ހަބަރު

އދ. ގެ ރެސިޑެންޓް ކޯޑިނޭޓާއާ ޝާހިދު ބައްދަލުކުރައްވައިފި

އދ. ގެ ރެސިޑެންޓް ކޯޑިނޭޓާ އަދި ޔޫއެންޑީޕީގެ ރެސިޑެންޓް ރެޕްރެޒެންޓޭޓިވް ޝޯކޯ ނޯޑާއާ އިންތިހާބީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް، އިބޫގެ ޓްރާންސިޝަން ޓީމުގެ ޗެއާމަން އަބްދުﷲ ޝާހިދު ބައްދަލުކުރައްވައިފި އެވެ.

ޝޯކޯއާއެކު ޝާހިދު ބައްދަލުވުން ބާއްވާފައިވަނީ މިއަދު އެވެ. ނަމަވެސް އެ ބައްދަލުވުމުގައި މަޝްވަރާ ކުރެއްވި ކަންކަން ސާފެއް ނުވެ އެވެ.

ޝޯކޯ މިއަދު ޝާހިދުއާ ބައްދަލުކުރައްވާފައިވާއިރު، މީގެ ކުރިން ޝޯކޯ ވަނީ އިބޫއާވެސް ބައްދަލުކުރައްވައި މަޝްވަރާ
ކުރައްވާފަ އެވެ.

ޝޯކޯއާ ބައްދަލުކުރެއްވުމުގެ އިތުރުން ޝާހިދު ވަނީ ޓްރާންސިޝަން ކޮމިޓީގެ އިސްވެރިންނާވެސް މިއަދު ބައްދަލުކުރައްވާފަ
އެވެ.

ޓްރާންސިޝަން ކޮމިޓީގެ ކަންކަން މިހާރުވެސް ދަނީ ކުރިއަށެވެ. އެގޮތުން ސަރުކާރުގެ އެކިއެކި ވުޒާރާތަކާއި ޓްރާންސިޝަން ކޮމިޓީތަކުން ދަނީ ބައްދަލުކުރަމުންނެވެ. މީގެ ކުރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޝާހިދު ވިދާޅުވީ، ޓްރާންސިޝަންގެ 13 ކޮމިޓީ އަކުން ދައުލަތުގެ 67 އިދާރާއަކާއި ބައްދަލުކޮށްފައިވާ ކަމަށެވެ. އެގޮތުން އެންމެ ބޮޑު އެއްބާރުލުމެއް ލިބިފައިވަނީ ރައީސް އޮފީހުން ކަމަށާއި އެއްބާރުލުން ދީފައިނުވަނީ ހައުސިން މިނިސްޓްރީން ކަމަށްވެސް
ޝާހިދު ވިދާޅުވި އެވެ.