ހަބަރު

މެންބަރުންނަށް ހެދި ގޮތާ ދެކޮޅަށް މަސައްކަތް ކުރިން: ނަޝީދު

ދުވަސްތަކަކަށް ފަހު ހިމޭނުން ހުންނެވުމަށް ފަހު ރައްޔިތުން މަޖިލީހުގެ ތެރޭގައި ހިންގި ގިނަ ކަންތައްތަކާ ދެކޮޅު ހެއްދެވިކަމަށް ކުޅުދުއްފުށީ ދެކުނު ދާއިރާގެ މެންބަރު މުހައްމަދު ނަޝީދު މިއަދު ހާމަ ކުރައްވައިފި އެވެ.

ގާނޫނީ ދާއިރާގައި ފުންނާބު އުސް ނަޝީދު ވަނީ އެންޓި ޑިފެކްޝަން ބިލާއި ސަރުކާރުން ހުށަހެޅި އެހެން ބައެއް މައްސަލަތަކަށް ވޯޓު ދިނުމަށް ދެކޮޅު ހައްދައިފަ އެވެ. ނަމަވެސް ފާޅުގައި އެކަންކަމާ ދެކޮޅު ހައްދަވާ ވާހަކައެއް ނަޝީދު ނުދައްކަވަ އެވެ.

ނަމަވެސް އެންޓި ޑިފެކްޝަން ބިލު އުވާލުމަށް މިއަދު ބޭއްވި މަޖިލީހުގެ ޖަލްސާގައި ބަހުސް ކުރައްވަމުން ނަޝީދު ވަނީ އޭނާ ދެކޮޅު ހައްދަވާ މަސައްކަތް ކުރެއްވި ކަމަށް ވިދާޅުވެފަ އެވެ. ނަޝީދު ވިދާޅުވީ އެންޓި ޑިފެކްޝަން ގާނޫނަކީ ގާނޫން އަސާސީއާ ހިލާފު ގާނޫނެއް ކަމަށާއި ގޮނޑިއާ މެދު 13 ޖުލައިގެ ހުކުމް ނެރުމުގެ ކުރިން އެފަދަ އަޑުތައް ފެތުރެން ފެށި ހިސާބުން ވެސް އެކަމާ ދެކޮޅަށް މަސައްކަތް ކުރަމުން ދިޔަ ކަމަށެވެ. އަދި އެ ހުކުމަކީ ވެސް ގާނޫން އަސާސީގެ ތަރަހައިގެ ތެރޭގައި ނެރުނު ހުކުމެއް ކަމަށް ވެސް ގަބޫލެއް ނުކުރައްވާ ކަމަށާއި އެކަމާ ގުޅިގެން ވެސް ހަތަރު ފަހަރަކަށް އެކަމާ ދެކޮޅާ ވާހަކަދައްކާފައިވާ ކަމަށް ނަޝީދު ވިދާޅުވި އެވެ.

ނަޝީދު ވިދާޅުވީ ދިއްގަރު ދާއިރާގެ މެންބަރު ފާރިސް މައުމޫން އާއި އެހެން ބައެއް މެންބަރުން މަޖިލީހަށް ހާޒިރު ނުވެވޭ މަައްސަލާގަ އާއި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމްއަށް ޣައިރު ހާޒިރުގައި ހުކުމް ކުރި މައްސަލާގައި އެކަމާ ދެކޮޅަށް ވާހަކަދައްކާފައިވާ ކަމަށެވެ. އަދި މަޖިލީހުގެ 12 މެންބަރުން މަޖިލީހަށް ނުވަދެވި، ބައެއް މެންބަރުން ބަންދުވުމާ ގުޅިގެން ޕްރޮސެކިއުޓާ ޖެނަރަލްގެ ޒިންމާއާ ބެހޭ ގޮތުން ވެސް ވާހަކަދައްކާފައިވާ ކަމަށް ނަޝީދު ވިދާޅުވި އެވެ.

"ތެދުފުޅެއް، ސަރުކާރުގެ ހުރިހާ ކަމަކަށް އަޅުގަނޑު އެއްޗެއް ނުބުނަން، އެހެން ނަމަވެސް ރައްޔިތުންގެ މަޖިލީހާ ބެހޭ ގޮތުން މިގޮތަށް ވާހަކަދެކެެވެން ފެށި ހިސާބުން ފެށިގެން އަޅުގަނޑު ހުންނާނީ ހިޔާލު ފާޅުކޮށްފައި،" ނަޝީދު ވިދާޅުވި އެވެ. "އަޅުގަނޑަށް މަޖިލީހުގެ މެންބަރުންނާ ބެހޭ ގޮތުން އޭރުގައި ކަންކަން ކުރެވިގެން ދިޔައީ އަޅުގަަނޑު އެއް އިރެއްގައި ވެސް ގަބޫލު ކުރި ގޮތަކަށް ނޫން، އެއާ ބެހޭ ގޮތުން އަޅުގަނޑަށް ދެއްކުނު މިންވަރަކަށް ހުންނާނީ ވާހަކަ ދައްކާފައި، އިތުރަށް ކުރެވޭނެ ކަަންތައްތަކެއް ވެސް އޭރަކުއެއް ނެތް،"

ގޮނޑި ގެއްލޭނެ ކަމަށް ގާނޫން އަސާސީގެ 73 ވަނަ މާއްދާ ކަނޑައެޅިގެން ހަތަރު ހާލަތެއް ބަޔާންކޮށްފައިވާ އިރު އިތުރު ހާލަތެއް ގާނޫނަކުން އިތުރެއް ނުކުރެވޭނެ ކަމަށާއި އެކަން ބަދަލު ކުރެވޭނީ ގާނޫން ބަދަލުކޮށްގެން ކަމަށް ނަޝީދު ވިދާޅުވި އެވެ. އަދި އެ ގާނުން އެއްކޮށް ވަޅުލަން ޖެހޭނެ ކަމަށް ނަޝީދު ވިދާޅުވި އެވެ.