ވިޔަފާރި

ޕްރިންޓް އޮންލައިން: ޕްރިންޓްކޮށްލުން މާ ފަސޭހަވެއްޖެ

Nov 4, 2018

ކޮލެޖް އެސައިންމަންޓް ޕްރިންޓް ކުރަން ތިއުޅެނީ ވަގުތު ކުޑަތަންވެގެން ހެއްޔެވެ؟ ތިއުޅެނީ ދަރިފުޅު މާދަމާ ސްކޫލަށް ގެންދަން ޖެހޭ ލިޔުމެއް ޕްރިންޓްކޮށް ނުލެވިގެން ހެއްޔެވެ؟ އެހެން ވިއްޔާ ހާސްވާނެ ކަމެއް ނެތެވެ. ބޭނުންވާ ޑޮކިއުމަންޓެއް ބޭނުންވާ ގޮތަކަށް ޕްރިންޓްކޮށްލަދީގެން ގެޔާ ހަމަޔަށް މިހާރު ގެނެވިދާނެ އެވެ. ޕްރިންޓްކުރަން ބޭނުންވާ ފައިލްއެއް އޮންލައިންކޮށް ފޮނުވާލީމާ ޕްރިންޓްކޮށްގެން އެ އެއްޗެއް ގެޔަށް ގެނައުމުގެ ހިދުމަތް ދޭން، "ޕްރިންޓްއޮންލައިން"ގެ ނަމުގައި ވިޔަފާރިއެއް ފަށައިފަ އެވެ.

އެ ތަނުން ވާހަކަ ދެއްކި އޮފިޝަލަކު ބުނީ، ޕްރިންޓް އޮންލައިންގެ ބޭނުމަކީ ޔުނިވަސިޓީތަކާއި ސްކޫލްތަކުގައި ކިޔަވާ ކުދިންނަށް ވީހާވެސް ފަސޭހަކޮށް ގޭގައި ތިބެގެން ބޭނުންވާ ލިޔުންތަކާއި ފޮޓޯފަދަ ތަކެތި ޕްރިންޓް ކުރުމަށް ފަސޭހަ މަގެއް ހުޅުވާލުން ކަމަށެވެ. އޭނާ ބުނި ގޮތުގައި މި ހިދުމަތް ބޭނުންކޮށްގެން ޕްރިންޓް ކުރާނީ އެހެން ތަންތަނުގައި ވެސް ޕްރިންޓްކޮށްދޭ އަގުތަކަށެވެ. އަދި އެ ހިދުމަތުގައި ޑެލިވަރީ ވެސް އޮންނާނީ އިތުރު ޗާޖެއް ނުނަގާ، މުޅިން ހިލެ އެވެ. އޭނާ ބުނީ ޕްރިންޓް ކުރަން ބޭނުންވާ ފައިލްއެއް ވެބްސައިޓަށް އަޕްކޮށްލުމަށް ފަހު، ނަމާއި ޑެލިވަރީ އެޑްރެސް، ފޯން ނަމްބަރު އަދި ޕްރިންޓް ކުރަން ބޭނުންވާ ރިކުއެސްޓާ އެކު ފޮނުވާލުން ގާތްގަނޑަކަށް 15 ވަރަކަށް މިނެޓްގެ ތެރޭގައި އެ ޑޮކިއުމަންޓް ގެޔާ ހަމަޔަށް ގެންގޮސް ދޭނެ އެވެ.

"ވޯޑް ޑޮކިއުމަންޓް، ޕީޑީއެފް، ފޮޓޯ މި ހުރިހާ ޑޮކިއުމަންޓެއް ވެބްސައިޓަށް އަޕްކޮށްލެވޭނެ. އޭރުން އެ ޑޮކިއުމަންޓް ޕްރިންޓް ކޮށްލައިގެން އަޅުގަނޑުމެން މި ގެންގޮސްދެނީ ހަމަ ސީދާ ޑެލިވަރީ އެޑްރެސްއަށް. މިއީ ބޮޑަށް ކޮލެޖްތަކުގެ ކުދިންނާއި ސްކޫލް ކުދިންނަށް ހާއްސަކޮށްފައިވާ ހިދުމަތެއް،" އޮފިޝަން ބުންޏެވެ.

އެ ހިދުމަތް މިހާރުވެސް ގިނަ ބަޔަކު ހިދުމަތް ހޯދަމުން އަންނަ ކަމަށް އޭނާ ބުންޏެވެ. މިކަމުގެ ސަބަބުން ޕްރިންޓް ކޮށްދޭ ތަންތަނުގައި ކިޔު ހަދައިގެން ހުންނަ ހުރުމަށް ނިމުން އަންނާނެ ކަމަށް އޭނާ ބުންޏެވެ.

"އުންމީދަކީ މި ހިދުމަތުގެ ބޭނުން ގިނަ ބަޔަކު ހިފުން. މިއީ މިހާރު އޮންލައިން ޒަމާން. އެހެންވީމާ އޮންލައިންކޮށް މިހާރު ހުރިހާ ކަމެއް ކޮށްލެވޭނެ. އެހެން ވީމާ މިކަން ވެސް މި ކޮށްލެވެނީ އޮންލައިންކޮށް،" އޮފިޝަލް ބުންޏެވެ. ކުރިއަށް އޮތްތަނުގައި މި ހިދުމަތް އިތުރަށް ފުޅާކޮށް، ދާއިމީކޮށް ޕްރިންޓްކުރާ ފަރާތްތަކަށް މަހަކު އެއް ފަހަރު ފައިސާ ދެއްކޭ ގޮތަށް ހާއްސަ ޕެކޭޖްތައް ތައާރަފްކުރަން ވެސް ވަނީ ނިންމައިފަ އެވެ.
----
**މި ހިދުމަތާ ގުޅޭ އިތުރު މައުލޫމާތު: 7225599