ހަނގުރާމައިގެ ވިލާގަނޑެއްގެ ވާހަތައް ޔޫރަޕްގެ ނޫސްތަކުގެ ފަލަސުރުޚީތަކަށް ދަނީ އަރަމުންނެވެ. އިނގިރޭސިވިލާތުގެ ސެލިސްބަރީގައި ހިނގި ވިހަލުމުގެ ހާދިސާތަކާއި ނެދަލޭންޑްސް އިން ރަޝިޔާގެ އެޖެންޓުން ފާޅުވި ހާދިސާއަކީ ރަޝިޔާއާއި ހުޅަނގުގެ ގައުމުތަކާ ދެމެދު ފިނި ހަނގުރާމައިގެ ދުވަސްވަރު ހިނގި ޖާސޫސީ ކަންތައްގަނޑު ފަދަ ކަންތައްތަކެކެވެ.
ޔުކްރޭންގައި މަންޒަރު މާސާފެވެ. އެގައުުމުގެ އިރުމަތީ ޑޮންބަސް ސަރަހައްދުގައި ހަނގުރާމަ ދަނީ ހިނގަމުންނެވެ. އަދި ހަމަ އެއާ އެކު މޮސްކޯއާއި ކިއޭވްއާ ދެެމެދު އޮތް އަރައިރުން ފެންނަނީ ފުޅާވަމުންދާ ތަނެވެ.
އެހަމަނުޖެހުމުގެ ހުޅުގަނޑަށް އެންމެ ފަހުން އެޅި ތެލަކީ ދީނީ ގޮތުން ރަޝިޔާގެ ދަށުން މިހާރަށް ވުރެ ބޮޑު މިނިވަންކަމެއް ހޯދަން ޔުކްރޭނުން ފެށި މަސައްކަތެވެ. ރަޝިޔާގެ އޮތޯޑޮކްސް ޗާޗުން ހޯމަދުވަހު ވަނީ އިކިއުމެނިކަލް ޕެޓްރިއާކް އޮފް ކޮންސްޓެންޓިނޯޕުލްއާ ގުޅުން ކަނޑާލާފައެވެ. އިކިއުމެނިކަލް ޕެޓްރިއާކް އޮފް ކޮންސްޓެންޓިނޯޕުލް އަކީ އޮތޯޑޮކްސް ކްރިސްޓިއަނުންގެ އެންމެ އިސް ފާދިރީއެވެ. ރަޝިޔާ ޗާޗުން އެގޮތަށް ކަންތައް ކުރީ މިނިވަން އޮތޯޑޮކްސް ޗާޗެއް ގާއިމްކުރަން ހުއްދަ ހޯދުމުންނެވެ.
ޔުކްރޭނުގެ އެ ފިޔަވަޅާ ރަޝިޔާއިން ވަގުތުން ދެކޮޅު ހެދިއެވެ. އެގައުމުން ބުނީ އެއީ ދުނިޔޭގެ އޮތޯޑޮކްސް މުޖުތަމައު ދެބައިވެގެންދާނެ ކަމެއް ކަމަށެވެ. އެ މައްސަލައާ މެދު މަޝްވަރާކުރެއްވުމަަށް ރަޝިޔާގެ ރައީސް ލަޑީމިއާ ޕުޓިން ވަނީ އޭނާގެ ސެކިއުރިޓީ ކައުންސިލާ އެކު ބައްދަލުވުމެއް ބާއްވަވާފައެވެ.
ޕުޓިންގެ ތަރުޖަމާނު ޑުމިޓްރީ ޕެސްކޯފް ވިދާޅުވީ އެ މައްސަލައާ މެދު ކްރެމްލިން އިން އިންތިހާއަށް ކަންބޮޑުވާކަމަށެވެ. އަދި އެކަން އިތުރަށް ގޯސްވެގެން ދާނަމަ ހަމަ ރަޝިޔާ ބަހުން ވާހަކަދައްކާ މީހުންގެ ހައްގުތައް ހިމާޔަތް ކުރުމަށް ފިޔަވަޅު އަޅާ ފަދައިން އޮތޯޑޮކްސް ކްރިސްޓިއަނުންގެ ހައްގުތަށް ހިމާޔަތްކުރުމަށް ވެސް ރަޝިޔާއިން ފިޔަވަޅު އަޅާނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ. އަދި ވިދާޅުވީ ޕުޓިން މީގެ ކުރިން ވެސް ތަކުރާރުކޮށް އެވާހަކަ ވިދާޅުވެފައިވާ ކަމަށެވެ.
