ހަބަރު

ހުވާ ކުރާ ދުވަސް ކަނޑައަޅަން ސުޕްރީމް ކޯޓަށް ދާން މެންބަރުންގެ ހިޔާލު ތަފާތު

ރައީސުލްޖުމްހޫރިއްޔާ ހުވާ ކުރައްވާނެ ތާރީހެއް ކަނޑައަޅައި މައްސަލާގައި މެންބަރުން ހިޔާލު ތަފާތުވުމާ ގުޅިގެން އެކަން ނިންމަން ސުޕްރީމް ކޯޓުގެ އިސްތިޝާރީ ލަފައަކަށް އެދުމާ މެދުވެސް މެންބަރުންގެ މެދުގައި ހިޔާލުތައް ތަފާތުވެއްޖެ އެވެ.

ގިނަ ދުވަސްތަކަކަށް ފަހު މިއަދު ބޭއްވި މަޖިލީހުގެ ޖަލްސާގައި ތާވަލުކޮށްފައިވާ އެއް މައްސަލައަކީ ގާނޫނު އަސާސީގެ 114 ވަނަ މާއްދާގައި ބަޔާން ކުރާ ގޮތަށް، ރައިސުލްޖުމްހޫރިއްޔާ ހުވާ ކުރާ ތާރީހު ރައްޔިތުން މަޖިލީހުން ކަނޑައެޅުމާ ބެހޭ މައްސަލަ އެވެ.

އެކަމާ ބެހޭ ގޮތުން ބަހުސް ކުރެއްވި މެންބަރުންގެ މެދުގައިވަނީ އާ ރައީސް، ހުވާ ކުރައްވާނީ ނޮވެމްބަރު 11 ގައި ތޯ ނޫނީ ނޮވެމްބަރު 17 ގައި ތޯއާ މެދު ހިޔާލު ތަފާތުވެފަ އެވެ. އެއީ 2013 ވަނަ އަހަރު ދިމާވި މައްސަލަތަކާ ހެދި ސުޕްރީމް ކޯޓްގެ ހުކުމަކާއެކު މިހާރުގެ ރައިސުލްޖުމްހޫރިއްޔާ އަބްދުﷲ ޔަމީން އަބްދުލް ގައްޔޫމް ނޮވެމްބަރު 17 ގައި ހުވާކޮށްފައިވާތީ އެވެ.

އެ މައްސަލާގައި މަޖިލީހުގައި ބަހުސް ކުރައްވަމުން މަރަދޫ ދާއިރާގެ މެންބަރު އިބްރާހިމް ޝަރީފް ވިދާޅުވީ 2013 ވަނަ އަހަރު ސުޕްރީމް ކޯޓުން ހުކުމެއް ނެރުނީ އޭރުގެ ހާލަތަށް ރިއާޔަތްކޮށްފައި ކަމަށާއި ގާނޫން އަސާސީގެ 301 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގޮތުން ނޮވެމްބަރު 11 ގައި ހުވާ ކުރައްވަން ޖެހިވަޑައިގަންނަވާކަން ވަރަށް ސާފު ކަމަށެވެ.

"އަޅުގަނޑަށް ހިޔެއް ނުވެ ގިނަ ބަހުސްތަކެއް ކުރަން އޮތް ކަމެއް ހެނެވެ, ސުޕްރީމް ކޯޓުން ނިންމަވާފައި ނެތް 2013 ފަހުން ކޮންމެ ފަހަރަކު ވެސް ނުވެމްބަރު 17 ގައި ހުވާ ކުރާކަށް، އޭރު އޮންނަ ހާލަތު ޒަރޫރާގެ ދަށުން އެކަން ކުރީ، މިހާރަކު އެގޮތަށް އަމަލު ކުރާކަށް ނުޖެހޭ، އިބޫ ހުވާ 11 ގައި ހުވާ ކުރައްވަން އަޅުގަނޑު ހުށަހަޅަން،" ޝަރީފް ވިދާޅުވި އެވެ.

ޕީޕީއެމްއަށް ނިސްބަތްވެވަޑައިގަންނަވާ ވިލުފުށީ ދާއިރާގެ މެންބަރު ރިޔާޒް ރަޝީދުގެ ވިސްނުން ވެސް ހުރީ އެގޮތަށެވެ. ރިޔާޒް ވިދާޅުވީ އިބޫ އާއި ފައިސަލް ހުވާ ކުރައްވަން ޖެހިވަޑައިގަންނަވާނީ ނުވެމްބަރު 11 ގައި ކަމަށް ގަބޫލު ކުރައްވާ ކަމަށެވެ. ނަމަވެސް އެކަމުގައި ސުވާލު އުފެދޭ ބައެއް ކަންކަން ހުރި ކަމަށް ރިޔާޒް ވިދާޅުވި އެވެ. އެގޮތުން ނޮވެމްބަރު 11 ގައި ހުވާކޮށްފި ނަމަ ފަސް އަހަރުގެ ދައުރެއް ހަމަވުމަށް ހުރަހެއް އެޅޭތޯ އާއި މިހާރުގެ ރައިސުލްޖުމްހޫރިއްޔާއަށް ފަސް އަހަރުގެ ދައުރެއް ހަމަވެއްޖެތޯ ސާފު ވާން ޖެހޭ ކަމަށް ރިޔާޒް ވިދާޅުވި އެވެ. އެހެންކަމުން މި މައްސަލަ ނިންމާއިރު ހުރިހާ ޕާޓީތަކެއްގެ މަޝްވަރާއާއެކުގައި ކުރިޔަށް ދިޔުމަށް އެދިވަޑައިގަންވާ ކަމަށް ރިޔާޒް ވިދާޅުވި އެވެ.

