ގިނަ ދުވަސްތަކެއްގައި މަޖިލީހުގެ ޖަލްސާތައް ނުބާއްވާ އޮތުމަށް ފަހު، ރައްޔިތުން މަޖިލީހުގެ ޖަލްސާއެއް މިއަދު ފަށައިފި އެވެ. އެ ޖަލްސާއަށް ވަނީ މުހިންމު ބޮޑެތި މައްސަލަތަކެއް އެޖެންޑާކޮށްފަ އެވެ.
ރައްޔިތުން މަޖިލީހުގެ ނައިބު ރައީސް ހުޅުހެންވޭރު ދާއިރާގެ މެންބަރު މޫސާ މަނިކުގެ ރިޔާސަތުގައި އިންވައިގެން މިއަދު ހެނދުނު 9:00 ގައި ފެށި ޖަލްސާއަށް އެޖެންޑާކޮށްފައި ވަނީ، އިބޫ ހުވާކުރެއްވުން ނޮވެމްބަރު 11 އަށް ހަމަޖެއްސުމުގެ މައްސަލަ އާއި ކުރީގެ ރައީސް މުހައްމަދު ނަޝީދު މިނިވަން ކުރުމަށް ގޮވާލާ ގަރާރުގެ މައްސަލަ އާއި އެންޓި ޑިފެކްޝަން ބިލާއި އަބުރުގެ ގާނޫނު އުވާލުމުގެ މައްސަލަ އެވެ. އެ ޖަލްސާގައި 42 މެންބަރަކު ބައިވެރިވެ ވަޑައިގަންނަވަ އެވެ.
އެގޮތުން، އެންމެ ފުރަތަމަ ކަމަކަށް މަޖިލީހުގެ ރިޔާސަތުން މިއަދު ތަޅުމަށް ހުށަހެޅީ، އިންތިހާބީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ހުވާކުރެެއްވުމުގެ ތާރީހު ނޮވެމްބަރު 11 އަށް ހަމަޖެއްސުމުގެ މައްސަލަ އެވެ. އެ މައްސަލައަށް ބަހުސް ކުރަން މިހާރު ވަނީ ފަށައިފަ އެވެ. ގިނަ ދުވަސްތަކަކަށް ފަހު އިދިކޮޅު މެންބަރުން މިއަދު ވަނީ ޖަލްސާގައި ބައިވެރިވެ ވަޑައިގެންފަ އެވެ. އަދި އިންތިހާބީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އާއި އިންތިހާބީ ނައިބު ރައީސް ފައިސަލް ނަސީމް ވެސް މިއަދުގެ ޖަލްސާގައި ބައިވެރިވެ ވަޑައިގަންނަވަ އެވެ.
މީގެ އިތުރުން، އެކި ހުކުމްތަކުގެ ސަބަބުން، މަޖިލީހުގެ ޖަލްސާތަކުގައި ބައިވެރިވެ ވަޑައިނުގެންނެވުނު، ޖޭޕީގެ ބާނީ މާމިގިލީ ދާއިރާގެ މެންބަރު ގާސިމް އިބްރާހިމް އަދި ދިއްގަރު ދާއިރާގެ މެންބަރު ފާރިސް މައުމޫން ބައިވެރިވެ ވަޑައިގަންނަވަ އެވެ.
މަޖިލީހުގެ ނައިބު ރައީސް، މޫސަ ޖަލްސާ ފައްޓަވަމުން ވިދާޅުވީ މަޖިލީސް ވެއްޓިފައިވާ ދަށު ދަރަޖައިން ސަލާމަތް ކުރުމަށް ރައްޔިތުން މަޖިލީހުގެ މެންބަރުންގެ އެއްބާރުލުން ބޭނުންވާ ކަމަށެވެ. އަދި މަޖިލީހުގެ ފުރިހަމަ ޒިންމާ އަދާކުރުމުގައި މެންބަރުންގެ ފުރިހަމަ އެެއްބާރުލުން ބޭނުންވާ ކަމަށް ވެސް މޫސަ ވިދާޅުވި އެވެ.