އަހުމަދު ޝަރީފް އާދަމް

ޝަރީފްގެ ފުރައްސާރަ ޕީޕީއެމްއަށް!

އިލެކްޝަންސް ކޮމިޝަނަކީ ހުރިހާ ސިޔާސީ ޕާޓީއެއް ހަމަހަމަކަމާއެކު ރެގިއުލޭޓު ކުރަން އޮންނަ ދައުލަތުގެ މިނިވަން ބޮޑީއެކެވެ. ވަކި ފަރާތަކަށް ބުރަވެ، ނުވަަތަ ވަކި ޕާޓީއަކަށް ފަހިވާ ގޮތަށް އަމަލުތައް ބެހެއްޓުމަކީ ކޮށްގެން ނުވާނެ ކަމެކެވެ. އަދި އެތަނުގައި ތިބި މީހުންގެ މިނިވަންކަމާ މެދު ރައްޔިތުންގެ ހިތުގައި ޝައްކު އުފެދޭ ވަރު އެއްވެސް
ކަމެއްކޮށްގެން ނުވާނެ އެވެ.

މިހާތަނަށް ވެސް ގިނަ މިނިވަން މުއައްސަސާއެކޭ އެއްގޮތަށް އީސީއަށް ނުވެފައި އޮތީ އެކަމެވެ. އެތަނުގައި ތިބީ މިނިވަން ބައެއްކަން ރައްޔިތުންނަށް ޔަގީންކަން އެރުވުމަށް އެ ކޮމިޝަން އޮތީ ނުކުޅެދިފަ އެވެ. އޭރު އޮތީ ރައީސް ޔާމީން ނުވަތަ ޕީޕީއެމްއަށް ގޮސް ހުސްވެފައި އޮތް ކޮމިޝަނެކޭ ބުންޏަސް ދޮގަކަށް ނުވާނެ އެވެ. ޕީޕީއެމް އިން ކުރާ އެއްވެސް ކަމެއް އެ ކޮމިޝަނަކަށް ނުފެނެ އެވެ. އިޖުރާއަތްތައް ފުރިހަމަ ނުކުރެއޭ ބުނެ އިދިކޮޅު ފޮނުވާ ސިޓީތައް ބަލައިގަންނަނީ "ކަނު
ބަނދެގެނެވެ."

ރިޔާސީ އިންތިހާބުގެ ނަތީޖާ އާއި އެއަށް ފަހު އީސީ އިން އަމަލު ކުރި ގޮތާ ހަމައިން އެ ކޮމިޝަންގެ ރާގު މުޅިން ބަދަލުވި އެވެ. މެންބަރުންނާ މެދު ދެކޭ ގޮތް ވެސް ބަދަލުވި އެވެ. އުންމީދުގެ ހުޅުކޮޅު އާވެގެން ދިޔަ އެވެ. ރައްޔިތުންގެ ނިންމުން ދަމަހައްޓާ، ހެދުނު ގޯސްތައް ރަނގަޅު ކުރުމުގެ މަސައްކަތްތައް އީސީ އިން ފެށި އެވެ. އިދިކޮޅު އެންމެނަށް އީސީ ރަނގަޅުވެއްޖެ އެވެ. "ހުދު ފޮތިކޮޅަކަށް" އެ ކޮމިޝަން ހަދާ ނިންމައިފި އެވެ.

