ހަބަރު

ޕީޕީއެމްގެ އުމުރު ހޯދަން އަދުރޭ ޖެހި ހިސާބު ދިމަލެއް ނުވި!

Oct 27, 2018
33

ޕްރޮގްރަސް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް)އަށް އަށް އަހަރު ފުރިއްޖެ ކަމަށް ވިދާޅުވެ އެ ޕާޓީގެ ނައިބު ރައީސް އަބްދުއްރަހީމް އަބްދުﷲ ޖެހި ހިސާބު ދިމާނުވެ، ގިނަ ބައެއްގެ ފާޑު ކިޔުން އަމާޒުވެއްޖެ އެވެ.

ރާއްޖޭގައި މިހާރު އޮތް އެންމެ ބޮޑު ޕާޓީ، ޕީޕީއެމް އުފެއްދީ 2011 ވަނަ އަހަރުގަ އެވެ. މިއަދު ފާހަގަ ކުރަނީ އެ ޕާޓީއަށް ހަތް އަހަރު ފުރުމެވެ.

ނަމަވެސް އަބްދުއްރަހީމް މިއަދު ކުރެއްވި ޓްވީޓެއްގައި ޕީޕީއެމްއަށް "އަށް އަހަރު" ފުރުމުގެ މުނާސަބަތުގައި ރައީސް އަބްދުﷲ ޔާމީންއަށާއި އާންމު މެންބަރުންނަށް ތަހުނިޔާ ދަންނަވާ ކަމަށް ވިދާޅުވެފަ އެވެ. އެއާއެކު ޕީޕީއެމްއަށް ފުރުނީ ހަތް އަހަރު ކަމަށް ބުނެ އޭނާއަށް ވަރަށް ބޮޑަށް ފާޑު ކިޔުން އަމާޒުވާން ފެށި އެވެ.

ފާޑު ކިޔުންތަކާ ގުޅިގެން އަބްދުއްރަހީމް ވަނީ ޕީޕީއެމްއަށް އަށް އަހަރު ފުރޭ ގޮތް ކިޔާދެއްވުމަށް އޭނާ ހިސާބު ޖެހި ގޮތް ވެސް ޓްވީޓު ކުރައްވާފަ އެވެ. އެ ހިސާބުގައި 2011 ވަނަ އަހަރުންް 2018 ވަނަ އަހަރަށް ފުރެނީ އަށް އަހަރު ކަމަށް އަބްދުއްރަހީމް ވިދާޅުވެފައިވެ އެވެ. އަދުރޭގެ ހިސާބު ނުބައިވުމާއެކު އަނެއްކާ ވެސް އޭނާއަށް އެތަށް ފާޑު ކިޔުމެއް ވަނީ އަމާޒުވެފަ އެވެ.

ޕީޕީއެމް ރަޖިސްޓްރީކޮށްފައިވަނީ 2011 ވަނަ އަހަރު އެވެ. އެހެންކަމުން މިއަދަށް ފުރޭނީ އެ ޕާޓީއަށް ހަތް އަހަރެވެ. އަދުރޭ ހިސާބު ޖައްސަވަނީ އެއް އަހަރު އިތުރުވާ ގޮތަށް، ޕާޓީ އުފަންވި އަހަރަކީ ފުރަތަމަ އަހަރު ކަމަށް ބަލައިގެންނެވެ. އެކަމަށް ފާޑުވިދާޅުވެ، ދިވެހި ބަހުގެ އެކަޑަމީގެ ރައީސް އަޝްރަފް އަލީ ވެސް ވަނީ ފޭސްބުކްގައި ޕޯސްޓެއް ކުރައްވާފަ އެވެ.

"މީހަކު އުފަންވީ 1 ޖެނުއަރީ 2011 ގައި ކަމަށްވާނަމަ 2018 ވަނަ އަހަރުގެ ޖެނުއަތީ މަހުގެ އެއްވަނަ ދުވަސް ވާނީ އޭނާގެ ކިތައް ވަނަ އުފަން ދުވަހަށްތަ، އަދި އޭނާއަށް ވަނީ ކިތައް އަހަރުތަ؟،" އަޝްރަފް ސުވާލު ކުރައްވާފައިވެ އެވެ.

ޕީޕީއެމްއަށް ފުރުނީ އަށް އަހަރު ކަމަށް އަބްދުއްރަހީމް ވިދާޅުވި ނަމަވެސް އެ ޕާޓީގެ ޕީޖީ ގްރޫޕް ލީޑަރު އަހުމަދު ނިހާން ހުސެއިން މަނިކު ވެސް ވިދާޅުވަނީ ޕާޓީއަށް ފުރުނީ ހަތް އަހަރު ކަމަށެވެ. ނިހާން ކުރެއްވި ޓްވީޓެއްގައި ވަނީ އެ ޕާޓީއަށް ހަތް އަހަރު ފުރުމުގެ މުނާސަބަތުގައި ތަހުނިޔާ ދަންނަވައިފަ އެވެ. އޭގެ އިތުރުން ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ވެސް ވަނީ ހަތް އަހަރުނު ކަމަށް ވިދާޅުވެ ޓްވީޓް ކުރެއްވައިފަ އެވެ.

ޕީޕީއެމް އުފެއްދިއިރު އިލެކްޝަން ކޮމިޝަންގެ ރައީސްގެ މަގާމުގައި ހުންނެވި ފުއާދު ތައުފީގު ވެސް ވަނީ ޕީޕީއެމްއަށް ފުރުނީ ހަތް އަހަރުކަން ފާހަގަ ކުރައްވައި ޕާޓީގެ މެންބަރުންނަށް މަރުހަބާ ދަންނަވާފަ އެވެ.