ރިޔާޒް ވިދާޅުވީ މެންބަރުންގެ މެދުގައި ހިޔާލު ތަފަތުވާނަމަ ދުސްތޫރީ މައްސަލައަކަށް ހަދާ ސުޕްރީމް ކޯޓުގެ ލަފަޔަކަށް އެދުމަަށް ގާނޫނުގައި އޮންނަ ކަމަށެވެ. ނަމަވެސް މިއީ ރައްޔިތުން މަޖިލީހުން ނިންމަން ޖެހޭ ކަމަށް ވެސް ބަޔާންކޮށްފައިވާ ކަމަށާއި އެހެންކަމުން މި މަޖިލީހުން އެކަން ނިންމަން އެދޭ ކަމަށް ވެސް ރިޔާޒް ވިދާޅުވި އެވެ.

ޖުމްހޫރީ ޕާޓީގެ ބާނީ އަދި މާމިނގިލީ ދާއިރާގެ މެންބަރު ގާސިމް އިބްރާހިމް ވިދާޅުވީ މެންބަރުންގެ މެދުގައި ހިޔާލު ތަފާތެއް ވާނަމަ ސުޕްރީމް ކޯޓުގެ ލަފަޔަކަށް އެދުމަކީ އެއްވެސް މައްސަލައެއް އޮތް ކަމަކަށް ގަބޫލު ނުކުރައްވާ ކަމަށެވެ. އަދި މި މައްސަލަ ފެށުނީ ވެސް ސުޕްރީމް ކޯޓުން ވަކި ގޮތަކަށް ކުރިން ހުކުމް ކުރުމާ ގުޅިގެން ކަމަށް ވެސް ގާސިމް
ފާހަގަ ކުރެއްވި އެވެ.

އެމްޑީއޭގެ މެންބަރެއް ކަމަށްވާ ކުޑަ ހުވަދޫ ދާއިރާގެ މެންބަރު އަހުމަދު އާމިރު ވިދާޅުވީ 2013 ވަނަ އަހަރު މި މައްސަލަ ސުޕްރީމް ކޯޓުން ނިންމި އިރު ރައްޔިތުންގެ މަޖިލީސް އޮތީ "ނިދާފައި" ކަމަށާއި އެ ނޫން ނަމަ މިއަދު އެ މައްސަލަ ނުޖެހުނީސް ކަމަށެވެ. އަދި މިއަދު މަޖިލީހުގައި އެ މައްސަލައާ މެދު ހިޔާލު ތަފާތު ވާނަމަ އެ ސުޕްރީމް ކޯޓުގެ ލަފައެއް ހޯދަން ލަދު ގަންނާކަށް ނުޖެހޭ ކަމަށް ވެސް އާމިރު ވިދާޅުވި އެވެ.

ސުޕްރީމް ކޯޓުގެ ލަފަޔަކަށް އެދުމަށް އައްޑޫ މީދޫ ދާއިރާގެ މެންބަރު ރޮޒެއިނާ އާދަމް ދެކޮޅު ހެއްދެވި އެވެ. ރޮޒެއިނާ ވިދާޅުވީ އިތުރު އެންމެ ދުވަހެއް ވެސް ރައީސް ޔާމީން ވެރިކަމުގައި ހުރުމާަ މެދު ކަންބޮޑުވާ ކަމަށާއި އެއީ އެމަނިކުފާނު ދައުލަތަށް ބޮޑެތި ގެއްލުންތަކެއް ދެއްވާ ކަމަށެވެ. އަދި ރައްޔިތުން މަޖިލީހުގެ ޖަލްސާ ބާއްވަން ޖެހޭ ދުވަސް ކަނޑައަޅާނީ މަޖިލީހުން ކަމަށާއި އެހެން ތަނަކަށް ދާކަށް ނުޖެހޭނެ ކަމަށް ރޮޒެއިނާ ވިދާޅުވި އެވެ.

މާފަންނު އުތުރު ދާއިރާގެ މެންބަރު އިންތިޔާޒް ފަހުމީ ވެސް ވިދާޅުވީ ރައްޔިތުން އިންތިހާބު ކުރެއްވި ރައީސް ހުވާ ކުރައްވާނެ ތާރީހެއް ކަނޑައަޅަން އެންމެ ރަނގަޅުވާނީ ރައްޔިތުންގެ މަންދޫބުން ހިމެނޭ މަޖިލީހަކުން ކަމަށެވެ.

