ދުނިޔެ

ސީސީގެ ވެރިކަމުގައި ހުދުމުހުތާރުކަމުގެ ހުރިހާ ސިފައެއްޖެހި ނިމިއްޖެ

މިސްރުގެ ރައީސް ކަމަށް އަބްދުލް ފައްތާހު އަލް ސީސީ ވަޑައިގެންނެވި ގޮތް އެއްވެސް ބަޔަކު ހަނދާނެއް ނުނެތޭނެ އެވެ. މިސްރުގެ ޒަމާންވީ ހުދުމުހުތާރުވެރިކަން ވެއްޓި، ޑިމޮކްރަސީގެ ތެރެއިން އެގައުމުގައި ފުރަތަމަ ފަހަރަށް އިންތިހާބުކުރި ރައީސް މުހައްމަދު މުރްސީގެ މަގްބޫލުކަން ގެއްލުމުން ގެންނެވި އަސްކަރީ އިންގިލާބެއްގެ ތެރެއިންނެވެ.

މިއީ އޭރު އިސް ޖެނެރަލަކަށް ހުންނެވި ސީސީ މިސްރުގެ ވެރިކަމުގެ ބާރުތައް އެ ބޭފުޅާގެ މުށުތެރެއަށް އެންމެ ފުރަތަމަ ލެއްވި ގޮތެވެ. ނަމަވެސް ރަސްމީކޮށް ރައީސެއްގެ ހައިސިއްޔަތު ލިބިވަޑައިގަތީ އަސްކަރީ ޔުނީފޯމް ބޭލެއްވުމަށް ފަހު ރިއާސީ ރޭހަށް ނުކުމެ ވަޑައިގެން ނިކަން ބޮޑު އަޣުލަބިއްޔަތެއް ކާމިޔާބުކުރައްވައިގެންނެވެ.

ފަހަރެއްގައި މިސްރުގެ ރައްޔިތުން ބަދަލަކަށް ފެންބޮވައިގެންފައި ތިބިވަރުން ސީސީ އަށް އިތުބާރުކޮށް ވޯޓް ދިނީ އެވެ. ކޮންމެއަކަސް ސީސީ އަށް ވޯޓް ދިން އެތައް މިލިއަން ބައެއްގެ އުއްމީދުތަކާއި ހުވަފެންތައް މިއަދު މި ދިޔައީ ފެނަށެވެ.

އެމީހުން ވޯޓް ދިން ބަދަލަށް މުރްސީ ފުރުސަތު ނުދެއްވުމުން، ސީސީ އެ މަގާމަށް އިންތިހާބުކޮށްގެން އޭނާ ވެސް އެ ބަދަލަކަށް ފުރުސަތެއް ނުދެއްވި އެވެ. އަދި ސީސީ ފާހަގަކޮށްލެވެނީ މުރްސީ އަށް ވުރެން ވެސް ހުދުމުހުތާރު ވެރިއެއްގެ ގޮތުގަ އެވެ.

މިފަދަ ހިޔާލުތަފާތުވުންތަކެއް އުފެދި މިސްރު އަނެއްކާވެސް ބައިބައިވަމުން އަންނައިރު ސަރުކާރަށް ތާއީދުކުރާ މިސްރުގެ ޓީވީ ޗެނަލްތަކުން އެގައުމުގެ ރައްޔިތުންނަށް އަންގަނީ ސީސީއާ ދެކޮޅުވެރިވުމަކީ ގައުމާ ދެކޮޅުވުން ކަމަށެވެ. އަދި އެ މީހަކު ވާނީ ގައުމުގެ ދުޝްމަނަކަށް ކަމަށެވެ.

ޓީވީތަކުން ގެނެސްދޭ ސީސީއާ އެއްކޮޅު ޕްރޮޕެގެންޑާތަކުގައި އަދި މިވަރުން ހުއްޓާލަނީކީއެއް ވެސް ނޫނެވެ. މި ޗެނަލްތަކުން އަންގަނީ ތަކެތީގެ އަގު ބޮޑުވިޔަސް ރައްޔިތުން ޝަކުވާކޮށްގެން ނުވާނެ ކަމަށާއި ކަރަންޓްގެ ހިދުމަތް ނުލިބިގެން އަދި އެހެން ހިދުމަތެއް ވެސް ފުރިހަމަ އަށް ނުލިބިގެން ޝަކުވާކޮށްގެން ނުވާނެ ކަމަށެވެ.

"މި ގައުމުގައި ދިރިއުޅުން އެއީ މައްސަލައެއް ކަމަށް ގަބޫލުކުރެވޭ ކޮންމެ ރައްޔިތަކު އެމީހެއްގެ ޕާސްޕޯޓް ހިފައިގެން ގައުމު ދޫކޮށް ދާންވީ،" މިއީ ސީސީ އަށް ތާއީދުކުރާ މިސްރުގެ ޗެނަލްތަކުން ގެނެސްދޭ ޓޯކް ޝޯތަކުގެ އާންމު ބަހުރުވަ މި ދުވަސްކޮޅު ހުރި ގޮތެވެ.