ނަމަވެސް މިއަދު މި ފެންނަ މަންޒަރު ވަކި ރަނގަޅެއް ނޫނެވެ. އިލެކްޝަންސް ކޮމިޝަންގެ ނިންމުން ޕީޕީއެމްއާ މުޅިން އިދިކޮޅަށް ޖެހިފައިވާ އިރު، އެ ކޮމިޝަންގެ ރައީސްގެ ވާާހަކަތައް ވެސް ހުރީ ޕީޕީއެމްއާ ޒާތީ ގޮތަކަށެވެ. ޕީޕީއެމްގެ އާންމު މެންބަރުން ފާޅު ކުރާ ކަންބޮޑުވުންތައް ޝަރީފް އޭނާގެ ޓްވިޓާ އެކައުންޓުގައި ސިފަ ކުރެއްވީ "ހިޔާލީ ދުނިޔެއެއް"ގައިވާ ކަންކަން ގޮތުގަ އެވެ. އަދި ވިދާޅުވީ ބުއްދި ވެރި ގޮތަކީ އެކަންކަމުން ނިކުމެ ސީރިއަސްވުން ކަމަށެވެ. ތެދު ވާހަކައެކެވެ. ބުއްދިއަކަށް ގަބޫލެއް ކުރެވޭ ވާހަކައަކަށް ވެގެން ނުވާނެ އެވެ. ނަމަވެސް އެއީ ޝަރީފްގެ މަގާމުން ޝަރީފް ވިދާޅުވާން ޖެހޭ ވާހަކައެއް ނޫނެވެ. އެ ވާހަކަ އާންމުންނާއި އެކްޓިވިސްޓުން މިހާރު ވެސް ކިޔަ އެވެ. ޝަރީފް އެއަށް ވުރެ ޕްރޮފެޝަނަލް ވާން ޖެހޭނެ އެވެ.

ޝަރީފް މިއަދު އަނެއްކާ ވެސް ކުރި ޓްވީޓު އަދި މާ ގޯހެވެ. މަޒާޖީ ގޮތެއްގައި އޭނާ ޓްވީޓު ކުރީ ޕީޕީއެމްގެ އެއްވުންތަކުގައި "އީސީ ޝަރީފޫ"އޭ ކިޔާ އެ ޕާޓީގެ އަންހެން ސަޕޯޓަރަކަށެވެ. ޝަރީފް ވިދާޅުވީ "ކުޑަ ދުވަސްކޮޅަކަށް ރާއްޖެއިން ބޭރަށް ޖެހިލާނަމޭ، މަ ހޯދާ މަންޖެ އެ ވާހަކަ ބުނެލާށޭ" އެވެ. މިއީ މިނިވަން މުއައްސަސާގެ ވެރިއެއްގެ ބަސްމަގު ހުންނަން ޖެހޭ ގޮތް ހެއްޔެވެ؟ މީގެން ވެސް ދައްކުވާދެނީ ގައުމުގެ ހާލަތު އޮތް މިންވަރެވެ. މިނިވަން ޕްލެޓުފޯމްތަކަށް ސިޔާސީ ކުލަ ޖެހިފައި ތިބި މީހުންލުމުގެ ނަތީޖާ އެވެ.

ޝަރީފްގެ އަމަލުތައް އެހެން ހުރީ އޭނާ ލޯބިވީ ޕާޓީ އިން ފަހު ވަގުތު އޭނާއަށް ހަދާލި ގޮތުން ކަމަށް ވެސް ވެދާނެ އެވެ. އެކަމަކު އެއީ ގޯހެކެވެ. ޝަަރީފް އަމިއްލަފުޅަށް ވިދާޅުވީހެން އޭނާގެ މެންޑޭޓު މިއަދު އޮތީ މިނިވަން ބޮޑީއެއްގައި މަސައްކަތް ކުރާ ގޮތަށެވެ. ޒާތީ ރާގަކަށް ވަކި ބަޔަކަށް ފާޑު ކިޔުމަކީ އެއްގޮތަކަށް ވެސް ކޮށްގެން ވާނެ ކަމެއް ނޫނެވެ. އެހެން ވާނަމަ މިއަދު މި ފެންނަ މަންޒަރު އަދި މާ ގޯހެކެވެ. ވައި ޖެހޭ ކޮޅަކަށް މިނިވަން މުއައްސަސާތައް ބުރަވުމަކީ ރައްޔިތުން ކުރާ އުންމީދު އެއްކޮށް ގެއްލިދާ ކަމެކެވެ.