ދުނިޔެ

ވެއްޓުނު ލަޔަން އެއާ ބޯޓުގައި "މައްސަލަތަކެއް" ހުރި ކަން ހާމަވެއްޖެ

Oct 30, 2018

ޖަކާޓާ (އޮކްޓޯބަރު 30) - އިއްޔެ ހެނދުނު އިންޑޮނޭޝިއާ އިން ފުރައިގެން، ސުމާޓްރާ އަށް 189 މީހުން ގޮވައިގެން ދަތުރުކުރަނިކޮށް ވެއްޓުނު ލަޔަން އެއާގެ ބޯޓުގެ ބައެއް އިންސްޓްރުމެންޓްތަކުގައި މައްސަލަތަކެއް ހުރި ކަން ހާމަވެއްޖެ އެވެ.

ބޯޓުގެ ޓެކްނިކަލް ލޮގުތަކަށް ހަވާލާދީ، ބީބީސީ އިން ބުނެފައިވާ ގޮތުގައި، ބޯޓު ވެއްޓުމުގެ ކުރީ ދުވަހު، އިންސްޓްރުމެންޓްތަކުގައި މައްސަލަތަކެއް ހުރި ކަމަށް ބުނެ، ކެޕްޓަން ވަނީ ބޯޓު ދުއްވުން ފަސްޓް އޮފިސަރާއި ހަވާލުކޮށްފަ އެވެ.

ޖަކާޓާ އިން ފުރިތާ 13 ވަރަކަށް މިނެޓު ތެރޭގައި ބޯޓުގެ އެއްވެސް ހަބަރެއް ނުވެގެން އުޅެނިކޮށް، ބޯޓު ވެއްޓިފައިވާކަމަށް އިންޑޮނޭޝިއާގެ ކަމާބެހޭ އިދާރާއިން ވަނީ ކަށަވަރުކޮށްދީފައި އެވެ.

އޮފިޝަލުން ވިދާޅުވިގޮތުގައި، ބަޖެޓު އެއާލައިނެއް ކަމުގައިވާ ލަޔަން އެއާގެ ބޯޓުން ދަތުރުކުރި 181 ފަސިންޖަރުންގެ ތެރޭގައި ތިން ކުޑަކުދިން ހިމެނޭއިރު، ކްރޫގެ އަށް މެމްބަރުން ހިމެނޭކަމަށެވެ.

ބީބީސީ އިން އިތުރަށް ބުނި ގޮތުގައި، އިންސްޓްރުމެންޓްތަކުގައި ހުރި މައްސަލަތަކާއި ގުޅިގެން، ބޯޓުގެ ދުވެއްޔާއި، ދަތުރުކުރާ އުސްމިން ނުވަތަ އެލްޓިޓިއުޑް ގައި ތަފާތުތަކެއް ހުރިކަން ކެޕްޓަނަށް ފާހަގަކުރެވިފައިވާ ކަމަށެވެ.

ނަމަވެސް، ލަޔަން އެއާ އިން ބުނީ އެ ދަތުރުގައި ފާހަގަވި މައްސަލަތައް ހައްލުކޮށްފައިވާ ކަމަށެވެ.

ބޯޓު ވެއްޓުނު ސަރަހައްދު އަދިވެސް ހޯދަމުންދާއިރު، އެ ހާދިސާގައި މިހާތަނަށް އެއްވެސް މީހަކު ސަލާމަތްވެފައިވާ ކަމެއް ރަސްމީ އިދާރާތަކުން ބުނަފައެއްނުވެ އެވެ.