ދުނިޔެ

ކަސްބީ އަންހެނުން ހޯދައިދިނުމުގެ ދައުވާ އިން ސްޓްރޮސް ކާން ސަލާމަތްވެއްޖެ

Jun 13, 2015
1

ކަސްބީ އަންހެނުން ހޯދައިދިނުމުގައި އެހީވި ކަމަށް ބުނެ އައިއެމްއެފްގެ ކުރީގެ ވެރިޔާ ޑޮމިނިކް ސްޓްރޮސް ކާންގެ މައްޗަށް ކުރި ދައުވާ އިން އޭނާ އިއްޔެ ސަލާމަތްވެވަޑައިގެންފި އެވެ.

ސްޓްރޮސް ހާން އާއި އިތުރު 13 މީހެއްގެ މައްޗަށް ތުހުމަތުކޮށްފައި ވަނީ ފްރާންސާއި ބެލްޖިއަމް އަދި އެމެރިކާގައި ބޭއްވި ޕާޓީތަކަކަށް ކަސްބީ އަންހެނުން ހޯދުމުގައި އެހީތެރިވި ކަމުގެ ކުށުގަ އެވެ. ދިހަ އަހަރުގެ ޖަލު ހުކުމެއް އެކުލެވޭ އެ ދައުވާ އޭގެ ތެރެއިން އެންމެ މީހެއްގެ މައްޗަށް ސާބިތުވިއިރު، ކޯޓުން ބުނީ ސްޓްރޮސް ކާންއާ ދެކޮޅަށް އެކަށީގެންވާ މިންވަރަށް ހެކި ލިބިފައި ނުވާ ކަމަށެވެ.

ޝަރީއަތުގެ މަޖިލީހުގައި ސްޓްރޮސް ކާން ވަނީ ބައެއް އަންހެނުންނަކީ ކަސްބީ އަންހެނުންކަން އެނގިވަޑައިގަންނަވާ ކަމަށް ވިދާޅުވެފަ އެވެ. އެކަމަކު އޭނާ ވިދާޅުވީ ބައެއް އަންހެނުން ނުވެސް ދަންނަ ކަމަށެވެ.

ހަށިވިއްކުމަކީ ފްރާންސްގައި ކުށެއް ނޫނެވެ. އެހެން ނަމަވެސް، ކަސްބީ އަންހެނުން ހޯދުމުގައި އެހީވުމަކީ އެކަހަލަ އަންހެނުން ގެންގުޅުމާ އެއްފަދަ ކުށެކެވެ.

އެ މައްސަލައިގައި ދައުވާކުރި ސްޓްރޮސް ހާން އާއި އެ 13 މީހުންގެ ގްރޫޕަކީ އެމެރިކާ އާއި ފްރާންސްގައި އެކި ފަހަރު މަތިން އެކުގައި އުފާ ހޯދަމުން ދިޔަ ގްރޫޕެކެވެ. އެ ގްރޫޕްގެ އެ ދިރިއުޅުން ފަޅާއަރުވާލީ އެ ގޮތަށް ގެންގުޅުނު ބެލްޖިއަމްގެ ކަސްބީ އަންހެނެެކެވެ. އެ އަންހެން މީހާ ވަނީ ރޭޕުކުރަން އުޅުނު ކަމުގެ ތުހުމަތު ވެސް ސްޓްރޮސް ކާންގެ މައްޗަށް ކޮށްފަ އެވެ. އެކަމަކު، 2012 ގައި އެ މައްސަލަ ވަނީ އަނބުރާ ގެންގޮސްފަ އެވެ.

އެމެރިކާގެ ނިއު ޔޯކްގެ ހޮޓަލެއްގައި އެ ތަނުގެ މަސައްކަތު މީހަކު 2012 ވަނަ އަހަރު ރޭޕްކުރި ކަމުގެ ދައުވާ އިން ވެސް ސްޓްރޮސް ކާން ވަނީ ކުރިން ސަލާމަތްވެ ވަޑައިގެންފަ އެވެ. އަދި ސްޓްރޮސް ކާން ވަނީ ރޭޕްގެ ދައުވާ އޭނާގެ މައްޗަށް އުފުލި ނަފީސަތުއް ޑިއޯލާ އަތުން ބަދަލު ނަގައިދިނުމަށް އެދި ކޯޓަށް މައްސަލައެއް ވެސް ހުށަހަޅުއްވާފަ އެވެ.

ކަސްބީ އަންހެނުން ހޯދައިދިނުމުގެ ކުށުން ސްޓްރޮސް ކާން ސަލާމަތްވެވަޑައިގަތުމާ އެކު އޭނާއާ ދެކޮޅަށް ހަތަރު އަހަރުދުވަސް ވަންދެން ހިންގަމުން ދިޔަ ޝަރީއަތްތައް ވަނީ ނިމުމަކަށް އައިސްފަ އެވެ. އެހެން ނަމަވެސް، އެ ދައުވާތަކާ ގުޅިގެން އައިއެމްއެފްގެ މަގާމު އޭނާ އަށް ގެއްލިވަޑައިގަތެވެ. އަދި ފްރާންސްގެ ރައީސްކަމަށް ވަޑައިގަތުމަށް ކުރެއްވި އުއްމީދު ވެސް ވަނީ ފެނަށް ގޮސްފަ އެވެ.