ދުނިޔެ

ވެރިކަމުގައި ގޯހެއް ހެދިފައި އޮތް ނަމަ މާފަށް އެދެން: ޖޮކޯވީ

އިންޑޮނީޝިއާގެ ރައީސް ޖޯކޯ ވިޑޯޑޯ އާންމު ރައްޔިތުންގެ ކިބައިން މާފަށް އެދިވަޑައިގެންފި އެވެ.

ޖޮކޯވީގެ ވެރިކަމުގައި -- ފާއިތުވި 10 އަހަރު އޭނާގެ ސަރުކާރަށް އެއްވެސް ގޯހެއް ހެދިފައި އޮތް ނަމަ ނުވަތަ އެއްވެސް މީހަކަށް ބޭއިންސާފުވެވިފައި އޮތް ނަމަ ޖޮކޯވީ އަށާއި އޭނާގެ ނައިބު ރައީސް މައުރޫފް އަމީންއަށް މާފުކޮށްދެއްވުމަށް އެދިވަޑައިގަންނަވާ ކަަމަށް ތަކުރާރުކޮށް އޭނާ ވިދާޅުވި އެވެ. ޖޮކޯވީ އަކީ އިންޑޮނީޝިއާ މީހުން އާންމުކޮށް ޖޯކޯ ވިޑޯޑޯއަށް ކިޔާ ނަމެވެ.

އަދި މި ގޮތުން އެއްވެސް ގޯހެއް ހެދިފައި އޮތް ނަމަ އެކަމުގެ ފުރިހަމަ ޒިންމާ ނަންގަވާނެ ކަމަށް ވެސް ޖޮކޯވީ ވިދާޅުވި އެވެ.

އިންސާނަކަށްވެ ހުރެ ކުށުން ބަރީއަވުމަކީ -- ކުށެން ނުކުރެވޭ މީހަކަށް ވުމަކީ ނާދިރުކަމެއް ކަމަށް އޭނާ ވިދާޅުވި އެވެ. އިންސާނުންގެ ކިބާގައި ހުންނަ ނިކަމެތިކަމާއި ބަލިކަށިކަން އޭނާގެ ކިބާގައިވެސް ހުންނަ ކަމަށް ޖޯކޯ ވިޑޯޑޯ ވިދާޅުވި އެވެ.

"އިންސާނުންނަކީ ބަރާބަރު ބައެއް ނޫން، -- އަޅުގަނޑަކީވެސް ބަރާބަރު މީހެއް ނޫން،" ޖޮކޯވީ ވިދާޅުވި އެވެ.

"އެހެން މީހުންގެ ކިބާގައި ނެތް ކުޅަދާނަކަމެއް އަޅުގަނޑުގެ ކިބާގައިވެސް ނުހުންނާނެ" ކަމަށް އޭނާ ވިދާޅުވި އެވެ. "އެއް އިންސާނަކު އަނެއް އިންސާނެއްގެ ކިބައިން މާފަށް އެދެން ޖެހެނީ މި ސަބަބާހެދި" ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"އަޅުގަނޑުމެންނަށް ހުންނާނީ ވަރަށް ގިނައިން ކުށްކުރެވިފަ،" ޖޮކޯވީ ވިދާޅުވި އެވެ. "މި ކަމަށްޓައި ތިޔަ ބޭފުޅުންގެ ކިބައިން އަޅުގަނޑުމެން މާފަށް އެދެން" އޭނާ ވިދާޅުވި އެވެ.

"އިންޑޮނީޝިއާ ކަހަލަ ބޮޑު އާބާދީއެއް އަދި ބޮޑު އިގުތިސާދެއް ބެލެހެއްޓުމަކީ ބުރަބޮޑު ކަމެއް" ކަމަށް ޖޮކޯވީ ވިދާޅުވި އެވެ. އޭނާ ވިދާޅުވި ގޮތުގައި އެންމެ ރުއްސައިގެން އެއްވެސް ކަމެއް އެކަކަށް ވެސް ނުކުރެވޭނެ އެވެ.

އޭނާއަށް ލިބިވަޑާއިގަތް 10 އަހަރަކީ އިންޑޮނީޝިއާއަށް ބޭނުންޖެހިފައި ހުރި ހުރިހާ ކަމެއް ހައްލުކުރެވޭ ވަރުގެ މުއްދަތެއް ނޫން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ޖޯކޯ ވިޑޯޑޯގެ ވެެރިކަން އޮކްޓޯބަރު 20، 2024 ގައި ނިމުމަކަށް އަންނާނެ އެވެ. އެއަށް ފަހު އިންޑޮނީޝިއާގެ ވެރިކަމާ ހަވާލުވެ ވަޑައިގަންނަވާނީ ޕްރަބޮވޯ ސުބިއަންތޯ އެވެ.