ދުނިޔެ

އިންޑޮނީޝިއާގެ އާ ރައީސް މަގާމާ ހަވާލުވެވަޑައިގެންފި

އިންޑޮނީޝިއާގައި މިއަހަރު ކުރީކޮޅު -- ފެބުރުއަރީ 14 ގައި އޮތް ރިޔާސީ އިންތީކާބުގައި އެންމެ ގިނައިން ވޯޓު ލިބިވަޑައިގެންނެވި ޕްރާބޫ ސަބިއާންތޯ އެ ގައުމުގެ ރައީސްގެ މަގާމާ ހަވާލުވެވަޑައިގެންފި އެވެ.

ޕްރާބޫ ސަބިއާންތޯ، 73، އަކީ އިންޑޮނީޝިއާގެ އަސްކަރިއްޔާގައި ކުރިން މަަސައްކަތްކުރެއްވި ޖެނެރަލެކެވެ. ރިޔާސީ އިންތިޚާބަށް ކުރިމަތިލެއްވިއިރު އޭނާ ހުންނެވީ ދިފާއީ ވަޒީރުގެ މަގާމުގަ އެވެ.

އިންޑޮނީޝިއާގެ ރައީސްގެ މަގާމުގައި މީގެ ކުރިން ހުންނެވީ ޖޯކޯ ވިޑޯޑޯ އެވެ. އޭނާ ވަނީ 10 އަހަރު ވަންދެން ރައީސްގެ މަގާމު އަދާކުރައްވާފަ އެވެ.

ޖޯކޯ ވިޑޯޑޯ ވިދާޅުވާ ގޮތުން އޭނާ އަކީ އިންޑޮނީޝިއާގެ ރައްޔިތުންގެ ލީޑަރެވެ. ވެރިކަމުގައި 10 އަހަރު ހޭދަކުރެވުނީ އެހެންވެ ކަމަށް އޭނާ ވިދާޅުވި އެވެ.

ޖޯކޯ ވިޑޯޑޯ ރައީސްގެ މަގާމުން ވަކިވެ ވަޑައިގަތް ނަމަވެސް، އޭނާގެ ދޮށީ ދަރިކަލުން، ގިބްރާން ރަކަބުމިން ރާކާ އާ ސަރުކާރުގެ ނައިބު ރައީސްގެ މަގާމުގައި ދެމިހުންނަވާނެ އެވެ. ޖޯކީ ވިޑޯޑޯ އާއި ޕްރާބޫ އަކީ ވަރަށް އަރިސް ދެ ބޭފުޅުންނެވެ.

ރައީސްގެ މަގާމާ ހަވާލުވެ ވަޑައިގެން ގައުމާ މުޚާތަބުކުރައްވައި ދެއްކެވި ވާހަކަތަކުގައި ގައުމުގެ ރައްކާތެރިކަން ކަށަވަރުކޮށްދެއްވާނެ ކަމަށް ވިދާޅުވި އެވެ. އިންޑޮނީޝިއާގައި އެއްބައިވަންތަކަން އާލާކުރެއްވުމާއި ކާބޯތަކެއްޗަށް ނުޖެހޭ ވަރު ކޮށްދެއްވާނެ ކަމަށް ވައުދުވެ ވަޑައިގެންނެވި އެވެ.

އިންޑޮނީޝިއާގައި ލިބެން ހުރި ގުދުރަތީ ވަސީލަތްތަކުގެ ބޭނުން ރައްޔިތުންނަށް ލާބަހުރި ގޮތް ނޫން ގޮތެއްގައި ބޭނުންނުކުރައްވާނެ ކަމަށް އާ ރައީސް ވިދާޅުވި އެވެ. ގުދުރަތީ މައުދަންތަކާއި ބިމުއަޑީގައި ހުރި މުއްސަނދި ކެމިކަލްތަކަށް ގޮތެއް ނިންމަވާނީ ރައްޔިތުންނާ ހަމައިން ކަމަށް ވިދާޅުވި އެވެ.

އޭނާ ހުވައިކުރެއްވީ ގައުމަށްޓަކައި ކަމަށާއި ރައްޔިތުން ބާކީވެދާނެ އެއްވެސް ކަމަކަށް ސަރުކާރުން ރުހުން ނުދެއްވާނެ ކަމަށް ޕްރާބޫ ވިދާޅުވި އެވެ.