުގީގެއް ފަށާފަ އެވެ.

އޮސްޓްްރިއާގެ އިންޓީރިއާ މިނިސްޓަރު ކާލް ހައިންޒް ގްރައިންބައިކް އޭއެފްޕީ ނޫސް އެޖެންސީ އަށް ވިދާޅުވި ގޮތުގައި އެ ގައުމުގެ ސަރުކާރުން ކުރާ ތަހުގީގު އަމާޒުކޮށްފައި ވަނީ ވިއޭނާގައި މިދިޔަ އަހަރުގެ ޖުލައި މަހު މަޝްވަރާތައް ބޭއްވި ޕަލައިސް ކޮބާގް ހޮޓަލަށެވެ.

ސްވިޓްޒަލެންޑުން ތަހުގީގު ކުރަނީ ޖެނީވާގައި މަޝްވަރާތައް ބޭއްވި ހޮޓަލެއްގެ ކޮމްޕިއުޓަރުތައް އިޒްރޭލުން ހެކުކޮށްފައިވޭތޯ އެވެ. އެކަމަކު އެއީ ކޮން ހޮޓަލެއް ކަމެއް އަދި ސާފެއް ނުވެ އެވެ.

އީރާނުގެ ނިއުކްލިއާ މައްސަލައިގައި ކުރިއަށް ގެންދާ ސިއްރު ވާހަކަތަކަށް އިޒްރޭލުން ޖާސޫސްކުރާ ކަމުގެ މައްސަލަ ކުރިން ވެސް ފެންމަތިވެފައިވެ އެވެ. އެ ގޮތުން، އިޒްރޭލުން އެ ވާހަކަތައް ވަގަށް އަޑުއަހާ ކަމަށް އެމެރިކާގެ އޮފިޝަލުން ވެސް ގަބޫލުކުރައްވާ ކަމަށް ވޯލް ސްޓްރީޓް ޖާނަލް ނޫހުން މިދިޔަ މާޗު މަހު ބުނެފައިވެ އެވެ.

އެކަމަކު، އެ ފަހަރު ވެސް އިޒްރޭލުން ވަނީ އެކަން ދޮގުކޮށްފަ އެވެ.

އީރާނާ އެކު މަޝްވަރާ ކުރަނީ އެމެރިކާ، އިނގިރޭސި ވިލާތް، ފްރާންސް، ޗައިނާ އަދި ރަޝިއާ އެވެ. އޮސްޓްރިއާގެ ވިއޭނާ އާއި ސްވިޓްޒަލެންޑުގެ ޖެނީވާ، ލައުސަންނޭ އަދި މޮންޓްރިއޯކްސްގެ އިތުރުން ޖަރުމަނުގައި ވެސް އެކި ފަހަރު މަތިން އެ މަޝްވަރާތައް ބާއްވާފައިވެ އެވެ.

އީރާނާއި ބޮޑެތި ބާރުތަކުން މިހާރު އެއްބަސްވެފައި ވަނީ ނިއުކްލިއާ މައްސަލަ ހައްލުކުރުމާ ބެހޭ ފަހުގެ އެއްބަސްވުން މި މަހުގެ 30ގެ ކުރިން އެކުލަވާލުމަށެވެ. ނަމަވެސް އިޒްރޭލުން ވަނީ އެއްބަސްވުން ގާއިމުކުރަން އުޅޭ ގޮތާއި އޭގައި ހިމަނާ ކަންކަމާ ދެކޮޅު ހަދާ ކަމަށް ބުނެ ވަރަށް ބޮޑަށް ފާޑު ކިޔައިފަ އެވެ.