ރިޔާޒް ރަޝީދު

އެންޓި ޑިފެކްޝަން ގާނޫނު އުވާލަން ރިޔާޒު ހުށަހަޅައިފި

އެންޓި ޑިފެކްޝަން ގާނޫނު އުވާލަން ވިލުފުށީ ދާއިރާގެ މެންބަރު ރިޔާޒު ރަޝީދު ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފި އެވެ.

އިންތިހާބުވާ ޕާޓީ ވަކިވެއްޖެނަމަ ނުވަތަ ވަކިކޮށްފިނަމަ މަޖިލީހުގެ މެންބަރުންގެ ގޮނޑި ގެއްލޭ ގޮތަށް ފާސްކޮށްފައިވާ އެންޓި ޑިފެކްޝަން ގާނޫނު އުވާލަން ރިޔާޒު ހުށަހެޅުއްވީ އިއްޔެ އެވެ.

ސަރުކާރަށް ތާއިދުކުރާ މެންބަރުންގެ ވޯޓާއެކު ފާސްކުރި އެ ބިލަށް ޕީޕީއެމްގެ ޑެޕިއުޓީ ލީޑަރުގެ މަގާމުގައި ހުންނެވި ރިޔާޒު ވޯޓެއް ވެސް ނުދެއްވަ އެވެ.

ރިޔާޒު މިއަދު އަވަސްއަށް ވިދާޅުވީ އެންޓި ޑިފެކްޝަން ގާނޫނު އުވާލަން ހުށަހެޅީ އެއީ ގާނޫނު އަސާސީއާ ތައާރަޒްވާ ގާނޫނެއް ކަމަށްވާތީ ކަމަށެވެ. އެ ގާނޫނުގެ ސަބަބުން ގާނޫނު އަސާސީގެ 75 ވަނަ މާއްދާ އާއި 90 ވަނަ މާއްދާއިން މެންބަރުންނަށް ލިބޭ އިމްތިޔާޒުތަކާއި އަދާކުރަންޖެހޭ ވާޖިބުތައް އަދާކުރުމުގައި ދަތިތަކެއް ކުރިމަތިވާ ކަމަށް ރިޔާޒު ވިދާޅުވި އެވެ.

އެންޓި ޑިފެކްޝަން ގާނޫނު އުވާލަން ރިޔާޒު ހުށަހެޅުއްވިިއިރު، އިއްޔެ ޕީޕީއެމްއަށް ނިސްބަތްވާ 13 މެންބަރަކު ވަނީ ކުރީގެ ރައީސް މުހައްމަދު ނަޝީދު މިނިވަން ކުރުމަށް ގޮވާލުމަށާއި ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހުގެ އިތުބާރު ނެތް ކަމުގެ ގަރާރުގައި ސޮއި ކުރައްވާފައިވެ އެވެ. އޭގެ ތެރޭގައި ރިޔާޒު ވެސް ހިމެނެ އެވެ.

އެންޓި ޑިފެކްޝަން ގާނޫނު ފާސްކޮށްފައިވަނީ ގާނޫނެއް ފާސްކުރަންޖެހޭ އަދަދަށް މެންބަރުން މަޖިލީހުގެ ތަޅުމުގައި ނެތީހެވެ. އެކަމާ ގުޅިގެން އިދިކޮޅުން ސުޕްރީމް ކޯޓަށް ވެސް ދިޔަ އެވެ. ނަމަވެސް ސުޕްރީމް ކޯޓުން ނިންމީ އެއީ ޒަރޫރީ ހާލަތެއްގެ ދަށުން ކޮށްފައިވާ ކަމެއް ކަމަށާއި އެހެންވެ ގާނޫނު ބާތިލްކުރަން ނުޖެހޭ ކަމަށެވެ.

ވެރިކަމަށް ވަޑައިގެންނެވުމަށްފަހު އެ ގާނޫނު އުވާލައްވާނެ ކަމަށް އިންތިހާބީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު، އިބޫ ވެސް ވިދާޅުވެފައިވެ އެވެ.

އެންޓި ޑިފެކްޝަން ގާނޫނުގެ ދަށުން މިހާތަނަށް ގޮނޑި ގެއްލުނު ކަމަށް ކަނޑައެޅީ ފުވައްމުލައް މެދު ދާއިރާގެ މެންބަރު އަލީ ފަޒާދުގެ އެވެ. ނަމަވެސް މިހާރު އިލެކްޝަން ކޮމިޝަނުން ވަނީ އެކަން އަލުން ރިވިއުކޮށް އޭނާގެ ގޮނޑި ނުގެއްލޭ ކަމަށް ބުނެފަ އެވެ.

އެންޓި ޑިފެކްޝަންގެ އުސޫލު އެންމެ ފުރަތަމަ ވުޖޫދުކުރީ ބަންޑާރަ ނައިބު އެދިގެން ސުޕްރީމް ކޯޓުންނެވެ. ސުޕްރީމް ކޯޓުން ނެރުނު ހުކުމަށް ރިޔާއަތްކޮށް ޖުމްލަ 12 މެންބަރެއްގެ ގޮނޑި ގެއްލުވާލި އެވެ. ނަމަވެސް އޭގެ ތެރެއިން ހަތަރު މެންބަރެއްގެ ގޮނޑި ނުގެއްލޭ ކަމަށް ސުޕްރީމް ކޯޓުން ވަނީ ކަނޑައަޅާފަ އެވެ. އަނެއް އަށް މެންބަރުންގެ މައްސަލަ ދަނީ ކުރިއަށެވެ.