ދުނިޔެ

189 މީހުންނާއެކު ލަޔަން އެއާގެ ފްލައިޓެއް ވެއްޓިއްޖެ

Oct 29, 2018

ޖަކާޓާ (އޮކްޓޯބަރު 29) - މިއަދު ހެނދުނު އިންޑޮނޭޝިއާ އިން ފުރައިގެން، ސުމާޓްރާ އަށް 189 ފަސިންޖަރުން ގޮވައިގެން ދަތުރުކުރި ލަޔަން އެއާގެ ބޯޓެއް ކަނޑަށް ވެއްޓިފައިވާ ކަމަށް ކަމާވެހޭ އިދާރާތަކުން ބުނެފި އެވެ.

ޖަކާޓާ އިން ފުރިތާ 13 ވަރަކަށް މިނެޓު ތެރޭގައި ބޯޓުގެ އެއްވެސް ހަބަރެއް ނުވެގެން އުޅެނިކޮށް، ބޯޓު ވެއްޓިފައިވާކަމަށް އިންޑޮނޭޝިއާގެ ކަމާބެހޭ އިދާރާއިން ވަނީ ކަށަވަރުކޮށްދީފައި އެވެ.

"އެއްވެސް މީހަކު ސަލާމަތްވި ކަމެއް އަދި ނޭނގޭ، އަހަރެމެން އުއްމީދު ކުރަން، އެކަމަކު އަދި އެއްވެސް އެއްޗެއް ބުނާކަށް ނޭނގޭ،" އިންޑޮނޭޝިއާގެ ސާޗު އެންޑް ރެސްކިއުގެ ވެރިޔާ މީޑިއާއަށް ވިދާޅުވި އެވެ.

މި ހާދިސާ އަކީ އިންޑޮނޭޝިއާގެ ތާރީހުގައި ވެސް އެންމެ ހިތާމަވެރި ހާދިސާކަމުގައި ވެސް ސަރުކާރުން ވަނީ ބުނެފައި އެވެ. ޑިސެމްބަރު 2014 ވަނަ އަހަރު އެއާ އޭޝިޔާގެ މަތިންދާބޯޓެއް ވެއްޓި 162 މީހުން މަރުވި އެވެ.

އޮފިޝަލުން ވިދާޅުވިގޮތުގައި، ބަޖެޓު އެއާލައިނެއް ކަމުގައިވާ ލަޔަން އެއާގެ ބޯޓުން ދަތުރުކުރި 181 ފަސިންޖަރުންގެ ތެރޭގައި ތިން ކުޑަކުދިން ހިމެނޭއިރު، ކްރޫގެ އަށް މެމްބަރުން ހިމެނޭކަމަށެވެ.

ޑައިވަރުން މިހާރު ދަނީ ބޯޓު ވެއްޓުނު ސަރަހައްދު ހޯދަމުންނެވެ.