ސީސީ އާއި އެ ބޭފުޅާގެ ވަފާތެރިން ރައްޔިތުންނަށް މިފަދަ ހިޔާލު ދީ އަމުރުތަކެއް ކުރަމުން ދިޔަ ނަމަވެސް ސީސީ ވެރިކަން ކުރައްވާ ގޮތަށް ފާޑުނުކިޔައި އެމީހުންނަށް މަޑުން ތިބެވޭނެ ހެއްޔެވެ؟

މިސްރަކީ 90 މިލިއަން މީހުންގެ ބޮޑު އާބާދީ އެކެވެ. އެގައުމުގައި 2012 ވަނަ އަހަރުން ފެށިގެން އަދިވެސް ގާނޫނު ހަދާ މަޖިލީހެއް ނެތެވެ. އަމަލުކުރަން ތައްޔާރުކޮށްފައި އޮތް ގާނޫނު އަސާސީ އަދިވެސް އެ އޮތީ ފާސްނުވެ އެވެ. މާނަ އަކީ މިސްރުގައި މިހާރު ހުރިހައި ކަމެއް ހިނގަނީ ސީދާ ސީސީގެ އަމުރުފުޅާ އެއްގޮތަށް ކަމެވެ.

ސިޔާސީ ގޮތުން ސީސީގެ ނިންމުންތަކާ ދެކޮޅަށް އަޑުއުފުލާނެ އިދިކޮޅު ޕާޓީއެއް މިސްރަކު މިހާރަކު ނެތެވެ. އެގައުމުގައި އޮތް އެންމެ ބޮޑު ސިޔާސީ ޕާޓީ އަދި ސީސީގެ ފިކުރާ ދެކޮޅު މުލިމް ބްރަދަހުޑްގެ ސިޔާސީ ގޮފިން ފެށިގެން ގޮސް މުޅި ޖަމާއަތް އެ އޮތީ ޓެރަރިސްޓް ޖަމާއަތެއްގެ ގޮތުގައި ލޭބަލްކޮށް ގައުމުގައި މަނާކޮށްފަ އެވެ.

ސިޔާސީ ހުރިހައި ވާދަވެރިން އެ ތިއްބެވީ ޖަލުގަ އެވެ. ނުވަތަ މަރުގެ ހުކުމް ތަންފީޒުކުރަން ތައްޔާރުވެފަ އެވެ.

ބްރަދަހުޑްގެ މަޝްހޫރު ސިޔާސީ އިޝާރާތްކަމުގައިވާ ހަތަރު އިނގިލީގެ އިޝާރާތް ދައްކާލާ މީހާ ވެސް މިސްރުން މިހާރު ލަނީ ދިގު މުއްދަތަކަށް ޖަލަށެވެ.

އަނެއްކޮޅުން ސިޔާސީ ގޮތުން އަލަށް އުފައްދާ ޕާޓީއެއް ވެސް ސަރުކާރާ ދެކޮޅަށް ހަރަކާތްތެރިވާ ނަމަ ބާރުގަދަ ފުލުހުންނާއި ސިފައިން ނެރެގެން ސީސީ އެ ގެންދަވަނީ އެފަދަ ފަރާތްތަކުގެ އަނގަ ބަންދުކުރައްވަމުންނެވެ. އިންސާނީ ހައްގުތަކަށް މަސައްކަތްކުރާ ފަރާތްތަކުން ބުނަނީ ކުރީގެ ރައީސް ހުސްނީ މުބާރަކްގެ އަނިޔާވެރިކަން އެނބުރި އަތުވެއްޖެ ކަމަށެވެ.

މިސްރުގެ މަގުތަކުގައި ސަރުކާރާ ދެކޮޅަށް މިހާރު މުޒާހަރާކުރުމަކީ ވެސް ފަސޭހަ ކަމެއް ނޫނެވެ. ހަރުކަށި ގާނޫނުތަކެއް އާންމުކޮށްގެން މަގުތަކުން އިދިކޮޅު ފަރަތްތައް ވެސް އެ ވަނީ ފައްސާލައިފަ އެވެ.

މުޒާހަރާކޮށް ސަރުކާރާ ދެކޮޅަށް ނުކުންނަ މީހުން ހައްޔަރުކޮށް މިހާރު ވެސް 1،500 މީހެއްގެ މައްޗަށް އެ ވަނީ އެކި ކުށްތައް ސާބިތުކޮށް މަރުގެ ހުކުމް އިއްވައިފަ އެވެ.

މިސްރު އަލުން އާރާސްތުކޮށް އިސްލާހުކޮށް ކޮޅަށް ނަގައި ދެއްވާނެ ކަމަށް ވައުދުވެ ވަޑައިގެން ސީސީ އެގައުމުގެ ވެރިކަމާ ހަވާލުވެ ވަޑައިގެންނެވިތާ މިހާރު އެއް އަހަރުވީ އެވެ. ވައުދުވެ ވަޑައިގެންނެވި ބަދަލު ނުފެނި އަހަރު ދުވަސް ތެރޭގައި ސީސީ ބަދަލުވެވަޑައިގަތީ ހުދުމުހުތާރުވެރިޔަކަށެވެ.