ދުނިޔެ

ޚާޝުގްޖީގެ ހަށިގަނޑު ވީތަނެއް ނޭނގޭ ކަމަށް ސައުދީން ބުނެފި

ތުރުކީގެ އިސްތަންބޫލުގައި ހުންނަ ސައުދީ ކޮންސިއުލޭޓްގެ ތެރޭގައި މަރާލާފައިވާ ނޫސްވެރިޔާ ޖަމާލް ޚާޝުގްޖީގެ ހަށިގަނޑު ވީތަނެއް ނޭނގޭ ކަމަށް ސައުދީ ސަރުކާރުން ބުނެފިއެވެ.

މި އޮކްޓޯބަރުމަހުގެ ދެވަނަ ދުވަހު ސައުދީ ކޮންސިއުލޭޓަށް ވަނުމަށް ފަހު ޚާޝުގްޖީ އެތަނުން ނުނިކުމެ ގެއްލިފައިވާ ކަމަށް ތުރުކީއާއި ބައިނަލް އަގުވާމީ މީޑިއާތަކުން ފުރަތަމަަ ރިޕޯޓްކުރުމުން ސައުދީ ސަރުކާރުން އެކަން ދޮގުކުރިއެވެ. އެގޮތުން އޭރު ބުނަމުން ދިޔައީ އޭނާ އެ ކޮންސިއުލޭޓުން ނުކުމެގެން ގޮސްފައިވާ ކަމަށެވެ. ނަމަވެސް ތުރުކީ ފުލުހުން އެމައްސަލަ ތަހުގީގުކޮށް އޭނާގެ މަރާލާފައިވާކަން ނުރަސްމީ ގޮތުން މީޑިއާތަކަށް ހާމަކުރުމުން ސައުދީން ވަނީ އޭނާ މަރުވިކަމަށް އެއްބަސްވެފައެވެ. ދެން ވެސް ބުނީ އޭނާ މަރުވީ ތަޅާފޮޅުމެއްގެ ތެރެއިން ކަމަށެވެ. ރާވައިގެން އޭނާ މަރާލީ ކަމަކަށް އެއްބަހެއް ނުވެއެވެ.

ނަމަވެސް އާދީއްތަ ދުވަހު ފޮކްސް ނިއުސްއަށް ދެއްވި އިންޓަވިއުއެއްގައި ސައުދީ ފޮރިން މިނިސްޓަރު އާދިލު އަލް ޖުބައިރު ވިދާޅުވީ ޚާޝުގްޖީ މަރާލާފައި ވަނީ އަނިޔާވެރި މަކަރުވެރި އޮޕަރޭޝަނެއްގައި ކަަމަށެވެ. އަދި އެއީ ބޮޑު ގޯހެއް ކަމަށް ވެސް ވިދާޅުވިއެވެ. އަދި ވިދާޅުވީ އޭނާ މަރައިލީ ކޮން ގޮތަކަށް ކަމެއް އަދި އެކަމުގެ ތަފުސީލެއް އެނގިވަޑައިނުގަންނަވާ ކަމަށެވެ.

" އޭނާ މަރާލާފައި ވަނީ ކޮންސިއުލޭޓްގެ ތެރޭގައި. އަހަރެމެންނަކަށް ނޭނގޭ ކޮން ގޮތަކަށް ކަމެއް. އަހަރެމެންނަކަށް ނޭނގޭ އޭނާގެ ހަށިގަނޑު ވީތަނެއް،" ޖުބައިރު ވިދާޅުވިއެވެ.

ޚާޝުގްޖީ މަރާލީ ރާވައިގެން ކަމަށް ސައުދީން އެއްބަސްވެފައި ވާއިރު ތުރުކީގެ ރައީސް ރަޖަބް ތައްޔިބު އުރުދުޣާން
އާދީއްތަ ދުވަހު ވިދާޅުވީ އެހާދިސާގެ ތެދު ހަގީގަތް އަންގާރަދުވަހު ހާމަކުރާނެ ކަމަށެވެ.