އިންޑޮނީޝިއާގައި ބުދަ ދުވަހު އޮތް ރިޔާސީ އިންތިހާބު އެ ގައުމުގެ ދިފާއީ ވަޒީރު ޕްރާބޫ ސަބިއާންތޯ އެއްބުރުން ކާމިޔާބުކުަރައްވައިފި އެވެ.
ރިޕޯޓްތައް ބުނާ ގޮތުން ވޯޓު ގުނާ އަދި މުޅިން ނިމިފައި ނުވި ނަމަވެސް މިހާތަށް ގުނި ވޯޓުތަކުން ޕްރާބޫ އޮތީ ވާދަވެރިންނަށް އަތް ނުޖެހޭ ފަށުގަ އެވެ.
ރަސްމީ ނަތީޖާ އިއުލާންކުރުމުގެ ކުރިން ޕްރާބޫ ވަނީ ކާމިޔާބު ލިބިވަޑައިގެންފި ކަމަށް ވިދާޅުވެ ސަޕޯޓަރުންނާ މުހާތަބުކުރައްވާފަ އެވެ.
ލިބިފައި އޮތް ކާމިޔާބަށް ޝުކުރުކޮށް ރަސްމީ ނަތީޖާ އިއުލާންކުރަންދެން ހިމޭނުން ތިބުމަށް ޕްރާބޫ ވަނީ އޭނާގެ ސަޕޯޓަރުންގެ ކިބައިން އެދިވަޑައިގެންފަ އެވެ.
އިންޑޮނީޝިއާގެ އިލެކްޝަން ކޮމިޝަނުން އިންތިހާބާ ގުޅޭ ހުރިހާ ކަމެއް ހަމަޖައްސާފައި އޮތީ އާދަޔާ ހިލާފަށް ތަރުތީބުން ކަމަށް ޕްރާބޫ ވިދާޅުވި އެވެ. އަދި ވޯޓުގެ ހުރިހާ ކަމެއްވެސް ހިނގާފައިވަނީ ވަރަށް ފުރިހަމައަށް ކަމަށްވެސް ވިދާޅުވި އެވެ.
ޕްރާބޫ ވިދާޅުވީ އޭނާއަށް ލިބިވަޑައިގެންނެވި ކާމިޔާބަކީ އިންޑޮނީޝިއާގެ ރައްޔިތުންނަށް ލިބުނު ކާމިޔާބީއެއް ކަމަށެވެ. އަދި އޭނާގެ ސަރުކާރަކީ ވަރަށް ފުރިހަ އަދި ގާބިލް ވަޒީރުން ހިމެނޭ ސަރުކާރަކަށް ވާނެ ކަަމަށް ވައުދުވެ ވަޑައިގެންނެވި އެވެ.
ޕްރާބޫ ސަބިއާންތޯ، 72، އަކީ ކުރިން އަސްކަރިއްޔާގެ ސްޕެޝަލް ފޯސަސްގެ ކޮމާންޑަރެކެވެ. ދިފާއީ ވަޒީރުގެ މަގާމުގައި ހުންނަވައި ރިޔާސީ އިންތިހާބުން އޭނާ ވަނީ ވާދަވެރިން ބަލިކޮށް 58 ޕަސެންޓް ހޯއްދަވާފަ އެވެ.
ޕްރާބޫގެ ރަނިންގް މޭޓަކީ އިންޑޮނީޝިއާގެ ރައީސްގެ މަގާމުގައި މިހާރު ހުންނެވި ޖޯކޯ ވިޑޯޑޯގެ ދަރިކަލުން ގިބްރާން ރަކަބުމިން ރަކާ އެވެ.
ޕްރާބޫގެ ވާދަވެރިން ކަމަށްވާ އަނީސް ބަސްވެދާންއަށް ލިބިފައި ވަނީ ގުނި ވޯޓުގެ 25 ޕަސެންޓެވެ. އަދި ގަންޖަރު ޕްރަނޮވޯއަށް ލިބިފައިވަނީ ގުނި ވޯޓުގެ 17 ޕަސެންޓެވެ.
ރިޕޯޓްތައް ބުނާ ގޮތުން އިންޑޮނީޝިއާގައި ބުދަ ދުވަހު 205 މިލިއަން މީހުން ވަނީ ވޯޓުލާފަ އެވެ. މިއީ އެ ގައުމުގައި ތަރުތީބު ޑިމޮކްރަސީ އަކުން ބާއްވާ ފަސްވަނަ ރިޔާސީ އިންތިހާބެވެ.
އިންޑޮނީޝިއާގެ ގާނޫނުގައި އޮންނަ ގޮތުން ރިޔާސީ އިންތިހާބުގައި ހޮވޭ ކެންޑިޑޭޓަކަށް އަދާކުރެވޭނީ ފަސް އަހަރުގެ ދެ ދައުރެވެ.
ރައީސްގެ މަގާމުގައި މިހާރު ހުންނެވި ޖޯކޯ ވިޑޯޑޯއަށް މި އިންތިހާބުގައި ވާދަނުކުރެއްވުނީ މި ސަބަބާ ހެދި އެވެ. އޭނާ އަދާކުރައްވަމުން އެ ގެންދަވަނީ ފަސް އަހަރުގެ ދެވަނަ ދައުރެވެ.
އިދިކޮޅު ކެންޑިޑޭޓުން ތުހުމަތުކުރާ ގޮތުން އެއްބުރުން އަދި އެހާ ބޮޑު ތަފާތަކުން އިންތިހާބެއް ކާމިޔާބުކުރުމަކީ -- އޮޅުވާލުމެއް ނެތި ކުރުން ދަތި ކަމެކެވެ.
އިދިކޮޅުން ބުނާ ގޮތުން ޕްރާބޫގެ ޓީމުން މަކަރު ހަދައި ވޯޓު އޮޅުވާލާފައި ހުރިތޯ އެ މީހުން ބަލާނެ އެވެ. އަދި މައްސަލަ އިލެކްޝަން ކޮމިޝަނަށް ހުށަހަޅާނެ އެވެ.