ރިޕޯޓް

ދިވެހިރާއްޖޭގެ އަޑު ކެނޑިއްޖެ!

އުމުރުން މިހާރު 65 އަހަރުން މައްޗަށް ގޮސްފައިވާ ހައްވަ ގޯތި ތެރޭގައި މަސައްކަތުގައި އުޅޭ އިރު އޭނާއަށް ގަޑިންވާ ވަރު އިނގެނީ ވެސް އެމީހުން ކީމައެވެ. ބޭނންތެރި ދީނީ އެތައް މައުލޫމާތެއް ވެސް ލިބެނީ ހަމަ އެމީހުންގެ ފަރާތުންނެވެ. އެމީހުންގެ އަޑު ނީވިއްޖެއްޔާ ރަށްފުށު މީހުންނަށް ކުރިން އެއީ ވަރަށް ބޮޑު ކަމެކެވެ. ދިވެހިންގެ ބަޔަކު ބޭރު ބަޔަކާ ގުޅިގެން 1988 ވަނަ އަހަރު މާލެއަށް ހަމަލާ ދިނުމުން، މާލޭގައި ގޯހެއް ހިނގައިފިކަން އެނގުނީވެސް އެއަޑު ނީވުމުންނެވެ.

" ރޭޑިއޯގެ އަޑެއް ނުލިބޭ. ޔަގީނުންވެސް މާލޭގައި ކޮންމެވެސް ބޮޑުކަމެއް ވެއްޖެ،" 1988 ވަނަ އަހަރުގެ ނޮވެމްްބަރު މަހުގެ ތިން ވަނަ ދުވަަހު ހެނދުނު ބައްޕަ މަންމައަށް ބުނާތީ އެހީމެވެ. އެދުވަހު އަވަށްޓެރި ގޭގޭގެ މީހުން ވެސް ކަންބޮޑުވެގެން އުޅުނީ އެކަމާއެވެ.

މިއަދު އެހާލަތެެއް ނެތެވެ. ރޭޑިއޯގެ އަޑު ނީވުނަސް ރާއްޖޭގެ ކޮންމެ ރަށެއްގައި ހުރި މީހަކަށް ވެސް ރާއްޖޭގައި ހިނގާ ނުހިނގާ ކަންތައްތައް މިހާރު އެނގެއެވެ. އެކަމަކު ހައްވައާއި އެނޫންވެސް އެތައް ބަޔަކަށް " ދިވެހި ރާއްޖޭގެ އަޑު" އަދިވެސް ވަރަށް މުހިއްމެވެ. އެތައް ބައެއްގެ އެކަނިވެރިކަން ފިލުވައިދޭ އެކުވެރިޔަކީ އިހަކަށް ދުވަހާ ޖެހެންދެން ހަމަ އެއަޑެވެ. ކަނޑުމަތީގައި ރާއްޖޭގެ މަލަ ފެންނަ ފަށުން ފެށިގެން ގޮސް ފަންސާސް، ފަސްދޮޅަސް މޭލު ބޭރުގައި ތިބޭ މަސްވެރިންނަށް ރާއްޖެއިން އިވޭނެ ހަމަ އެކަނި އަޑަކީ އެއެވެ.

" ސުބްޙާނަﷲ، ވަރަށް އުނދަގޫވޭ. މިހާރު ވެއްޖެ ދެމަހެއްހާ ދުވަސް ދިވެހިރާއްޖޭގެ އަޑު އެއްގޮތަކަށް ވެސް ނުލިބޭތާ. އެއީ ބޭރު ކަނޑުގައި އުޅޭ އިރު ރާއްޖޭގައި ހިނގާ ނުހިނގާ ކަންތައް އަހަރެމެންނަށް ބެލެން އޮންނަ ހަމަ އެކަނި ގޮތް،" ކަންނެލި މަސްވެރިކަން ކުރާ ދޯންޏެއްގެ ކެޔޮޅަކަށް އުޅޭ އީސާ މޫސާ ބުންޏެވެ.

އީސަ ބުނީ ދިވެހިރާއްޖޭގެ އަޑު ކެނޑުނު ފަހުން ބޭރުކަނޑުގައި އުޅޭ އިރު ރާއްޖޭގެ އެއްވެސް ރޭޑިއޯއެއްގެ އަޑު ނީވޭ ކަމަށެެވެ. ވާނީވެސް އެހެންނެވެ. އޭއެމް ބޭންޑުން ދޫކުރާ ރާއްޖޭގެ އެހެން ރޭޑިއޯ ޗެނަލެއް ނުވެސް ނެތީމައެވެ.

މިހާރު އެއަަޑު ނުލިބޭތާ އެތައް ދުވަހެއް ވެއްޖެއެވެ. ދިވެހިރާއްްޖޭގެ އަޑުގެ އޭއެމް ވޭވް ވަނީ ރާއްޖޭގެ ބޮޑު ބަޔަކަށް ކެނޑިފައެވެ.

ސިނަމާލެ ބްރިޖް ނިމި ހެންވޭރު އަޑި ޕާކް ސާފުކޮށްލި އިރު އެންޓަނާތައް ނެގުމުންނެވެ. އެ އެންޓަނާތައް ތިލަފުށްޓަށް ބަދަލުކުރުމަށް ޖަޕާނު ސަރުކާރުން ވަނީ އެހީދީފައެވެ. އެ އެހީ ހަމަޖެހުނުކަން 2014 ވަނަ އަހަރު އޭރުގެ ޓްރާންސްޕޯޓް އެންޑް ކޮމިއުނިކޭޝަން މިނިސްޓަރު އަމީން އިބުރާހީމް ވަނީ މީޑިއާގައި ހާމަކުރައްވާފައެވެ.

އެ މަސައްކަތަށް ތިލަފުށިން ބިން ހިއްކުމުގެ މަސައްކަތް ހަވާލުކުރީ އެމްޓީސީސީއާއެވެ. އެ މަސައްކަތް ވަނީ ނިމިފައެވެ. އެމްޓީސީސީގެ މެނޭޖިން ޑައިރެކްޓަރު އިބުރާހީމް ޒިޔަތު އަވަސް އަށް ވިދާޅުވީ އެ މަސައްކަތް ނިމުނުތާ ގިނަ ދުވަސްތަކެއް ވެފައިވާ ކަމަށެވެ.

" އެންޓަނާތައް ބަދަލުކުރުމުގެ މަސައްކަތެއް ނޫން އަޅުގަނޑުމެންނާ ހަވާލުކުރީ. ބިން ހިއްކަން ހަވާލުކުރީ. އެ މަސައްކަތް ނިމުނުތާ ދުވަސްތަކެއް ވެއްޖެ،" ޒިޔަތު ވިދާޅުވިއެވެ.

އަޑުގެ އެންޓަނާތައް ތިލަފުށްޓަށް ބަދަލުކުރުމުގެ މަސައްކަތަަށް ޖަޕާނު ސަރުކާރުން ވަނީ 50 މިލިޔަންް ރުފިޔާގެ އެހީ ދީފައެވެ. ނަމަވެސް އެމަސައްކަތް ނުކުރެވި ދިވެހިރާއްޖޭގެ އަޑުގެ ހިދުމަތުން ރައްޔިތުން މަހުރޫމުވެފައި ވާއިރު އެކަމާ ބެހޭ ގޮތުންް ޕީއެސްއެމްގެ ވެރިންގެ ބަހެއް އަދި ނުލިބެއެެވެ.