ތިނަދޫ ދެކުނު ދާއިރާގެ މެންބަރު އަބްދުﷲ އަހުމަދު، އަބުޅޯގެ ގޮނޑި ނުގެއްލޭ ކަމަށް ސުޕްރީމް ކޯޓުން މިއަދު ހުކުމްކޮށްފި އެވެ.
އޭނާއަކީ، ޕީޕީއެމްއިން ވަކިކުރުމުގެ ސަބަބުން، ގޮނޑި ގެއްލިފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ކަނޑައެޅި 12 މެންބަރުންގެ ތެރޭގައި ހިމެނޭ ބޭފުޅެކެވެ. ސުޕްރީމް ކޯޓުން އެގޮތަށް ހުކުމް ކުރީ އެ ކޯޓްގެ ފަސް ފަނޑިޔާރުންގެ އިއްތިފާގުން އެވެ.
ޕީޕީއެމްގެ އަސާސީ ގަވައިދުގައިވާ ގޮތުން މެންބަރު ކަމުން ވަކިވާން އެދޭ ހިސާބުން އެ މެންބަރަކު ޕާޓީއިން ވަކިވާނެ އެވެ. ސިޔާސީ ޕާޓީތަކުގެ ގާނޫނުގައިވާ ގޮތުން ޕާޓީއިން މެންބަރުން ވަކިވާނެ ގޮތްތައް ބަޔާންކޮށްފައި އޮންނަން ޖެހޭނީ ޕާޓީތަކުގެ އަސާސީ ގަވާއިދުގަ އެވެ.
އެގޮތުގެ މަތިން މިދިޔަ އަހަރުގެ ޖުލައި މަހުގެ 10 ވަނަ ދުވަހު އަބްދުﷲ ވަނީ ޕީޕީއެމްއިން ވަކިވާން ސިޓީ ހުށަހަޅުއްވާފަ އެވެ. އެ ސިޓީ ޕީޕީއެމްއިން ބަލައިގަތްކަން އެނގޭ ލިޔުމެއް ވެސް އަބްދުﷲގެ ފަރާތުން ހުށަހެޅި އެވެ. އެ ސިޓީގެ އިތުރުން އިލެކްޝަން ކޮމިޝަނަށް ވެސް ދަފުތަރުން ވަކިކޮށް ދޭން އެދި އަބްދުﷲ ޖުލައި މަހުގެ 11 ވަނަ ދުވަހު ސިޓީ ހުށަހެޅުއްވި އެވެ.
ނަމަވެސް ޕީޕީއެމްއިން ވަނީ އޭގެ ފަހުން އޭނާއާ ގުޅޭ ސުލޫކީ މައްސަލައެއް ބަލައި ފިޔަވަޅެއްގެ ގޮތުން ޕާޓީއިން ވަކިކުރަން ނިންމާފަ އެވެ. އެއީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުގެ ފަސް ވަނަ ދުވަހު އެވެ. އެގޮތަށް ނިންމީ ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހުގެ އިތުބާރު ނެތް ކަމުގެ ގަރާރުގައި ކުރެއްވި ސޮއި އަނބުރާ ނުނެގުމުންނެވެ. މަސީހުގެ އިތުބާރު ނެތް ކަމުގެ މައްސަލާގައި އަބްދުﷲ ސޮއި ކުރެއްވީ މިދިޔަ އަހަރުގެ ޖުލައި މަހުގެ ތިންވަނަ ދުވަހު އެވެ. އެއީ ޕާޓީއިން ވަކިވެއްޖެނަމަ ނޫނީ ވަކިކޮށްފިނަމަ މަޖިލީހުގެ ގޮނޑި ގެއްލޭ ގޮތަށް ނެރުނު ފްލޯ ކްރޮސިންގެ ހުކުމްގެ ކުރިންނެވެ. އެ ހުކުމް ނެރުނީ ޖުލައި މަހުގެ 13 ވަނަ ދުވަހު އެވެ.
ސުޕްރީމް ކޯޓުން މިއަދު އިއްވި ހުކުމުގައި އަބްދުﷲ އަހުމަދުގެ ގޮނޑި ނުގެއްލޭ ކަމަށް ކަނޑައެޅި ސަބަބުތަކުގެ ގޮތުގައި ފާހަގަކޮށްފައި ވަނީ އޭނާގެ މައްޗަށް ޕީޕީއެމްއިން ފިޔަވަޅު އަޅާފައި ވަނީ ރައްޔިތުން މަޖިލީހުގެ ރައީސް އަބްދުﷲ މަސީހުގެ އިތުބާރު ނެތްކަމުގެ ގަރާރުގެ ސޮއިކުރުމުން ކަމަށްވީ ނަމަވެސް، އެ ގަރާރުގައި އޭނާ ސޮއިކުރީ ފްލޯ ކްރޮސިންގެ އުސޫލު ތައާރަފްކުރުމަށް ސުޕްރީމް ކޯޓުން 13 ޖުލައިގައި ނެރުނު އަމުރުގެ ކުރިން ކަމަށްވާތީ އެވެ. އެ ހުކުމަކީ މާޒީއަށް ރުޖޫއަ ނުކުރެވޭނެ އަދި އެ ހުކުމްގެ ކުރިން މެންބަރަކު ކުރި އަމަލެއްގެ މައްޗަށް އަޅާ ފިޔަވަޅެއްގެ ސަބަބުން ހުކުމްގައިވާ އުސޫލުތައް އެ މެންބަރެއްގެ މައްޗަށް ނުފެތޭނެ ކަމަށް ވެސް ހުކުމްގައިވެ އެވެ.
