އިތުބާރު ނެތް ކަމުގެ މައްސަލަ

މަސީހާ ދެކޮޅަށް 51 މެންބަރުން ސޮއިކޮށްފި

ރައްޔިތުން މަޖިލީހުގެ ރައީސް އަބްދުﷲ މަސީހު މުހައްމަދުގެ އިތުބާރު ނެތް މައްސަލަ މަޖިލީހަށް ވެއްދުމަށް 51 މެންބަރުން ގަރާރުގައި ސޮއިކޮށްފި އެވެ.

މަސީހުގެ އިތުބާރު ނެތް މައްސަލައިގެ ގަރާރު މިއަދު 11:00 ޖަހާއިރު މަޖިލީހަށް ވެއްދުމަށް އިދިކޮޅު މެންބަރުން ވަނީ ނިންމައިފަ އެވެ. "އަވަސް"އަށް ކަށަވަރުވެފައިވާ ގޮތުގައި އެ ގަރާރުގައި ޕީޕީއެމްގެ ގިނަ މެންބަރުން ހިމެނޭ ގޮތަށް 51
މެންބަރުން ވަނީ ސޮއިކޮށްފަ އެވެ.

މަސީހުގެ ވަކި ކުރުމުގެ މައްސަލާގެ އިތުރުން ކުރީގެ ރައީސް މުހައްމަދު ނަޝީދު މިނިވަން ކުރުމަށް ވެސް ގަރާރެއް މަޖިލީހަށް ހުށަހަޅާނެ އެވެ. އެ ގަރާރުގައި ވެސް 41 މެންބަރުން ވަނީ ސޮއިކޮށްފަ އެވެ. އަދި ޕީޕީއެމްގައި އިސްކޮށް އުޅުއްވި ރިޔާޒު ރަޝީދު ރޭ ވަނީ ވަރަށް އަވަހަށް ނަޝީދު މިނިވަން ވާނެ ކަމަށް ވެސް ވިދާޅުވެފަ އެވެ.

މަޖިލީހުގެ ގަވައިދުގައި ކުރިން އޮންނަ ގޮތުން މަޖިލީހުގެ ރައީސްގެ އިތުބާރު ނެތްކަމުގެ ކަމުގެ މައްސަލަ ހުށަހެޅޭނީ 15 މެންބަރުންގެ ސޮޔާއެކުގަ އެވެ. ނަމަވެސް މިދިޔަ އަހަރު އަ އަދަދަށް ސޮއި ހޯދައިގެން މަސީހު ވަކި ކުރުމަށް މަޖިލީހަށް ހުށަހެޅުމުން ޕީޕީއެމް އިން ވަނީ އެ އަދަދު 42 އަކަށް ހަދާ ގަވައިދު ބަދަލުކޮށްފަ އެވެ.

މިދިޔަ އަހަރު ޖޫން މަހުގެ ތެރޭގައި 43 މެންބަރުންގެ ސޮޔާއެކު މަސީހު ވަކި ކުރުމަށް އިދިކޮޅު ފަރާތްތަކުން ހުށަހެޅުމުން 12 މެންބަރުންގެ ގޮނޑި ގެއްލިއްޖެ ކަމަށް ވަނީ ކަނޑައަޅާފަ އެވެ. ނަމަވެސް ސުޕްރީމް ކޯޓުން މިހާރު ވަނީ ހަތަރު މެންބަރުންގެ ގޮނޑި ސަލާމަތްކޮށްފަ އެވެ.