ނަމަވެސް އުނގޫފާރު ދާއިރާގެ މެންބަރު ޖައުފަރު ދާއޫދު ވަނީ ސުޕްރީމް ކޯޓުގެ އެ މައްސަލާގައި ރައްޔިތުންގެ މަޖިލީހުގެ ފަރާތުން ސުޕްރީމް ކޯޓުގެ ލަފަޔަކަށް އެދުމަށް މަޖިލީހަށް ހުށަހަޅާފަ އެވެ.

ޕީޕީއެމްއަށް ނިސްބަތްވާ އެހެން މެންބަރުން ވެސް ވަނީ އެކަމަށް ތާއީދު ކުރައްވާ ވާހަކަ ދައްކަވައިފަ އެވެ. އެގޮތުން ކެލާ ދާއިރާގެ މެންބަރު އަލީ އާރިފް ވިދާާޅުވީ ނުވެމްބަރު 11 ގައި ހުވާ ކުރައްވަން ޖެހޭ ކަމަށް ބުނެ އިދިކޮޅު ފަރާތްތަކުން ދައްކަވަނީ އިންތިގާލީ ބާބެއްގެ މާއްދާއަކަށް ހަވާލާދީ ކަމަށާއި ނަމަވެސް އެ ބާބު މިހާރު އުވިފައިވާ ކަމަށެވެ. އެހެންކަމުން އިބޫ ލައްވާ ގޯހެއް ހައްދަވަން ނޫޅުއްވުމަށް އެދިލައްވާ ކަމަށާއި އެންމެ ހަ ދުވަސް އިތުރަށް މަޑުކޮށްލަން ޖެހޭ ކަމަށް އާރިފް ވިދާޅުވި އެވެ.

ޕީޕީއެމްގެ ނައިބު ރައީސް އަދު ފޮނަދޫ ދާއިރާގެ މެންބަރު އަބްދުއްރަހީމް އަބްދުﷲ ވިދާޅުވީ ރައީސް ޔާމީންއަށް ފަސް އަހަރު ހަަމަވަނީ ނުވެމްބަރު 17 ގައި ކަމަށާއި އެހެންކަމުން 11 ގައެއް އިބޫއަށް ހުވާއެއް ނުކުރެވޭނެ ކަމަށެވެ. އަދި އެކަމަކަށް ގާނޫނުން ތަން ނުދެއްވާ ކަމަށް އަބްދުއްރަހީމް ވިދާޅުވި އެވެ. އެހެންކަމުން އެންމެ ރަނގަޅު ގޮތަކީ ސުޕްރީމް ކޯޓުގެ ލަފަޔަކަށް އެދުން ކަމަށާއި އެއީ މަޖިލީހުގެ ބާރު ކަނޑުވާލުމެއް ނޫން ކަމަށް އަބްދުއްރަހީމް ވިދާޅުވި އެވެ.

މާފަންނު ހުޅަނގު ދާއިރާ އަބްދުﷲ ރިފާއު ވެސް ވިދާޅުވީ އިންތިގާލީ ބާބަކީ އުވިފައި އޮތް ބާބަކަށްވުމުގެ އިތުރުން މިހާރުގެ ނުވެމްބަރު 11 ގައި ރައީސް ޔާމީންގެ ވެރިކަމަށް ފަސް އަހަރެއް ހަމައެއ ނުވާނެ ކަމަށެވެ. އަދި ފަސް އަހަރަކީ ކިތަށް ދުވަސްކަން ކަަނޑައެޅުމުގެ ބާރެއް މަޖިލީހަކަށް ނޯންނާނެ ކަމަށް ރިފާއު ވިދާޅުވި އެވެ. އެހެންވެ އިބޫ ހުވާ ކުރައްވަން ޖެހޭނީ ނުވެމްބަރު 17 ގައި ކަމަށް ވެސް ރިފާއު ވިދާޅުވި އެވެ.

ރައްޔިތުން މަލީހުގެ ރިޔާސަތުގައި އިންނެވި ރީކޯ މޫސާ މަނިކު ވެސް ވަނީ އެމަނިކުފާނުގެ ހިޔާލު ފާޅު ކުރައްވައިފަ އެވެ. މޫސަ ވިދާޅުވީ ގާނޫން އަސާސީގައިވާ ގޮތުން ހުވާ ކުރެއްވުމުގެ ދުވަސް ކަނޑައެޅުން އޮތީ މަޖިލީހާ ހަވާލު ކުރެއްވިފައިވާ ކަމަށާއި އެގޮތަށް އޮއްވާ ސުޕްރީމް ކޯޓުގެ ލަފަޔަކަށް އެދުމަކީ މަޖިލީހުގެ ބާރު ކުޑަވުން ކަމަށެވެ. އެހެންކަމުން ގޮތެއް ނިންމަވަން ވާނީ މަޖިލީހުގެ ތެރެއިން ކަމަށް މޫސަ ވިދާޅުވި އެވެ.

މެންބަރުންގެ ހުށަހެޅުއްވި ހުށަހެޅުންތަކަށް ވޯޓެއް ނެގުން މިއަދު 1:30 ގައި އޮންނާނެ އެވެ.