ޕީޕީއެމްއިން އަސާސީ ގަވައިދުން މެންބަރަކު ޕާޓީއިން ވަކިވި ކަމަށް ބަލާނީ، އެ މެންބަރަކު ޕާޓީއިން ވަކިވުމަށް ސިޓީ ހުށަހަޅާ ހިސާބުންކަން ވަރަށް ސާފުކޮށް އެނގޭ ކަމަށާއި މެންބަރު އަބްދުﷲ ޕާޓީއިން ވަކިވެފައި ވަނީ ފްލޯކްރޮސިންގެ އަމުރުގެ ކުރިން ކަމަށް ވެސް ހުކުމުގައި ވަނީ ފާހަގަކޮށްފަ އެވެ.
ޕީޕީއެމްއިން ވަކިވާން އަބްދުﷲ ހުށަހެޅި ސިޓީއަށް އެއްވެސް ބެލުމެއް ނެތި، އޭނާގެ ސުލޫކީ މައްސަލައެއް ބަލައި ފިޔަވަޅު އަޅާފައިވަނީ ސިޔާސީ ޕާޓީތަކުގެ ގާނޫނާއި އެ ޕާޓީގެ އަސާސީ ގަވައިދާ ހިލާފަށް ކަމަށް ހުކުމްގައިވެ އެވެ. އިލެކްޝަން ކޮމިޝަނުން ވެސް އޭނާގެ ނަން ޕާޓީގެ ދަފްތަރުން އުނިނުކޮށް ހިފެހެއްޓި ހިފެހެއްޓުމަކީ ދުސްތޫރީ ހަމަތަކުން ހިންގާފައިިވާ ކަމެއް ނޫން ކަމަށް ހުކުމްގައިވެ އެވެ.
ހުކުމްގައި އިތުރަށް ބުނެފައިވާ ގޮތުގައި މެންބަރަކު ޕާޓީއިން ވަކި ކަމަށް ބަލަނީ ޕާޓީގެ ދަފްތަރުން އުނި ކުރުމުން ކަމަށް އިލެކްޝަން ކޮމިޝަނުން ބުނި ނަމަވެސް އެފަދަ ގޮތަކަށް ބުނާ އިބާރާތެއް ސަރީހަކޮށް އަދި ނުސީދާކޮށް ވެސް ގާނޫނުގައި ނެތެވެ. ދަފްތަރުން ނަން އުނިނުކޮށް އޮތުމުން އޭނާއަކީ މެންބަރެއް ނޫން ކަމަށް ބެލުމުގެ ހައްގު އަބްދުﷲ އަތުން ގެއްލިފައިވާ ކަމަށާއި ގާނޫނުތަކުން ލިބޭ މަންފާ އެންމެންނަށް ވެސް އެއް ހަމައެއްގައި ލިބެންޖެހޭނެކަން ހުކުމްގައި ފާހަގަކޮށްފައިވެ އެވެ.
އަބްދުﷲގެ އިތުރުން މިއަދު ވަނީ މައްޗަންގޯޅީ ދެކުނު ދާއިރާގެ މެންބަރު އަބްދުﷲ ސިނާން އާއި ދަނގެތީ ދާއިރާގެ މެންބަރު އިލްހާމް އަހުމަދާއި ތިނަދޫ ދެކުނު ދާއިރާގެ މެންބަރު ސައުދުﷲ ހިލްމީގެ ގޮނޑި ނުގެއްލޭ ކަމަށް ހުކުމްކޮށްފަ އެވެ.
އޭގެއިތުރުން 12 މެންބަރުންގެ ތެރެއިން މީގެކުރިން ވަނީ ވިލިނގިލީ ދާއިރާގެ މެންބަރު ސައުދު ހުސެއިނާއި ތުލުސްދޫ ދާއިރާގެ މެންބަރު މުހައްމަދު ވަހީދާއި މަޑުއްވަރީ ދާއިރާގެ މެންބަރު މުހައްމަދު އަމީތު އަދި ދިއްދޫ ދާއިރާގެ އަބްދުލް ލަތީފް މުހައްމަދުގެ ގޮނޑި ނުގެއްލޭ ކަމަށް ސުޕްރީމް ކޯޓުން ހުކުމްކޮށްފަ އެވެ.
ބާކީ ތިބި ހަތަރު މެންބަރުން ކަމަށްވާ ހަނިމާދޫ ދާއިރާގެ މެންބަރު ހުސެއިން ޝަހުދީ އާއި އިހަވަންދޫ ދާއިރާގެ މެންބަރު މުހައްމަދު އަބްދުﷲ އާއި ތިމަރަފުށީ ދާއިރާގެ މެންބަރު މުހައްމަދު މުސްތަފާ އަދި ފުވައްމުލައް އުތުރު ދާއިރާގެ މެންބަރު އަލީ ޝާހްގެ އަޑުއެހުންތައް ވެސް ވަނީ ނިންމާލާފަ އެވެ. ބެލެވޭ ގޮތުގައި އެ މެންބަރުންގެ މައްސަލާގައި ވެސް ވަރަށް އަވަހަށް ގޮތް ނިންމާނެ އެވެ.