ހަބަރު

އެންޓި ޑިފެކްޝަން ގާނޫނު އުވާލަން ހުށަހެޅި ބިލު ކޮމިޓީއަށް

ރައްޔިތުން މަޖިލީހުގެ މެންބަރަކު އިންތިހާބުވާ ޕާޓީއަކުން ވަކިވެއްޖެ ނަމަ ނޫނީ ވަކިކޮށްފި ނަމަ ނުވަތަ އެ މެންބަރަކު ޕާޓީ ބަދަލުކޮށްފި ނަމަ ގޮނޑި ގެއްލޭ ގޮތަށް އެކުލަވާލި، އެންޓި ޑިފެކްޝަން ގާނޫނު އުވާލަން މަޖިލީހަށް ހުށަހެޅި ބިލު ބަލައިގަތުމަށް މަޖިލީހުން މިއަދު ފަސްކޮށްފި އެވެ.

އެންޓި ޑިފެކްޝަން ގާނޫން އުވާލުމުގެ ބިލު ބަލައިގަތުމަށް ފެންނަ ކަމަށް ވޯޓު ދެއްވީ 34 މެންބަރުންނެވެ. އަދި އެ ބަލައިގަންނަން ނުފެންނަ ކަމަށް ދެ މެންބަރަކު ވޯޓު ދެއްވި އިރު ވަކި ގޮތަކަށް ނުފެންނަ ކަމަށް ވެސް ދެ މެންބަރަކު ވޯޓު ދެއްވި އެވެ. އެ ބިލު ވަނީ އިތުރަށް ދިރާސާ ކުރެއްވުމަށް ހަތް މެންބަރުންގެ ވަގުތީ ކޮމިޓީއަކަށް ފޮނުވައިފަ އެވެ.

ވަގުތީ ކޮމިޓީގައި ހިމެނޭ މެންބަރުން:

  • ދަނގެތި ދާއިރާގެ މެންބަރު އިލްހާމް އަހުމަދު
  • ކަނޑިތީމު ދާއިރާގެ މެންބަރު މުހައްމަދު ހުސެއިން
  • ކުޅުދުއްފުށީ އުތުރު ދާއިރާގެ މެންބަރު އަބްދުލް ގަފޫރު މޫސާ
  • ކެނދިކުޅުދޫ ދާއިރާގެ މެންބަރު އަލީ މައުރޫފް
  • އޭދަފުށީ ދާއިރާގެ މެންބަރު މުހައްމަދު ސަލީމް
  • ފުވަމުލަކު އުތުރު ދާއިރާގެ މެންބަރު އަލީ ޝަހު
  • ތިމަރަފުށީ ދާއިރާގެ މެންބަރު މުހައްމަދު މުސްތަފާ

އެ ބިލުފައިވާ ގޮތުން ރައްޔިތުން މަޖިލީހުގެ މެންބަރަކު އިންތިހާބުވި ޕާޓީން ވަކިކޮށްފި ނަމަ ނޫނީ އަމިއްލައަށް ވަކިވެއްޖެ ނަމަ ނުވަތަ ޕާޓީ ބަދަލުކޮށްފި ނަމަ ގޮނޑި ގެއްލޭނެ އެވެ. އަދި މިދިޔަ އަހަރުގެ ޖުލައި 13 ވަނަ ދުވަހުން ފެށިގެން އެފަދަ ހާލަތެއް މެންބަރަކަށް މެދުވެރިވެއްޖެ ނަމަ އެ މީހުންގެ މައްޗައް ވެސް ގާނޫނު ހިނގާނެ ކަމަށެވެ. ޖުލައި މަހުގެ 13 ވަނަ ދުވަހަކީ ފްލޯ ކްރޮސް ކޮށްފިނަމަ ގޮނޑި ގެއްލޭނެ ކަމަށް ސުޕްރީމް ކޯޓުން ހުކުމްކުރި ދުވަހެވެ.

އެ ހުކުމަށް ރިއާޔަތްކޮށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހުގެ އިތުބާރު ނެތް ކަމަށް ސޮއި ކުރެއްވި ޕީޕީއެމްއަށް ނިސްބަތްވާ 12 މެންބަރުންގެ ގޮނޑި ގެއްލިފައިވާ ކަމަށް އިލެކްޝަން ކޮމިޝަނުން ކަނޑައެޅި އެވެ. އަދި، މަސީހުގެ އިތުބާރު ނެތް ކަމުގެ މައްސަލަ ބާތިލްވި ކަމަށް މަޖިލީހުން ނިންމި އެވެ.

ނަމަވެސް އެ 12 މެންބަރުން މިއަދު ވަނީ މަޖިލީހަށް ހާޒިރުވެ އެންޓި ޑިފެކްޝަން ގާނޫނު އުވާލުމަށް ވަނީ ވޯޓު ދެއްވައިފަ އެވެ. އެ މައްސަލާގައި ބަހުސް ކުރެއްވި ގިނަ މެންބަރުން ވެސް ވަނީ އެ ގާނޫން އުވާލުމަށް ތާއީދު ކުރައްވާ ވާހަކަ ދައްކަވައިފަ އެވެ. ނަމަވެސް ފަހުން ގާނޫން އަސާސީއަށް ބަދަލު ގެނެސް އެ ފަދަ ގާނޫނެއް ވުޖޫދަށް ގެނައުން ރަނގަޅު ވާނެ ކަމަށް ވެސް ބައެއް މެންބަރުން ވިދާޅުވި އެވެ.