ޕެސްކޯފްގެ އެވާހަކައަކީ ބުރަދަންހުރި ވާހަކައެކެވެ. އެހެނީ 2014 ވަނަ އަހަރު ރަޝިޔާއިން ކްރައިމިއާ ހިފައި އެއީ ރަޝިޔާގެ ބައެއް ކަމަށް ކަނޑައެޅީ އެރަށުގައި އުޅޭ ރަޝިޔާ ދަރިކޮޅުގެ ހައްގުތައް ހިމާޔަތްކުރަން ކަމަށް އޭރުގައި ބުންޏެވެ. ޔުކްރޭންގައި މިހާރު ހިނގަމުންދާ ހަނގުރާމައަކީ އެކަމުގެ ސަބަަބުން ހިނގަމުންދާ ހަނގުރާމައެކެެވެ. އެ ހަނގުރާމައިގައި މިހާރު ވަނީ 10000 އަށް ވުރެ ގިނަ މީހުން މަރުވެފައެވެ. އެހަނގުރާމައިގައި ވޮޝިންޓަން އޮތީ ކުޅިބަލާކަށް ނޫނެވެ.
ރަޝިޔާއާއި ޔުކްރޭނުގެ ކޯޅުމުގެ ވާހަކަ އަލަށް ކިޔަން ފަށާ މީހަކު ދަންނަންވީ ފުރަތަމަ ކަމަކީ އެކަމުގައި އަނިޔާވެރި ފަރާތަކީ ރަޝިޔާ ކަމަށް އެމެރިކާއިން ދެކޭ ކަމެވެ. ޓްރަމްޕް ސަރުކާރުން ޔުކްރޭންގެ ކަންތަކަށް އިސްކޮށްފައިވާ ކާޓްވޯކާ މިދިޔަ ހުކުރުދުވަހު އިޓަލީގެ ވެރިރަށް ރޯމްގައި ނޫސްވެރިންނާ ވާހަކަ ދައްކަވަމުން ވިދާޅުވީ ޔުކްރޭނުގެ އިރުމަތީގައި ވަކިވެގަތުމަށް މަސައްކަތްކުރާ ހަނގުރާމަވެރިން މަސައްކަތް ކުރަނީ ހަމަ 100 ޕަސެންޓް ރަޝިޔާގެ ކޮމާންޑުގެ ދަށުން ކަމަށެވެ. އެކަމަކު މޮސްކޯއިން ބުނަމުން އަންނަނީ ޑޮންބަސްގައި ހިނގަމުންދާ ހަނގުރާމައަކީ ދާހިލީ ކަމެއް ކަމަށެވެ.
" އެކަމާ ބެހޭ ގޮތުން އެހެން ގޮތް ގޮތަށް ވާހަކަ ދައްކާނެކަމެއް ނެތް. އެބަތިބި ހަމަ ހަރަކާތްތެރި ރަޝިޔާގެ އަސްކަރީބާރުތަކުން އިސްނަގައިގެން ހިންގާ އަސްކަރީ ބާރުތައް،" ޔުކްރޭންގައި ހިނގަމުންދާ ހަނގުރާމައާ ބެހޭ ގޮތުން ވާހަކަ ދައްކަވަމުން ވޯކާ ވިދާޅުވި ކަމަށް ނޫހުގައި ވެއެވެ.
އެމެރިކާއިން މިގޮތަށް ދެކޭ އިރު އެގައުުމުން ގެންދަނީ ކިއޭވްގައިވާ ސަރުކާރާ އެކު އަސްކަރީ ގުޅުންތައް ބަދަހިކުރަމުންނެވެ. އަދި އެގައުމުން ވަނީ ޔުކްރޭން މައްސަލައިގައި ބަސްމަގު ހަރުކަށިކުރަންވެސް ފަށާފައެވެ. އެގޮތުން އެމެރިކާގެ ވައިފެ ސިފައިން ވަނީ މިދިޔަ ހަފުތާފައި ޔުކްރޭންގައި ެއަސްކަރީ ތަމްރީނުތަކެއް ވެސް ފަށާފައެވެ. އެ ތަމްރީނުތަކުގައި އެފް 15 ސީ މަރުކާގެ ހަނގުރާމަމަތީ މަތިންދާބޯޓާއި ކޭސީ-135 މަރުކާގެ ތެޔޮއަޅާ ބޯޓުތައް ހިމެނެއެެވެ.
މިކަންތައް މިހެން ހުރުމުން ޔުކްރޭންގައި ބޮޑު ހަނގުރާމައެއް ފެށިދާނެކަމުގެ ބިރު ވަނީ ހީވެފައެވެ. - ސީއެންއެން