ރައްޔިތުން މަޖިލީހުގެ ރައީސް އަބްދުﷲ މަސީހު މުހައްމަދުގެ އިތުބާރު ނެތް ކަމަށް މިދިޔަ އަހަރުގެ ޖުލައި މަހުގެ ތިންވަނަ ދުވަހު ހުށަހެޅި މައްސަލަ ސައްހަ ކަމަަށް ނިންމައި މާދަމާ އެ މައްސަލަ ކުރިޔަށް ގެންދަން މަޖިލީހުގެ އާންމު ކޮމިޓީއިން ނިންމައިފި އެވެ.
އަވަސްއަށް ކަށަވަރުވެފައިވާ ގޮތުގައި މަޖިލީހުގެ އާންމު ކޮމިޓީއިން މިއަދު ނިންމާފައިވަނީ އިދިކޮޅު ފަރާތްތަކުން މިދިޔަ އަހަރު ހުށަހެޅި އިތުބާރު ނެތް މައްސަލަ ކުރިޔަށް ގެންގޮސް، އެ މައްސަލާގައި ޖަވާބުދާރީވުމަށް މަސީހަށް އިތުރު ފުރުސަތެއް ވެސް ނުދިނުމަށެވެ. އެ ޖަލްސާ ތާވަލުކޮށްފައި ވަނީ މާދަމާ ރޭ 8:00 ހާއިރަށެވެ.
މަޖިލީހުގެ 45 މެންބަރުންނާއެކު މިދިޔަ އަހަރުގެ ތެރޭގައި މަސީހުގެ އިތުބާރު ނެތް ކަމުގެ މައްސަލަ ހުށަހެޅުމުން 12 ޕާޓީ ބަދަލުކުރުމުން މެންބަރުކަން ގެއްލޭ ގޮތަށް ހެދުމަށް ބަންޑާރަ ނައިބުގެ ފަރާތުން ސުޕްރީމް ކޯޓަށް ދިޔަ އެވެ. އެގޮތުގެ މަތިން އެ ކޯޓުން ފްލޯ ކްރޮސިންއާ ގުޅޭ ހުކުމް ނެރުނެވެ. އެ ހުކުމަށް ރިއާޔަތްކޮށް މަސީހުގެ އިތުބާރު ނެތް ކަމަށް ސޮއި ކުރެއްވި ޕީޕީއެމްއަށް ނިސްބަތްވާ 12 މެންބަރުންގެ ގޮނޑި ގެއްލިފައިވާ ކަމަށް އިލެކްޝަން ކޮމިޝަނުން ކަނޑައެޅި އެވެ. އަދި، މަސީހުގެ އިތުބާރު ނެތް ކަމުގެ މައްސަލަ ބާތިލްވި ކަމަށް މަޖިލީހުން ނިންމި އެވެ.
ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ އިތުބާރު ނެތް ކަމަށް ހުށަހެޅޭނީ މަދުވެގެން 42 މެންބަރުން ސޮއިކޮށް ހުށަހަޅާ ގަރާރަކުން ކަމަަށް މަޖިލީހުގެ ގަވައިދަށް ބަދަލު ގެނެސްފައިވެ އެވެ.
މެންބަރުންގެ ގޮނޑިތައް ގެއްލުވާލުމުންއެ އެ 12 މެންބަރުން ހުށަހެޅި ދުސްތޫރީ މައްސަލަތަކުގައި ސުޕްރީމް ކޯޓުން ނިންމީ އެއިން އެއްވެސް މެންބަރެއްގެ ގޮނޑި ނުގެއްލޭ ކަމަށެވެ. އެހެންވެ އެ މެންބަރުން މިއަދު މަޖިލީހުގެ ޖަލްސާގައި ބައިވެރިވެވަޑައިގަތެވެ. ކޮމެޓީއިން އެ މައްސަލަ ސައްހަ ކަމަށް ކަނޑައެޅީ އެހެންވެ އެވެ.
ކުރީގެ ގަރާރު ސައްހަ ކަމަށް ކަނޑައަޅާފައިވާއިރު މިދިޔަ ހަފުތާގެ ތެރޭގައި ވެސް މަސީހުގެ އިތުބާރު ނެތް ކަމަށް ހުށަހަޅާފައިވެ އެވެ. އެންމެފަހުން ހުށަހެޅި ގަރާރުގައި 51 މެންބަރުން ސޮއި ކުރެއްވި އެވެ. އޭގެ ތެރޭގައި 12 މެންބަރުން ނުހިމެނެ އެވެ.