ހަބަރު

މަޖިލީހުގައި ޖެހި "އުސް ފެންސް" ނަގަން ގޮވާލައިފި

ރައްޔިތުން މަޖިލީހުގެ ރިޔާސަތު ކުރިޔަށް ވުރެ އުސްކޮށް، ރިޔާސަތު ވަަށައިގެން ފިލައިން ހަދާފައިވާ އުސް ފެންސު ނެގުމަށް ފުވަމުލަކު އުތުރު ދާއިރާގެ މެންބަރު އަލީ ޝާހު ގޮވާލައިފި އެވެ.

މިދިޔަ އަހަރުގެ ތެރޭގައި 12 މެންބަރުންގެ ގޮނޑި ގެއްލުވާލުމާއެކު އިދިކޮޅު ފަރާތްތަކުން މަޖިލީހުގެ ތަޅުމުގައި ކުރި އިހުތިޖާޖުތަކާ ހެދި ސިފައިން ބޭނުންކޮށްގެން ވެސް ޖަލްސާތައް ބާއްވަން އުނދަގޫވެގެން ސަރުކާރުން ވަނީ ތަޅުމަށް ބޮޑު ބަދަލެއް ގެނެސްފަ އެވެ. އެގޮތުން މެންބަރުންގެ އިސްކޮޅާ އެއްވަރުގެ އުސް ލަކުޑި ފާރެއް އަޅާ، މަޖިލީހުގެ ރައީސް އިންނަވާ މޭޒު ވަނީ ކުރިޔަށް ވުރެ އުސްކޮށްފަ އެވެ.

އެކަމަށް އިޝާރަތް ކުރައްވާ ވާހަކަދައްކަވަމުން ގޮނޑި ގެއްލުވާލި ކަމަށް އޭރު ކަނޑައެޅުއްވި ޝާހު ވިދާާޅުވީ އެ ފާރަކީ އަޅުވެތި ކަމުގެ ރަމްޒެއް ކަމަށެވެ. އަދި މިއަދު 12 މެންބަރުން މަޖިލީހުގައި ތިބި އިރު އެ އަޅުވެތިކަމުގެ ރަމްޒު މަޖިލީހުން ނަގާ، ތަޅުން ސާފު ކުރަން ޖެހޭ ކަމަށް ޝާހު ވިދާޅުވި އެވެ. އަދި ރިޔާސަތު ސަލާމަތް ކުރާނީ ގާނޫންތައް ބޭނުންކޮށްގެން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"އެ ފެންސުތައް މިއަދުން މިއަދަށް ނަގާ އަޅުވެތިކަން މަޖިލީހުގެ ތެރެއިން ސާފު ކުރަން ޖެހޭ، ރިޔާސަތު ސަލާމަތް ކުރެވޭނީ ގާނޫންތަކާ ގަވައިދުތަކުގެ ތެރެއިން، ބޮޑު ފާރެއް ޖަހައިގެން ނޫން،" ޝާހު ވިދާޅުވި އެވެ.

ފާރު ޖެހިއިރު ރިޔާސަތުގެ އާ ޑިޒައިންގެ މޭސްތިރިއަކީ މަޖިލީހުގެ ނައިބު ރައީސް ރީކޯ މޫސާ މަނިކު ކަމަށް އޭރު ޕީޕީއެމްގެ ޕީޖީ ލީޑަރު އަހުމަދު ނިހާން ހުސެއިން މަނިކު ވަނީ ވިދާޅުވެފަ އެވެ. އޭރު މޫސަ ޕީޕީއެމްއާއެކު މަަސައްކަތް ކުރެއްވި ނަމަވެސް މިހާރު މަޖިލީސް ހިންގަވަނީ މޫސަ އެވެ. އަދި އޭނާ ގެންދަވަނީ ޕީޕީއެމްއަށް ފާޑު ވިދާޅުވަމުންނެވެ.